Advertisement

ސަޕްލިމެންޓަރީ ބަޖެޓުގައި 100 ދުވަހުގެ ޕްލޭނުގެ ފައިސާ ހިމަނާނެ: އަބްދުއްރަހީމް

19 އޮކްޓޯބަރު 2023 - 12:12 0

އަމަން ހަލީމް

އަމަން ހަލީމް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ: ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ހިދުމަތްތައް ފޯރުކޮށްދޭން ބަޖެޓުގައި އިސްކަން ދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި -- ފޮޓޯ/މުހައްމަދު ޝާބިން


ސަޕްލިމެންޓަރީ ބަޖެޓުގައި 100 ދުވަހުގެ ޕްލޭނުގެ ފައިސާ ހިމަނާނެ: އަބްދުއްރަހީމް

19 އޮކްޓޯބަރު 2023 - 12:12 0

މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ ފައިސާ ހިމަނާނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓަށް އިންތިހާބީ ރައީސް ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު މި ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި މިހާރު އެ ބަދަލުތައް ހުށަހަޅުއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަޕްލިމެންޓަރީ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތައް [ބަޖެޓު މަސައްކަތް ކުރާ] ކޮމިޓީން ވަނީ ނިންމަވާފައި، ހުށަހަޅުއްވާފައި." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަންނަން އޮތް ޕީޕީއެމް/ޕީއެންސީ ސަރުކާރުން ބަޖެޓަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެކަމަށް ހާއްސަވެގެން ހޮވާފައިވާ ކޮމިޓީއަކުންނެވެ. މިއީ ކުރީގެ ފިނޭންސް މިނިސްޓަރުންނާއި އިކޮނޮމިކް މިނިސްޓަރުންނާއި އެމްއެމްއޭގެ ގަވަރުނަރުން އެކުލެވޭ، ތަޖުރިބާރާކާރުންގެ ކޮމިޓީއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަޕްލިމެންޓަރީ ބަޖެޓަށް ހުށަހެޅި ކަންކަމުގައި އިސްކަން ދިނީ 100 ދުވަހުގެ ޕްލޭނުގެ މަސައްކަތްތަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި ނަމަވެސް މިހާތަނަށް އެ ޕްލޭން ހާމައެއް ނުކުރެ އެވެ. މިކަމާ ގުޅޭގޮތުން އިންޓަވިއުގައި އޭނާ ވިދާޅުވީ ކޮމިޓީއަކުން އެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކޮމިޓީއެއް އެކުލަވާލައިގެން ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑުމެން ސަޕްލިމެންޓަރީ ބަޖެޓުގައި އިސްކަން މިދެނީ އެ ޕްލޭނުގައި ހުރި ކަންތައްތައް ހާސިލުކުރުމަށްޓަކައި ސަޕްލިމެންޓަރީ ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ އިތުރުން އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި، މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމަށް ބޭނުންވާ ފައިސާ ހަމަޖައްސަން ބޭނުންވާ ބަދަލުތައް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މެނިފެސްޓޯގައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާނެ ކަންކަން ކަނޑައަޅާނީ ހުރިހާ ކަމެއް އެއް ފަހަރާ ކުރަން ނޫން ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެކަން ކުރިއަށް ދާނީ އިންތިޒާމު ކުރެވިގެން އިސްކަންދޭ ތަރުތީބަކުން ކަމަށެވެ. އެގޮތުން އަވަހަށް ރައްޔިތުންނަށް ދެވޭނެ ހިދުމަތްތައް ދެނެގަނެ، އެ ހިދުމަތްތަކަށް ފަހިވާ ގޮތަށް ބަޖެޓު ބައްޓަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަޖެޓު މަސައްކަތް ކުރުމުގައި މައިގަނޑު މި ވިސްނަނީ އެންމެ އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދެވެން ހުރި ހިދުމަތްތަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް މަގު ފަހިވާ ގޮތަށް ބަޖެޓު ބައްޓަން ކުރަން."

ފިނޭންސް މިނިސްޓްރީން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 6.5 ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓަށް އިތުރުކުރާށެވެ. މި ފައިސާއާ އެކީ މި އަހަރުގެ ޖުމްލަ ބަޖެޓު 49.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.