Advertisement

ބައެއް ކުންފުނިތަކާއި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލަށް ހުށަހަޅަނީ

25 އޮކްޓޯބަރު 2023 - 13:30 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް : އޭނާ ވިދާޅުވީ ބައެއް ކުންފުނިތަކާއި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ބައެއް ކުންފުނިތަކާއި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލަށް ހުށަހަޅަނީ

25 އޮކްޓޯބަރު 2023 - 13:30 1

އިންތިގާލީ ކޮމިޓީތަކުން މިހާތަނަށް ކުރި މަސައްކަތުން ހާއްސަ އޮޑިޓެއް ކުރަން ޖެހޭ ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިދާރާތަކެއް ފާހަގަވެފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވި އެވެ.

އެ އިދާރާތަކާއި ކުންފުނިތަކުގެ ހާއްސަ އޮޑިޓު ކުރުމަށް އޮޑިޓާ ޖެނެރަލްގެ އަރިހުން އެދުމަށް ތައްޔާރުވަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވި އެވެ. ނަމަވެސް, އޮޑިޓުކުރަން ހުށަހަޅާ ތަންތަނުގެ ތަފުސީލެއް ނުދެއްވަ އެވެ.

"އަޅުގަނޑުމެން ގަސްތުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޮޑިޓާ ޖެނެރަލްއަށް މި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ހެދުމަށް ދެންނެވުމަށް، މި މަސައްކަތާއި ނިންމުންތަކާ ގުޅޭ ތަފުސީލު އަޅުގަނޑު ފަހުން އަރުވާނަން" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުން އިދާރާތަކަށް ގޮސް ކުރާ މަސައްކަތަކީ އެ ތަންތަނުގެ ހާލަތު ބެލުން ކަމަށާއި އޮޑިޓެއް ކުރުން ނޫން ކަމަށެވެ. އަދި، ހާއްސަ އޮޑިޓަކަށް ދާން ނިންމީ އެގޮތަށް ހޯދުނު މައުލޫމާތުގެ އަލީގައި ކަމަށެވެ.

މި ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށް އަލަށް އިންތިހާބުވި ސަރުކާރުގެ ބައިވެރިންނާއި ވެރިކަންކުރާ އެމްޑީޕީއިން ވަކިވެ އުފެދުނު ޑިމޮކްރެޓްސްއިން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ނިމުނު ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް އޭސީސީއަށް ހުށަހެޅުނު 190 މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އެގޮތުން ފެނަކަ ކޯޕަރޭޝަނުގެ 75 މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަތަކާ ގުޅޭ 20 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށްވެސް އޭސީސީއިން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ކުންފުނިން ބުނީ އޭސީސީއިން މައުލޫމާތު ދީފައިވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށާއި އޭސީސީއިން ހޯދުމަށް އަންގާފައިވާ ފައިސާ ކަމަށް ބުނެ އާންމުކޮށްފައިވާ އަދަދާއި، ބަލާ މައްސަލަތައް ކަމަށް އާންމުކޮށްފައިވާ ތަފާސް ހިސާބަކީ 2012 ވަނަ އަހަރު އެކުންފުނި ވުޖޫދުވީ ދުވަހުން ފެށިގެން ހުރި އަދަދު ކަމަށެވެ.

ފެނަކައިގެ އިތުރުންވެސް ގިނަ ކުންފުނިތަކަކާއި އިދާރާތަކަކުން ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އަލަށް ސަރުކާރާ ހަވާލުވާ ޕީއެންސީ ކޯލިޝަނުން ތުހުމަތު ކުރެ އެވެ.