Advertisement

ޗެލެންޖިން ހާލަތެއްގައި ދިވެހި ކްރިކެޓަށް އުޖާލާ މުސްތަގުބަލެއްގެ އުންމީދު

20 އޮކްޓޯބަރު 2023 - 10:07 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ޗެލެންޖިން ހާލަތެއްގައި ދިވެހި ކްރިކެޓަށް އުޖާލާ މުސްތަގުބަލެއްގެ އުންމީދު

20 އޮކްޓޯބަރު 2023 - 10:07 0

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ކުޅިވަރު ކަމަށްވާ ކްރިކެޓްގެ ކަންކަން ރާވާ ހިންގާ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮތް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ތާރީހުގައި ވެސް ކުރިމަތިވާނެ އެންމެ ގޮންޖެހުން ބޮޑު ދުވަސްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ވަގުތުތަކަކަށް ވާނީ މި ވޭތުވެދިޔަ ދޮޅު މަހެއްހާ ދުވަސްތެރޭ ގާތްގާތުގައި އިންޓަނޭޝަނަލް ލެވަލްގެ ތިން މުބާރާތެއްގައި ވާދަކުރަން ޖެހުމެވެ.

އެ ގޮތުން، ސީބީއެމް އިން، ގަތަރުގައި ކުރިއަށްދިޔަ އައިސީސީ ވޯލްޑް ކަޕް ކޮލިފައިން އާއި ޗައިނާގައި އޮތް އޭޝިއަން ގޭމްސް އަދި، މެލޭޝިއާގައި ކުރިއަށްދިޔަ އޭސީސީ 19 އަހަރުން ދަށުގެ މުބާރާތަށް، ގައުމީ ޓީމުތައް އެކުލަވާލުމަށް މިދިޔަ ޖޫން މަހު، ސްރީ ލަންކާގެ ކޯޗު، ޕަސިންދު ލިޔަނާރަޗީއާ ހަވާލުކުރި އެވެ.

ޕަސިންދުއާ މި ބޮޑު ޒިންމާ ހަވާލުކުރީ، މި މަސައްކަތަކީ ވަރަށް ވިސްނުންތެރިކަމާ އެކު ކުރަން ޖެހޭ ކަމަކަށްވާތީ އެވެ. އަދި ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން އެކުގައި ގެންގުޅުމުގެ ތަޖުރިބާ ހުރި ފަރާތަކަށް އެކަން ކުރެވޭނެތީ އެވެ.

ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް، "އަދަދު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޕަސިންދުގެ މަސައްކަތާ ދޭތެރޭ ސީދާކޮށް ވަކި އެއްޗެއް ބުނަން އަވަސް ނަމަވެސް ހިތްހަމަޖެހޭ ކަންކަން ފެންނަ ކަމަށެވެ.

"މިހާތަނަށް ފާހަގަކުރެވުނުގޮތުގައި، ކުޅުންތެރިން ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ވަރަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވޭ. އަދި، އެހެން ކޯޗުންނާ ތަފާތުކޮށް ޕްރެކްޓިސް އާއި މެޗްތައް އެނަލައިޒްކޮށް ރިޕޯޓްކުރާކަން ފާހަގަކުރެވޭ،" ފައިސަލް ވިދާޅުވި އެވެ.

"ބޯޑުން ބޭނުންވާގޮތަށް ދުރު ވިސްނުމަކާ އެކު ނެޝަނަލް ޓީމުގެ ކަންތައްތައް ޕްލޭންކޮށްގެން ކުރިއަށްގެންދާކަން ފާހަގަ ކުރެވޭ،"

މިދިޔަ ޖޫން މަހު ގައުމީ ޓީމާ އެކު މަަސައްކަތް ފަށައި، މަހެއްހާ ދުވަސްވީ ފަހުން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ޕަސިންދު ބުނީ ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި ރަނގަޅު އިރުޝާދާ އެކު، ރަނގަޅު ފެސިލިޓީގައި މި ކުޅުންތެރިންނަށް ތަމްރީން ދެވޭނަމަ ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށެެވެ.

ޕަސިންދު ބުނީ މި ވަގުތަށް އެންމެ ބޮޑު ފޯކަސް އެއް އޮތީ ކުރިއަށް އޮތް މުބާރާތްތަކަށް ޓީމުތަކެއް އެކުލަވާލައި، ރާއްޖޭގެ ކްރިކެޓްގެ ހާލަތު ދެނެގަނެ، މުސްތަގުބަލަށް ވަރުގަދަ ބިންގަލެއް އެޅުން ކަމަށެވެ. ޕަސިންދު އޭރު އަލި އަޅުވާލީ ވާދަކުރަން ޖެހިފައި އޮތް ތިން މުބާރާތުގައި ވެސް ގިނަ ކަންތައްތަކެއް ހާސިލްކުރުމަށެވެ.


އެ ގޮތުން، ކްރިކެޓް ބޯޑުން މި ތިން މުބާރާތުގެ ކަންކަން ޗެލެންޖެއްގެ ގޮތުގައި ނެގި ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މީ ޗެލެންޖެއް. ޓީމު ތައްޔާރުކުރުމަށާއި، މެނޭޖްކޮށް އަދި ލޮޖިސްޓްކްސް ހަމަޖެއްސުމަށް. އެހެންނަމަވެސް، މިކަން މި ނެގީ ކްރިކެޓް ތަރައްގީ އަށް ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި. ސީނިއާ ކުޅުންތެރިންނާއި، ޖޫނިއާ ކުޅުންތެރިންނަށް ގިނަ މެޗްތަކެއް ކުޅުމުގެ ފުރުސަތު ލިބުމުގެ އިތުރަށް، އެކި އުމުރު ފުރާގެ ނެޝަނަލް ޓީމްތައް މިހާރު އޮތް ހިސާބު އަންދާޒާ ކޮށްލަށް ލިބުނު ވަރަށް ރަގަޅު ފުރުސަތެއް،" ފައިސަލް ވިދާޅުވި އެެވެ.

