Advertisement

ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީން މަރުވި ހާދިސާގެ ތަހުގީގަށް ފުލުހުންގެ ފޮރެންސިކް ޓީމެއް މަކުނުދޫއަށް

21 އޮކްޓޯބަރު 2023 - 20:07 0

މީގެކުރިން ހިނގި ހާދިސާއެއްގެ ސީންއަކުން ހެކިތަކެއް ނަގައިގެން ފޮރެންސިކް ފުލުހުން ގެންދަނީ. ---- ފޮޓޯ: އަދަދު ފައިލް


ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީން މަރުވި ހާދިސާގެ ތަހުގީގަށް ފުލުހުންގެ ފޮރެންސިކް ޓީމެއް މަކުނުދޫއަށް

21 އޮކްޓޯބަރު 2023 - 20:07 0

ހދ. މަކުނުދޫގައި މިއަދު ހަވީރުގެ ވަގުތެއްގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީން މަރުވި ހާދިސާގެ ތަހުގީގަށް ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ރަށަށް ގޮސްފި އެވެ.

މިހާތަނަށް ބެލި ބެލުމުން އެ މީހުން މަރުވީ މަކުނުދޫ ބަނދަރުމަތީގައި ހުންނަ މަސް މާރުކެޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އެ ދެ މީހުންނަކީ ވެސް އެ ރަށުގައި އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ މީހުންނެވެ.

މި ގޮވުމުގެ ސަބަބުން އެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ފޫޓަށް ވުރެ ދުރަށް ބުރައިގެން ގޮސްފައި ހުއްޓެވެ. އެހެންވެ އެ ސަރަހައްދު އޮތީ އާންމުނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އަދި, އެ މީހުންގެ ހަށިގަނޑުތައް ވެސް ނުނަގައި މަޑުކުރީ ފުލުހުންގެ ފޮރެންސިކް ޓީމުތައް އެ ރަށަށް ދެވެން ދެނެވެ.

"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮރެންސިކް ފުލުހުން މަކުނުދޫއަށް ގޮސް ހާދިސާގެ ތަހުގީގު ވަނީ ފަށާފަ އެވެ. ފޮރެންސިކް ޓީމެއްގެ އިތުރުން ތަހުގީގު ޓީމެއް ވެސް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިއީ ތަހުގީގު އެންމެ ފުރަތަމަ މަރުހަލާ ކަމުން ސީދާ ގޮތެއްގައި މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް ނޭނގެ އެވެ. އަދި, ލިބުނު ގެއްލުންތަކާއި ގޮވުމުގެ ބާރު މިނުގެ ތަފްސީލުތަކެއް ވެސް އެނގިފައި ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ހާދިސާގެ ފޮޓޯތަކުން އެނގޭ ގޮތުގައި މިއީ ވަރަށް ބާރުގަދަ ގޮވުމެކެވެ. އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ ސީލިން ހަލާކުވެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު ކައިރީގައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

މި ހާދިސާގައި ތަހުގީގައި އެމްއެންޑީއެފުން ވެސް ބައިވެރިވަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. މިކަމުގެ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.