Advertisement

ނަޝީދުގެ މައްސަލަ ނުނިންމައި މުއިއްޒުގެ ހުވާ ސައްހަ ނުވާނެ، ކެބިނަޓަށް ޖަހާނީ 'ނޯ': އެމްޑީޕީ

25 އޮކްޓޯބަރު 2023 - 21:08 1

އަމަން ހަލީމް

އަމަން ހަލީމް

އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮކްޓޯބަރު 29, އަށް ވަނީ އެޖެންޑާކުރަން ނިންމާފައި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ނަޝީދުގެ މައްސަލަ ނުނިންމައި މުއިއްޒުގެ ހުވާ ސައްހަ ނުވާނެ، ކެބިނަޓަށް ޖަހާނީ 'ނޯ': އެމްޑީޕީ

25 އޮކްޓޯބަރު 2023 - 21:08 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި ވޯޓަށް ނާހައި ރައީސުލްޖުމްހޫރިއްޔާ ކުރާ ހުވާ ސަައްހަ ނުވާނެތީ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިކަން ހާމަކުރީ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދާހާ ހިނދަކު މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަން އިއުލާންކުރަން ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު، ގަދަ ބާރުން މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ހުންނަވާ ކަމަށް ތުހުމަތުކުރައްވަމުން، ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތް ރައީސަކަށް ނުހުރެވޭނެ ކަމަށެވެ. އަދި, މަޖިލީހުގެ ރައީސަށް މެމްބަރުންގެ އިތުބާރު އޮންނަން ޖެހޭ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ނަޝީދުގެ މައްސަލައިގައި ވޯޓަށް އަހަން ޖެހޭ ކަމަށެވެ.

"މީގަ ރަނގަޅު ގޮތަކީ ދެންވެސް ވީހާވެސް އަވަހަކަށް މަޖިލީހުގެ މެމްބަރުންގެ އިތުބާރު އޮއްތޯ ނެތްތޯ ބެލުން ވޯޓަށް އަހާފައި. ނެތް ކަމަށް ވަންޏާމުން ދުރަށް ވަޑައިގެންފަ، ދެން އެހެން ބޭފުޅަކަށް އެ ފުރުސަތު ލިބުން" ނާޝިޒް ވިދާޅުވި އެވެ.

"ލިބިގެން އެއާ އެކީގައި އަޅުގަނޑުމެން ކުރިއަށް ގޮސްގެން މިކަން ކުރިއަށް ގެންދެވޭނީ"

އެމްޑީޕީގެ މެމްބަރުން ބުނަމުން އަންނަ ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކޮށް ދިގުދެންމުމުގެ މަގުސަދަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި އިންނަވަން ނަޝީދު ޖައްސަވާ މަޅިއެކެވެ. މިކަމާ ގުޅުވައި ނާޝިޒް ވިދާޅުވީ، ނަޝީދު އެގޮތަށް ކަންކުރައްވައިގެން ހުވާކުރައްވާ ޖަލްސާގައި އިންނެވުމުން މުޅި ޖަލްސާގެ ގާނޫނީ ހައިސިއްޔަތު ގެއްލޭ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން 17 ނޮވެމްބަރު 2023 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން، އިތުބާރު ނެތް ކަމަށް ހުށަހެޅިފައި އޮތް މައްސަލައާ މެދު ވަކި ގޮތެއް ވޯޓުން ނުނިންމައި އިންނަވައިގެން އެ ޖަލްސާ ކުރިއަށް ގެންދަވެން އޮތް ގާނޫނީ ޖަލްސާއެއް ކަމަކަށް," އޭނާ ވިދާޅުވި އެވެ.

ނާޝިޒު ވަނީ ޖަލްސާ މިގޮތަށް ބާއްވައިފި ނަމަ، މިހާރ ވެސް މަޖިލީހުގައި އެންމެ މެމްބަރުން ތިބި، އެމްޑީޕީން ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށްް ވަރަށް ސާފުކޮށް ވިދާޅުވެފަ އެވެ.

އެމްޑީޕީން މިގޮތަށް ނިންމިކަން އިއުލާންކޮށްފައި މިވަނީ އަންނަން އޮތް ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނިކޮށެވެ. ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ މި ނިންމުން ރައީސްގެ ނިންމެވުމާ ތައާރުޒުނުވޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އެމްޑީޕީން ބުނީ އެގޮތަށް ގަބޫލުނުކުރާ ކަމަށެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކު އޮކްޓޯބަރު 8, ގަ އެވެ. މައްސަލައިގެ ނޯޓިސް ނަޝީދާއި މެމްބަރުންނަށް ފޮނުވާފައިވާއިރު އަންނަ އާދިއްތަ ދުވަހަށް މައްސަލަ އެޖެންޑާ ކުރުމަށް ވަނީ ނިންމާފަ އެވެ.

އެ މައްސަލާގައި އެމްޑީޕީން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ތްރީ ލައިން ވިޕެއް ނެރެ އެ ޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެ ޕާޓީގެ މެމްބަރުންނަށް އަންގާފަ އެވެ.