"ދާދި ފަހުން ވަނީ 16 އަހަރުން ދަށުގެ އޭސީސީ މުބާރަތުގައި ވެސް ޤައުމީ ޓީމެއް ވާދަކޮށްފައި. މި މުބާރާތްތަކުގެ ތެރެއިން ޚާއްސަގޮތެއްގައި 19 އަދި 16 އަހަރުގެ މުބާރާތުން، ކްރިކެޓްގެ ކުރިމަގު 2030 އަންނަން ވާއިރަށް ބިނާވެގެންދާނެ ކުޅުންތެރިން ދެނެގަނެވިއްޖެ،"

ކްރިކެޓް ޓީމުތައް މިދިޔަ މުބާރާތުގައި ގިނަ މެޗުތަކަކުން މޮޅުނުވިޔަސް، ވަކިވަކި މެޗުތަކުގައި ފެނުނު ކަންތައްތަކަށް ބަލާއިރު، މުސްތަގުބަލުގައި ނަތީޖާ ބަދަލުކުރެވޭނެ ކަމުގެ އުންމީދު އާ ވި އެވެ.

ޕަސިންދު އަށް އެހީތެރިވުމުގެ އިތުރުން 16 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް މަސައްކަތް ކުރީ އިސްމާއިލް ނިހާދު އެވެ.

ކްރިކެޓް ބޯޑުން މި މުބާރާތްތަކަށް ކުޅުންތެރިން ޓްރެއިން ކުރުމަށް ކުރި ބުރަ މަސައްކަތުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށްލުމުގެ ފުރުސަތު ގިނަ ކުޅުންތެރިންތަކަކަށް ލިބުނެވެ. ޕްރެޝަރުގައި ކުޅެން ދަސްކުރަން ބޭނުންވާ ތަޖުރިބާ ލިބިއްޖެ އެވެ.

ހާއްސަ ގޮތެއްގައި ބަލާނަމަ، އޭޝިއަން ގޭމްސްގައި މޮންގޯލިއާ ބަލިކޮށް އެ ހޯދި ތާރީހީ މޮޅަކީ ފާހަގަކުރަން ޖެހޭ ކަމެކެވެ. އެއީ، ބައިނަލްއަގުވާމީ ލެވަލަށް އާ ގިނަ ކުޅުންތެރިންތަކެއް ލައިގެން، ހޯދި މޮޅެއް ކަމަށްވާތީ އެވެ.

ފެނުނު ކަންތައްތަކަށް ބަލައި، ކްރިކެޓް ބޯޑުން ވެސް ކުރިއަށް މުހިންމު ކަންތައްތަކެއް ކުރަން ގަސްދުކުރެ އެވެ.

"ބޯޑުގެ މިހާރު މައިގަނޑު އަމާޒަކީ މި ކުޅުންތެރިންތައް ހިމަނައިގެން ޤައުމީ ސްކޮޑްތައް އެކުލަވާލުމާއި، މި ކުޅުންތެރިންނަށް ވިހާވެސް ގިނައިން ކުޅުމުގު ފުރުސަތު ހޯދައިދިނުން. އަދި، ވިސްނުން ހުރީ އެގްޒެކެޓިވް ކޮމިޓީގެ ލަފާގެ މަތިން ޖޫނިއަ ކުޅުންތެރިން ރޭންކް ކުރެވި ކްލަބް ކްރިކެޓް ތެރެއިން ހަމަހަމަ ފުރުސަތުތަކެއް އެ ކުޅުންތެރިންނަށް ލިބޭނެ ގޮތަކަށް ރޭވުން،" ފައިސަލް ވިދާޅުވި އެވެ.

"ކްލަބްތަކުގައި ނުހިމެނޭ ކުޅުންތެރިން ވެސް ކޮންމެ ވެސް ސިފައެއްގައި މުބާރާތްތަކުގައި ބައިވެރިކުރުން،"

ޔަގީނުން ވެސް އައިސީސީ ވޯލްޑް ކަޕް ކޮލިފައިން އާއި ޗައިނާގައި އޮތް އޭޝިއަން ގޭމްސް އަދި، މެލޭޝިއާގައި ކުރިއަށްދިޔަ އޭސީސީ 19 އަހަރުން ދަށުގެ މުބާރާތުން ކްރިކެޓްގެ މުސްތަގުބަލަށް ރަނގަޅު މަގެއް ކޮށައިދީފި އެވެ.

ފާހަގަކުރެވުނު އިންޓަނޭޝަނަލް މުބާރާތްތަކުން ފުރުސަތު ލިބުނު އާ ކުޅުންތެރިންގެ ނިސްބަތަށް ބަލާއިރު، މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާކުރަން ތަޖުރިބާ ލިބިފައި ހުރި ގިނަ ކުޅުންތެރިންގެ ޕޫލެއް ކްރިކެޓް ބޯޑަށް މި ވަނީ ލިބިފަ އެވެ. ދެން، އޮތީ ކުރެވުނު މަަސައްކަތް އެހެން ލެވަލަކަށް ގެންދިއުމަށް ހަރުދަނާ ނިންމުންތަކާ އެކު ކުރިއަށް ދިއުމެވެ. ސީބީއެމް އިން 2030 އާ ހަމައަށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރާއިރު، ޗެލެންޖިން ވަގުތެއްގައި މި ލިބުނީ ބޮޑު ފުރުސަތުތަކެކެވެ.