29 އޮކްޓޯބަރު 2023 - 10:13 0
މަރިޔަމް އަފާ ނިޒާމް
ބ. ކަމަދޫގައި ފަތުރުވެރިން -- ފޮޓޯ: ޝަހްޒާން/އަދަދު
29 އޮކްޓޯބަރު 2023 - 10:13 0
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒު، އިތުރު 312,901 ފަތުރުވެރިންނާއެކު ހާސިލް ވާނެކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައި ވާގޮތުން އޮކްޓޯބަރު 25، ގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 1،487,099 އަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 13.3 އިންސައްތަ އިތުރު އަދަދެކެވެ. 2022 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރީ 1،313,011 ޓޫރިސްޓުންނެވެ.
އޮކްޓޫބަރު އެކަނި ވެސް 126,051 ޓޫރިސްޓުން ރާއްޖެ އައިސްފައިވާކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާ ބަލާއިރު 3.0 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއަހަރު ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 4،990 ޓޫރިސްޓުން ރާއްޖެ އަންނަ ކަން ތަފާސްހިސާބުތަކުން އެނގެ އެވެ.
ސަރުކާރުން ވަނީ މިއަހަރު ނިމޭ އިރު 1.8 މިލިއަނާއި 2.0 މިލިއަނާއި ދެމެދުގެ އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފަ އެވެ. މިހާރު ޓޫރިސްޓުން ޒިޔާރަތްކުރަމުން އަންނަ އަދަދަށް ބަލާއިރު މި އަމާޒު ހާސިލް ވާނެ ކަމަށް ލަފާ ކުރެވެ އެވެ.
1.8 މިލިއަން ޓޫރިސްޓުންގެ އަމާޒު ހާސިލް ކުރުމަށްޓަކައި މިއަހަރުގެ ބާކީ އޮތް މުއްދަތުގައި 312،901 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރަން ޖެހެ އެވެ. މި އަދަދު އަހަރުގެ ބާކީ އޮތް ދެމަސް ކަމަށްވާ ނޮވެމްބަރު އަދި ޑިސެމްބަރަށް ބަހާލާނަމަ، މަހެއްގެ މައްޗަށް 156،451 ޓޫރިސްޓުން ރާއްޖެ އަންނަން ޖެހެ އެވެ.
2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާނަމަ، އެ އަހަރުގެ ނޮވެމްބަރު މަހު 146،886 ޓޫރިސްޓުން ރާއްޖެއަ އެވެ. އަދި ޑިސެމްބަރު މަހު މި އަދަދު 184،051 އަށް އިތުރުވި އެވެ.
ރާއްޖޭގައި މިހާރު 1268 ޓޫރިސްޓް ޕްރޮޕަޓީ ހިންގަމުންދެ އެވެ. އެއީ 174 ރިސޯޓާއި 918 ގެސްޓްހައުސް އާއި 162 ސަފާރީގެ އިތުރުން 14 ހޮޓަލެވެ. މި ތަންތަނުގައި ޓޫރިސްޓުން ބޭނުންކުރަން ހުރި އެނދުގެ އަދަދަކީ 62،814 އެވެ.
Comment