Advertisement

ފޮރުވަންޖެހޭ، ނާޖާއިޒު މަންފާއެއް ލިބޭ އެއްވެސް ކަމެއް ނުކުރަން: ގަސަމް

25 އޮކްޓޯބަރު 2023 - 06:55 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް -- ފޮޓޯ: އެފްއެސްއެމް


ފޮރުވަންޖެހޭ، ނާޖާއިޒު މަންފާއެއް ލިބޭ އެއްވެސް ކަމެއް ނުކުރަން: ގަސަމް

25 އޮކްޓޯބަރު 2023 - 06:55 2

ފޮރުވަންޖެހޭ ކަމެއް، އަދި ނާޖާއިޒު މަންފާއެއް ލިބޭ ކަމެއް ވެސް ކޮށްފައި ނޯންނާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެ އެވެ.

ސްޓޭޓު ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި، އެފްއެސްއެމްގެ ލިޔުންތަކެއް ސިމެންތި ގަށާ މެޝިނަކަށް އަޅައި ފުނޑުކުރާ ވީޑިއޯއެއް އެ ކުންފުނީގެ މުވައްޒަފަކު ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު، މައްސަލަ ހޫނުވެފައި ވަނިކޮށް ގަސަމް ވިދާޅުވީ "ފޮރުވަންޖެހޭ، ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވަން" ކަމަށެވެ.

"ކޮންމެ މަސައްކަތެއް ކޮށްފައިވާނީ ކުންފުނީގެ ކުރިއެރުމަށް،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިން ކުރެއްވި ގަސަމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރަމުން ދަނީ ނުބައި ތަސައްވުރެއް އާންމުންގެ ސިކުނޑިއަށް ވެއްދުމަށްކަން ފާހަގަ ކުރައްވައި ރައްދެއްގެ ގޮތުގައި ގަސަމް ވިދާޅުވީ އޭނާ ހުރީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަށާއި ހަލާލު ނޫން އެއްޗެއް އަނބިދަރިންގެ އަރުން އެތެރެ ނުވާނެކަން ޔަގީންކުރާ ކަމަށެވެ.

"އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަށް އަދި އާއިލާ އާއި ގާތްތިމާގެ މީހުންނަށާއި ގާތް އެކުވެރިންނަށާއި އެންމެހާ ފަރާތްތަކަށް ޔަގީންކަމާއެކު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު އަދިވެސް މިހުރީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކޮށްފައިވާ ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އަޅުގަނޑާއި އަނބިދަރިންގެ އަރުން އެތެރެނުވާނެކަން އަބަދުވެސް މި އަންނަނީ ޔަގީންކުރަމުން."

ލިޔުންތަކެއް ނައްތާލާ މަންޒަރު އާއްމުންގެ ސަމާލުކަމަށް ގެނައި މުވައްޒަފު ސަސްޕެންޑްކުރުމުން ވެސް ފާޑުކިޔުން އަމާޒުވި އެވެ.

އެފްއެސްއެމް އިން ބުނީ އޭނާ އަށް ފިޔަވަޅު އެޅީ ހަގީގަތް އޮޅޭ ގޮތަށް ވީޑިއޯ ނަގައި އާންމުންނަށާއި ކަސްޓަމަރުންގެ މެދުގައި ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން ކަމަށެވެ.

ނައްތައިލި ލިޔުންތަކަކީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިޔުންތަކެއް ނޫން ކަމަށް އެފްއެސްއެމްއިން ބުނެ އެވެ.

އެ ލިޔުންތައް ނައްތާލީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް، ދައުލަތުގެ އިދާރާތަކުގައި ހުންނަ ލިޔުންތައް ރައްކާކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ އިދާރާ، ގައުމީ އަރުޝީފުން ބުނެފައިވެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފަ އެވެ.