Advertisement

ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް އިންސާނީ ވަސީލަތް ތަރައްގީކުރަންޖެހޭ: ނައިބު ރައީސް

24 އޮކްޓޯބަރު 2023 - 19:50 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އައިސީއެފް އާއި ވޯލްޑް އޮފް ޓުމޯރޯ ވިލާ ނޯޓިކާގައި ބާއްވާ މާސްޓާ ކްލާހުގެ މިއަދުގެ ސެޝަންގައި ނައިބު ރައީސް ފައިސަލް ވާހަކަ ދައްކަވަނީ--- ފޮޓޯ:މިރާޝް ނާޝިމް/އަދަދު


ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް އިންސާނީ ވަސީލަތް ތަރައްގީކުރަންޖެހޭ: ނައިބު ރައީސް

24 އޮކްޓޯބަރު 2023 - 19:50 0

ޓެކްނޮލޮޖީއާއި އެހެނިހެން ގޮތް ގޮތުން ދުނިޔެއަށް އަންނަމުންދާ އެކި ބަދަލުތަކާ އެއްވަރަށް އިންސާނީ ވަސީލަތް ތަރައްގީކުރަން އިސްކަންދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާއި ވޯލްޑް އޮފް ޓުމޯރޯ ގުޅިގެން، ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްގެންދާ "ކޯޗިން މާސްޓަ ކްލާސް" ގެ މިއަދުގެ ސެޝަން ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

އެ ސެޝަންގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔާއެކު ދުނިޔެ ބަދަލުވަމުން އަންނައިރު އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް އުނގެނުމުގެ ފުރުސަތު އޮންނަޖެހޭ ކަމަށެވެ.

ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް އިންސާނީ ވަސީލަތް ވެސް ކުރިއަރުވަން ޖެހޭ ކަމަށާއި ސިންގަޕޫރު ފަދަ ގައުމުތައް ތަރައްގީވެފައިވަނީ އިންސާނީ ވަސީލާތް ކުރިއަރުވަން އިސްކަންދިނުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައިސީއެފް އާއި ވޯލްޑް އޮފް ޓުމޯރޯ ވިލާ ނޯޓިކާގައި ބާއްވާ މާސްޓާ ކްލާހުގެ މިއަދުގެ ސެޝަން --- ފޮޓޯ:މިރާޝް ނާޝިމް/އަދަދު


"ސިންގަޕޫރުގެ އެހާ ކުރިއަރާފައި އެވަނީ ހިއުމަން ރިސޯސް ތަރައްގީކުރަން އިސްކަން ދިނުމުން. އެގައުމުގަ ކޮންމެ ދާއިރާއަކުން ކޮންމެ މަސައްކަތަކަށް މީހުން ތިބީ ތައްޔާރުކޮށްފަ. ދުނިޔޭގަ ކުރިއަރާ ދާން ބޭނުން ނަމަ އެ ފިލާވަޅުން އަޅުގަނޑުމެން ދަސްކުރަންޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ފަންނުވެރިކަން ކުރިއެރުވުމަށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ނަމޫނާ ދެއްކުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެންމެންވެސް މަސައްކަތް ކުރަންވީ ތިމާއަށް ލިބިފައިވާ ތައުލީމާއި ހުނަރު ޒުވާން ޖީލުތަކަށް ދަސްކޮށް ދިނުމަށް ކަމަށާއި، އޭގެ ސަބަބުން ރެމިޓެންސްގެ ގޮތުގައި ކޮންމެ މަހަކު ރާއްޖެއިން ބޭރުވާ ޑޮލަރު ރާއްޖޭގެ އިގްތިސާދުގައި ހިފެހެެއްޓޭނެ ކަމަށެވެ.

އޭގެ އިތުރުން، ވަސީލަތްތައް މަދު ރާއްޖެ ފަދަ ކުޑަ ގައުމަކަށް، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތެރިންގެ ހުނަރުވެރިކަން އިތުރުކުރަންޖެހޭ ކަމަށާއި ކޮންމެ މީހަކުވެސް އިސްކަމެއް ދޭންވީ ދުނިޔެއަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީއާ އެއްވަރަށް ދަސްކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައިސީއެފް އާއި ވޯލްޑް އޮފް ޓުމޯރޯ ވިލާ ނޯޓިކާގައި ބާއްވާ މާސްޓާ ކްލާހުގެ މިއަދުގެ ސެޝަންގެ ބައިވެރިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


"ސެޓްފިކެޓްތަކުން މީހާ ބުނެއެއް ނުދެވޭނެ. އަބަދުވެސް ދަސްކުރުމުގަ ސެލްފް އިމްޕްރޫވްކުރުމަށް މަސައްކަތް ކުރަންވީ. ބަދަލުވަމުންދާ ދުނިޔޭގެ ކަންތައްތައް، އެެހެން ގައުމުތަކާއި މީހުންނާ ބެހޭ ގޮތުން، ޓެކްނޮލޮޖީ އާ ބެހޭ ގޮތުން،" އެމަނިކުފާނުގެ ވިދާޅުވިއެވެ.

ރާއްޖޭގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ފަންނީ ދާއިރާތަކުގައި އެކި ފަންތީގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މާސްޓާ ކްލާސް ތަކަކީ، ދުނިޔޭގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ހާއްސަކޮށްގެން އެ ސަގާފަތް އަށަގެންނެވުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި މާސްޓާ ކްލާސްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ އެވެ.