Advertisement

މުއްދަތު ހަމަވިއިރު ވެސް ދިއްދޫ ފަރަށް އެރި އުޅަނދުތަކުގެ ޖޫރިމަނާ ނުދައްކާ

23 އޮކްޓޯބަރު 2023 - 13:13 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ދިއްދޫ ފަރަށް އަރާފައިވާ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓު: ޖޫރިމަނާ ދައްކަން އިތުރު މުއްދަތެއް ދިނުމަށް ވަނީ އެދިފައި -- ފޮޓޯ: އަދަދު ފައިލް


މުއްދަތު ހަމަވިއިރު ވެސް ދިއްދޫ ފަރަށް އެރި އުޅަނދުތަކުގެ ޖޫރިމަނާ ނުދައްކާ

23 އޮކްޓޯބަރު 2023 - 13:13 0

މި އަހަރު މެއި މަހު ހއ. ދިއްދޫ ފަރަށް އެރި "ޓީބީ މުތާ ޕްރިންސެސް" ޓަގު ބޯޓާއި "މުތާ ޕްރައިޑް" ބާޖުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބިފައިވާތީ ކުރި ޖޫރިމަނާ، މުއްދަތު ހަމަވިއިރު ނުދައްކާ ކަމަށް އެންވަރަމެންޓު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނެފި އެވެ.

އުޅަނދުތަކެއް ދިއްދޫ ފަރަށް އެރި މައްސަލާގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 19، ގަ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޖޫރިމަނާ އަދިވެސް ނުދައްކާ ކަމަށާއި، އެ ކުންފުނިން ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ މެއި 2، ގައި ދިއްދޫ ފަރަށް އެރި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީން މޭ 12، ގައި އެ ސަރަހައްދަށް ގޮސް އުޅަނދުތަކުގެ ވެރިފަރާތުގެ ސާވެޔަރަކާއެކު ދިރާސާކޮށްފައިވާ ކަމަށެވެ.

ދިއްދޫ ފަރުގެ 4038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެ ސާވޭއިން ވަނީ އެނގިފަ އެވެ. އީޕީއޭއިން ބުނީ އެ ގެއްލުންތައް ވަޒަންކޮށް ބެލިބެލުމުން, ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 101 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަމަށެވެ.

ނަމަވެސް ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށްވާތީ, އުޅަނދުތަކުގެ ވެރިފަރާތް ޖޫރިމަނާ ކުރީ އެ އަދަދުންނެވެ.