Advertisement

ދެ އުމުރުފުރާއެއްގެ ޗެމްޕިއަންކަން ހޯދީ ޔަސީން، ސައްޔިދު ހޯދީ 18 އަހަރުން ދަށުގެ ތަށި

21 އޮކްޓޯބަރު 2023 - 08:15 0

ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔަސީން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ދެ އުމުރުފުރާއެއްގެ ޗެމްޕިއަންކަން ހޯދީ ޔަސީން، ސައްޔިދު ހޯދީ 18 އަހަރުން ދަށުގެ ތަށި

21 އޮކްޓޯބަރު 2023 - 08:15 0

ސީ ސްޕޯޓްސް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޔަސީން އަހުމަދު ނާޝިދު ހޯދިއިރު، 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ސައްޔިދު ސަލާހުއްދީން ހޯދައިފި އެވެ.

ޖޫނިއާ ސާފަރުންގެ ހުނަރުތައް ފެނިގެންދިޔަ ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު އެތުލީޓުގެ ޝަރަފް 12 އަހަރުގެ ޔަސީން ހޯދީ އޭނާ ވާދަކުރި ދެ އުމުރުފުރާގައި ވެސް ތަފާތު ދައްކައިގެންނެވެ. އެ ގޮތުން 14 އަހަރުން ދަށުގެ ފައިނަލް އޭނާ ކާމިޔާބުކުރީ ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ދެކޮޅަށެވެ.

ފައިނަލް ހީޓު ޔަސީން ކާމިޔާބު ކުރީ 12.75ގެ ސްކޯ އަކުންނެވެ. ވާދަވެރި ފައިނަލުގައި ކަޔާން އަށް ލިބުނީ 11.00ގެ ސްކޯ އެކެވެ. މިބައިގެ ތިން ވަނަ އަށް ދިޔައީ އަހުމަދު އާލް އާދިލް އާއި ނޫހު މުހައްމަދު ދުނައިމް އިރުޝާދު އެވެ.

ސޯޅަ އަހަރުން ދަށުގެ ފައިނަލް ޔަސީން ކާމިޔާބުކުރީ ސައްޔިދުއާ ވާދަކޮށް 2.5ގެ ތަފާތަކުންނެވެ. ދެ ތަށި ކާމިޔާބުކުރަން ދެ ސާފަރުންނަށް ފުރުސަތު ލިބިފައި އޮތް ފައިނަލް ޔަސީން ކާމިޔާބުކުރީ 12.25ގެ ސްކޯއަކުންނެވެ. ސައްޔިދު އަށް ލިބުނީ 9.75ގެ ސްކޯ އެކެވެ. މިބައިގެ ތިން ވަނަ ހޯދީ ކަޔާން އާއި ނޫހު އެވެ.

ގައުމީ ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ސައްޔިދު ރާޅާ އަޅަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސޯޅަ އަހަރުން ދަށުގެ ފައިނަލުގައި ބަލިވިކަމުގައިވިޔަސް 18 އަހަރުން ދަށުގެ ފައިނަލު ސައްޔިދު ކާމިޔާބުކުރިއިރު، މި ފައިނަލް ފަށައިގެން ކުރީގައި އޮތީ މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. އަދި 9.25ގެ ސްކޯއަކުން ޗޮއްޕު ކުރީގައި އޮއްވައި ހީޓުގެ ފަހުކޮޅު ދުއްވާލި ރާޅުތަކުން ރަނގަޅު ސްކޯތަކެއް ހޯދައި ސައްޔިދު ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭނާގެ ސްކޯ އަކީ 10.50 އެވެ.

އަށާރަ އަހަރުން ދަށުގެ ސެމީ ފައިނަލުން ބަލިވި ދެ އެތުލީޓުންނަކީ ޝާނިފް ޝަފީގް އާއި މުހައްމަދު އިނާން އަބްދުލް ހަންނާން އެވެ.

މި ފަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވަނީ ޓީމް ޗެމްޕިއަންޝިޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ފޯރިގަދަކޮށް ދިޔަ ޓީމް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ޓީމް ސައްޔިދު އެވެ. އެ ޓީމުގައި ހިމެނެނީ ސައްޔިދުގެ އިތުރުން ނޫހު އަދި ރާއިމް ހާޝިމް އެވެ.

ދެ ވަނަ އަށް ދިޔަ ޓިމް ޔަސީންގައި ހިމެނެނީ ޔަސީން، އިނާން އަދި އަހުމަދު ނިހާލް އެވެ. ތިން ވަނަ ލިބުނު ޓީމް ޝާނިފްގައި ހިމެނެނީ ޒަޔާން، ޝާނިފް އަދި އިސްމާއިލް މަދޫހު އަހުމަދު އެވެ.

ސާފިން އެސޯސިއޭޝަނުން މިހާރު ތައްޔާރުވަމުން އަންނަނީ އަހަރުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ގައުމީ ސާފިން މުބާރާތް (ރަންނަމާރި ޗެލެންޖް) އަށެވެ. ރަންނަމާރި ޗެލެންޖުގައި ބައިވެރިވާ ހުޅުވާލާފައިވާއިރު، އެ މުބާރާތް ފަށާނީ މި މަހުގެ ފަހުކޮޅުގަ އެވެ.