Advertisement

ހަ ޝޮޓުން، ހަ ގޯލު ވަނުމަކީ މައްސަލައެއް، ރަނގަޅުކުރަން ޖެހޭ: މިލޯ

25 އޮކްޓޯބަރު 2023 - 12:19 0

އޭއެފްސީ ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާ ކޯޗު މިލޯ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހަ ޝޮޓުން، ހަ ގޯލު ވަނުމަކީ މައްސަލައެއް، ރަނގަޅުކުރަން ޖެހޭ: މިލޯ

25 އޮކްޓޯބަރު 2023 - 12:19 0

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ އޮޑިސާ އަތުން ބޮޑު ތަފާތަކުން ބަލިވި މައިގަނޑު ސަބަބަކީ މެޗަށް އެކަށީގެންވާ މިންވަރަށް ފޯކަސް ނުބެހެއްޓުމުން ކަމަށް މާޒިޔާގެ ބޮސްނިއާ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

އޮޑިސާ އަތުން 6-1 އިން ބަލިވެ އޭއެފްސީ ކަޕްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު މާޒިޔާ އަށް ހަނިވެފައިވާއިރު، މިއީ މި މުބާރާތުގެ ތާރީޚުގައި މާޒިޔާ ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު މިލޯ ބުނީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މާޒިޔާގައި ތިބުމުން އެޓީމަށް މި މެޗަށް ފޯކަސްކޮށްގެން ތައްޔާރުވުމުގައި ގޮންޖެހުންތަކެއް ކުރިމަތި ވިކަމަށެވެ.

އޭނާ ބުނީ ވޯލްޑްކަޕް/އޭޝިއަން ކަޕްގެ ކޮލިފައިން މެޗަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން ޓީމާ ގުޅި، އެކުގައި ކުރެވުނީ މަދު ޕްރެކްޓިސްތަކެއް ކަމަށެވެ.

އެހެންނަމަވެސް، މިއީ ބަހަނާއެއް ނޫން ކަމަށާއި، މެޗުން ބަލިވީ ރަނގަޅަށް ފޯކަސް ބަހައްޓައިގެން، ނުކުޅެވުމުން ކަމަށެވެ. އޭނާ ބުނީ ހަ ޝޮޓުން ހަ ގޯލު ބައިކޮޅަށް ވަނުމުން ޓީމުން ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭކަން ފެންނަ ކަަމަށެވެ.

"ގައުމީ ޓީމުގެ މެޗަށް ގިނަ ކުޅުންތެރިން ދޫކޮށްފައިތިބީ. އެންމެން އެކުގައި އެންމެ ޓްރެއިނިންއެއް ކުރެވުނީ. އެކަމަކު މިއީ ބަހަނާއެއް ނޫން. މެޗަށް ރަނގަޅަށް ފޯކަސް ނުކުރޭ އަހަރުމެން. ސެޓްޕީސްތަކުން އެވަނީ ފަސޭހަ ގޯލުތަކެއް. ހަތަރު ސެޓްޕީސް، ހަތަރު ގޯލް. ހަ ޝޮޓުން ހަ ގޯލް." މިލޯ ބުންޏެވެ.

އޭނާ މިއީ އޮޑިސާ ޓީމަށް ލިބުނު ފަސޭހަ މޮޅެއް ކަމަށާއި، ނަމަވެސް އެ ޓީމުން ރާއްޖޭގައި ކުޅޭ މެޗަށް މާޒިޔާއިން ވަރުގަދަ އަށް ތައްޔާރުވާނެ ކަމަށެވެ. އެ މެޗަަށް މާޒިޔާ އަށް އެކުގައި ތައްޔާރުވަން ވަގުތު އެބައޮތް ކަމަށާއި، ރަނގަޅަށް ތައްޔާރުވެ ވަރުގަދަ އަށް ނުކުންނާނެ ކަމަށް މިލޯ ބުނެފައިވެ އެވެ.

"މިއީ މިއަދު ކަންދިމާވިގޮތް. އަހަރުމެން ރަނގަޅުކުރަން މަސައްކަތްކުރާނަން. ރަނގަޅަށް ތައްޔާރުވެގެން ދެން އޮތް މެޗަށް ވަރުގަދަކޮށް އެނބުރި އަންނާނަން. އަހަރުމެންގެ ހޯމް މެޗުގެ ކުރިން އަދި ވަގުތު އެބައޮތް. އެ މެޗުގައި އޮޑިސާ ބަލިކުރަން ރަނގަޅަށް ތައްޔާރުވާނަން." މިލޯ ބުންޏެވެ.

މާޒިޔާ އިން އޭއެފްސީ ކަޕްގެ ކުޅުން ފެށީ ރަނގަޅު މޮޅަކާ އެކުގަ އެވެ. އެ ގޮތުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާލޭގައި ބަޝުންދަރަ ކިންގްސް އަތުން 2-0 އިން މާޒިޔާ މޮޅުވިއިރު، ދެ ވަނަ މެޗުގައި މޯހަން ބަގާން އަތުން ފަހު ވަގުތު 2-1 އިން ވަނީ ބަލިވެފަ އެވެ.

މި ވަގުތު މާޒިޔާ ހިމެނޭ އޭއެފްސީ ކަޕްގެ ގްރޫޕް ޑީއަށް ބަލާއިރު، މާޒިޔާ އޮތީ ތިން ޕޮއިންޓާއެކު ފުލުގަ އެވެ. ފައިދާ ގޯލުގެ ތަފާތުން ތިން ޕޮއިންޓް ލިބިފައިވާ އޮޑިސާ އޮތީ ތިންވަނައިގަ އެވެ. އެއް ވަނައިގައި ހަތް ޕޮއިންޓާ އެކު މޯހަން ބަގާން އޮތްއިރު، ބަޝުންދުރަ ކިންގްސް އޮތީ ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.