Advertisement

އެސްއޯއެފުން އެމްއެމްޕީއާރުސީއަށް 10.7 މިލިއަން ޑޮލަރު ނުދައްކާ މައްސަލަ އަލުން ކޯޓަށް ވައްދައިފި

19 އޮކްޓޯބަރު 2023 - 17:11 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އެސްއޯއެފުން އެމްއެމްޕީއާރުސީއަށް 10.7 މިލިއަން ޑޮލަރު ނުދައްކާ މައްސަލަ އަލުން ކޯޓަށް ވައްދައިފި

19 އޮކްޓޯބަރު 2023 - 17:11 0

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ މައްޗަށް ފައިސާ ދައްކަން ކޮށްފައިވާ ހުކުމާ އެއް ގޮތަށް ފައިސާ ނުދައްކާ މައްސަލަ އަލުން ސިވިލް ކޯޓަށް ވައްދައިފި އެވެ.

އެމްއެމްޕީއާރުސީއަށް އެސްއޯއެފުން 10،708،271 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ ސެޕްޓެމްބަރު 17، 2017 ގަ އެވެ. އެއީ ހަ މަހަށް ބަހާލައިގެން ކޮންމެ މަހަކަށް ޖެހޭ މިންވަރު އެ މުއްދަތުގެ ތެރޭގައި އެ ކޯޓަށް ދައްކާ ގޮތަށެވެ. ނަމަވެސް ހުކުމާ އެއް ގޮތަށް އެ ފައިސާއެއް ނުދައްކަ އެވެ.

އެ މައްސަލަ ސިވިލް ކޯޓުން އިސްވެ ބަލަން ފެށި ނަމަވެސް އެމްއެމްޕީއާރުސީން މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުނުވާ ކަމަށް ފާހަގަކޮށް މައްސަލަ ބޭރުކޮށްލި އެވެ.

އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރުސީން އެ މައްސަލަ މިއަދުގެ ވަގުތެއްގައި ސިވިލް ކޯޓަށް އަލުން ވައްދާފައިވެ އެވެ.

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް މިދިޔަ ހަފުތާ ބުދަ ދުވަހު ކުރެއްވި ހުކުމެއްގައި ވަނީ މިހާރު މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އޮތް ގޮތުން ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ހުކުމެއް ކުރެވެން އަންނަނީ ދައުވާކުރާ ފަރާތުގެ ހާޒިރުގައި ކަމަށެވެ.

ނަމަވެސް ބުދަ ދުވަހު ބޭއްވި ސިވިލް ކޯޓުގެ އަޑުއެހުމަށް ހާޒިރުވުމަށް އެމްއެމްޕީއާރުސީއަށް ފޮނުވި ހާޒިރު އަމުރާ ވެސް ހަވާލުވުމަށް ފަހު އެ ދުވަހުގެ އަޑުއެހުމަށް އެމްއެމްޕީއާރުސީން ހާޒިރުވެފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ދައުލަތަށް ގެއްލުންވި ހިޔާނާތުގެ ފައިސާ ޖަމާކުރަމުން ދިޔައީ އެސްއޯއެފް އެކައުންޓަށެވެ. ހިޔާނާތް ހިންގުމުގައި މި ކުންފުނީގެ އިސްވެރިން އަމަލީ ގޮތުން ބައިވެރިވެފައި ވިޔަސް އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ކަމަށް ބުނާ މީހުންގެ ލިސްޓެއް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައިވެސް ވެ އެވެ. ނަމަވެސް އެ މީހުން ތިބީ ރާއްޖޭން ބޭރުގަ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވެސް ފާހަގަކޮށްފައިވާ ގޮތުން އޮކްޓޯބަރު 18، 2015 ގައި ރާއްޖޭން ބޭރަށް ދިޔަ ގޮތަށް އެއިން މީހަކު އަނބުރާ ރާއްޖެ އައިސްފައެއް ނުވެ އެވެ.