Advertisement

ހާލަންޑް އެނބުރި ފޯމަށް، ބާސެލޯނާ އަދި ޕީއެސްޖީއަށް ވެސް މޮޅެއް

26 އޮކްޓޯބަރު 2023 - 10:01 0


ހާލަންޑް އެނބުރި ފޯމަށް، ބާސެލޯނާ އަދި ޕީއެސްޖީއަށް ވެސް މޮޅެއް

26 އޮކްޓޯބަރު 2023 - 10:01 0

ބާން، ސްވިޒަލެންޑް (އޮކްޓޯބަރު 26) - އާލިން ހާލަންޑްގެ ދެ ގޯލާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްވިޒަލެންޑުގެ ޔަންގް ބޯއީސް އަތުން 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، މުބާރާތުގައި ބާސެލޯނާ އާއި ޕީއެސްޖީ އިން ވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.

ޔަންގް ބޯއީސް އަތުން ސިޓީ މޮޅުވި މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ހާލަންޑުގެ އިތުރުން ޑިފެންޑަރު މެނުއެލް އަކަންޖީ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގައި ހާލަންޑް ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ.

ރޭގެ މޮޅާއެކު ސިޓީ ވަނީ ޗެމްޕިއަންސް ލީގުގައި ބަލިނުވެ ޖެހިޖެހިގެން 16 މެޗު ހަމަކޮށްފަ އެވެ. މިއީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ ކެރިއަރުގެ ރެކޯޑެކެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ޖަރުމަނުގެ އާރްބީ ލައިޕްޒިގުން ވަނީ އަމިއްލަ ދަނޑުގައި ރެޑް ސްޓާ ބެލްގްރޭޑް 3-1 އިން ބަލިކޮށްފަ އެވެ. މި ނަތީޖާތަކާއެކު ސީޓި އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާއިއެކު އެވެ. ދެ ވަނައިގައި ލައިޕްޒިގް އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ޔަންގް ބޯއީސް އާއި ރެޑް ސްޓާ ބެލްގްރޭޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ރޭ ޔޫކްރޭނުގެ ޝަކްތަރު ޑޮނެކްސް އަތުން 2-1 އިން ހޯދި މޮޅާ އެކު އެ ޓީމު މި ވަނީ ތިން މޮޅު ހަމަކޮށްފަ އެވެ. މި މެޗުގައި ބާސެލޯނާގެ ގޯލުތައް ޖަހައިދިނީ ފެރާން ޓޮރޭސް އާއި ފާމިން ލޮޕޭޒް އެވެ.

ޝަކްތަރު ޑޯނެސްކް ކޮޅަށް ގޯލު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރުންތެރިން އުފާފާޅުކުރަނީ


ބާސެލޯނާ ހިމެނޭ ގްރޫޕްގެ އަނެއް މެޗުގައި ޕޯޓޯއިން ވަނީ ރަށުން ބޭރުގައި ރޯޔަލް އެންޓްވާޕް އަތުން 1-4 އިން މޮޅުވެފަ އެވެ. މި މެޗުގައި ޕޯޓޯގެ ބްރެޒިލް ފޯވާޑް އެވަލިންސަން ހެޓްރިކެއް ހެދި އެވެ. މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހެޓްރިކެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ނުވަ ޕޮއިންޓާއެކުގަ އެވެ. ދެ ވަނައިގައި ޕޯޓޯ ހަ ޕޮއިންޓް ހޯދައިގެން އޮތްއިރު، ޝަކްތަރަށްވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ބެލްޖިއަމްގެ އެންޓްވާޕަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ އެންމެ ވާދަވެރި ގްރޫޕުގައި ރޭ ޕީއެސްޖީ އިން ވަނީ އޭސީ މިލާން އަތުން 3-0 އިން މޮޅުވެފަ އެވެ. މެޗުގައި ޕީއެސްޖީގެ ގޯލުތައް ޖަހައިދިނި ކިލިއަން އެމްބާޕޭ، ރަންޑަލް ކޯލޯ މުއާނީ އަދި ލީ ކަންގް އިން އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ބޮރޫޝިއާ ޑޯޓްމުންޑުންވަނީ 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މި ނަތީޖާތަކާއިއެކު ގްރޫޕް އެފްގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ހަ ޕޮއިންޓާއިއެކުގަ އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓް ހޯދައިގެން ޑޯޓްމުންޑް އޮތްއިރު ނިއުކާސަލް އަށްވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ދެ ޕޮއިންޓް ހޯދައިގެން މިލާން އެވެ.