ހާދިސާގައި މަރުވި ސުދީރާ ސެތީ, 25, އަދި މުހައްމަދު ރާޖާ އަންސާރީ, 27. މި ދެ މީހުން މަސައްކަތް ކުރަމުން ދަނީ ބައިސަން މޯލްޑިވްސްގައި.
ހދ. މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ ދެ ބިދޭސީ ފިރިހެނުން، ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން މަރުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މަރުވީ އިންޑިއާގެ ދެ ރައްޔިތުން ކަމުގައިވާ، މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ. އެކަން ރަސްމީ ފަރާތްތަކުން ކަށަވަރުކޮށް ދެ އެވެ.
މަކުނުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި, ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ކުރަނީ ބައިސަން މޯލްޑިވްސްއިންނެވެ.
މަރުވީ ބައިސަން މޯލްޑިވްސް ދެ މުވައްޒަފުންކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
އިއްޔެ ހަވީރު އެ މީހުން މަރުވީ މަކުނުދޫ ބަނދަރުމަތީގައި ހުންނަ މަސް މާރުކެޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ވެސް ބުނި ގޮތުގައި މިއީ ބަނދަރު މަތީގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ހާދިސާއެކެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އޭގެ ތެރެއިން އެކަކުގެ ބޯ ވެސް އޮތީ ހަށިގަނޑާ ވަކިވެފައި ކަމަށާއި އަނެއް މީހާއަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި, ގޮވުމުގެ ބާރު ގަދަ ވުމުގެ ސަބަބުން އެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ފޫޓަށް ވުރެ ދުރަށް ބުރައިގެން ގޮސްފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ހާދިސާގެ ފޮޓޯތަކުން އެނގޭ ގޮތުގައި މިއީ ވަރަށް ބާރުގަދަ ގޮވުމެކެވެ. އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ ސީލިން ހަލާކުވެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު ކައިރީގައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ. އަދި ފަޅުގައި އޮތް ދޯންޏެއްގެ ބިއްލޫރިތައް ވެސް ތަޅައިގެން ގޮސްފައިވެ އެވެ.
މި ހާދިސާގައި ތަހުގީގައި އެމްއެންޑީއެފުން ވެސް ބައިވެރިވަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
Comment