އެމްބިއުލާންސް ސާވިސްގެ ބައެއް މުވައްޒަފުން. މި ހިދުމަތް އެންމެ ފުރަތަމަ ފެށީ ގްރޭޓާ މާލެ ސަރަހައްދުގައި --- ފޮޓޯ: ހެލްތު މިނިސްޓްރީ
ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގައުމީ ފެންވަރުގައި އެމްބިއުލާންސް ހިދުމަތްތައް ފުރަތަމަ ފަހަރަށް ފަށައިފި އެވެ.
މި ހިދުމަތް އެންމެ ފުރަތަމަ ފެށީ ގްރޭޓާ މާލެ ސަރަހައްދުގަ އެވެ. ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި މި ހިދުމަތް ދިނުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމްކޮށް މިކަމަށް ހާއްސަ ނަންބަރެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން, ކަނޑައަޅާފައިވާ ނަންބަރަކީ 100 (އެކެއް.ސުމެއް.ސުމެއް) އެވެ.
މި ހިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަގުސަދަކީ މެޑިކަލް އިމަޖެންސީތަކާއި އެކްސިޑެންޓުތަކުގައި އަވަހަށް އެޓެންޑްވެ ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއާގެ ހިދުމަތް ފޯރުކޮށްދީ ބަލި މީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
މިއީ މި ސަރައްހަދުގެ ހޮސްޕިޓަލްތަކާއި އަދި ގައުމީ އެމްބިއުލާންސް ޚިދުމަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދާނެ ހިދުމަތެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން, މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކާއި އަދި ކަމާ ގުޅުންހުރި މުއައްސަސާތަކުން ބައިވެރިވެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެކި ސަރަހައްދުތަކަށް ބަހާލައިގެން މުޅި ރާއްޖެއަށް މި ހިދުމަތް ތައާރަފްކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Comment