Advertisement

ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު 300 އިން މައްޗަށް

23 އޮކްޓޯބަރު 2023 - 15:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގާޒާއިން އިޒްރޭލަށް އަމާޒުކޮށް ރޮކެޓެއް ފޮނުވާލަނީ : މި ހަމަލާތަކުގައި އިޒްރޭލުން މަރުވި ސިފައިންގެ އަދަދު ވަނީ 308 އަށް އަރާފަ -


ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު 300 އިން މައްޗަށް

23 އޮކްޓޯބަރު 2023 - 15:45 0

މި މަހުގެ ހަތެއްގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު 308 އަށް އަރައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އިން ދިން ހަމަލާތަކުގައިވެސް އިޒްރޭލު ސިފައިންގެ ބަޔަކު މަރުވެފައިވާ ކަމަށެވެ.

މި ދެ ޖަމާއަތުގެ ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1400 އަށްވުރެ މައްޗަށް އަރާފަ އެވެ. އަނިޔާވި މީހުންގެ އަދަދު އުޅެނީ 5،400 އަށްވުރެ މަތީގަ އެވެ.

މީގެ އިތުރުން މި މަހުގެ ހަތްވަނަ ދުވަހު ގާޒާ ބޯޑަރު ހުރަސްކޮށް ހަމާސްގެ ހަނގުރާމަވެރިން ރަހީނުކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށްވެސް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ. މިހާރު އިޒްރޭލުން ރަހީނުކުރި ކަމަށް ބުނާ އަދަދަކީ 222 އެވެ.

ހަމާސްގެ ހަމަލާތަކާއެކު އިޒްރޭލުން ދަނީ ވޭތުވެދިޔަ 75 އަހަރު ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާމު ވަރުގަދަކޮށް، ހަނގުރާމަ އިއުލާނުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި މަހުގެ ހަތްވަނަ ދުވަހު ފެށި މި ހަމަލާތަކުގައި ގާޒާއިން 6،451 މީހުން އަދި ހުޅަނގު އައްސޭރިން 95 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

ހަމަލާތަކުގެ އިތުރުން އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި ތެޔޮ ކަނޑާލާ އެހީ ލިބޭ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އެ ހިދުމަތްތައް ކަނޑާލިތާ މިއަދަށް 13 ދުވަސްވީއިރު، މިސްރުގެ ރަފާހު ބޯޑަރު ހުރަސްކޮށް ގާޒާއަށް އެހީގެ ގޮތުގައި ވަދެފައިވަނީ އެންމެ 34 އުޅަނދެވެ.

މި ހަމަލާތަކުގެ ކުރިން ދުވާލަކު ގާޒާއަށް 100 އަށްވުރެ ގިނަ އެހީގެ އުޅަނދު ވަދެ އެވެ. މިހާރުވެސް އެތައް ސަތޭކަ އެހީގެ އުޅަނދެއް އެ ބޯޑަރުގައި އޮތް ނަމަވެސް އިޒްރޭލުން ހުއްދަނެތި ގާޒާއަށް ވަންނަން އުޅެފި ނަމަ ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.