Advertisement

ނޭމާގެ ކަކުލަށް ބޮޑު އަނިޔާއެއް! ދަނޑުން ފޭބީ ރޮމުން!

19 އޮކްޓޯބަރު 2023 - 09:33 0


ނޭމާގެ ކަކުލަށް ބޮޑު އަނިޔާއެއް! ދަނޑުން ފޭބީ ރޮމުން!

19 އޮކްޓޯބަރު 2023 - 09:33 0

ރިއޯޑި ޖަނެއިރޯ، ބްރެޒިލް (އޮކްޓޫބަރު 19) - ބްރެޒިލްގެ ތަރި ނޭމާގެ ކަކުލަށް ބޮޑު އަނިޔާއެއްވެ، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ނޭމާގެ ކަކުލަށް އަނިޔާވީ މިދިޔަ އަންގާރަ ދުވަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އަތުން ބްރެޒިލް 2-0 އިން ބަލިވި މެޗުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު ނޭމާއަށް އަނިޔާވީ އުރުގުއޭގެ ކުޅުންތެރިއަކު ކުރި ފައުލެއްގެ ސަބަބުން އޭނާ ވެއްޓުނު ވަގުތު ފައިއެޅުނު ގޮތަކުން ކަމަށް ބެލެވެ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަށިގަނޑުގައި ނޭމާ ބޭލިއިރު އޭނާ ދިޔައީ ރޮމުންނެވެ.

މެޗަށް ފަހު ހެދި ސްކޭންތައް ދައްކާގޮތުން އޭނާގެ ވައަތު ފައިގެ ކަކުލުގެ އޭސީއެލްގެ އިތުރުން މެނިސްކަސް އަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އޭނާ އަށް ލިބިފައިވާ ސީރިއަސްކަމަށް ފެންނާތީ ވީހާވެސް އަވަހަށް ސާޖަރީ ހެދުމަށް ކުޅުންތެރިޔާ އަންނަނީ ތައްޔާރު ވަމުންނެވެ.

ނޭމާ، 31، އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވާނެ ކަމަށް ބެލެވެނީ ދާދި ފަހުން އޭނާ ގުޅުނު ސައުދީގެ ކުލަބު އަލް ހިލާލް އަށެވެ. ސައުދީ ލީގަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށް އެ ކުލަބަށް މާގިނަ މެޗުތަކެއް ނުކުޅެވެ އެވެ. އަދި ސާޖަރީއަށް ފަހު އޭނާ އަށް މި ސީޒަންގައި އެ ކުލަބަށް މެޗެއް ކުޅެވޭނެކަމަށް ނުބެލެވެ އެވެ.

މި ލިބުނު އަނިޔާގެ ސަބަބުން ނޭމާ އަށް އަންނަ ޖޫން މަހު އެމެރިކާގައި ހޯސްޓްކުރާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ. ނަމަވެސް މުބާރާތަށް ގިނަ ދުވަސްތަކެއް އޮތުމުން ސާޖަރީއަށް ފަހު ނޭމާ ފިޓުވެވެދާނެ ކަމަށް ބެލެވެ އެވެ.

ބާސެލޯނާ އާއި ޕީއެސްޖީގެ ކުރީގެ ފޯވާޑް ނޭމާ އަކީ އަނިޔާގެ މައްސަލަ ބޮޑު ކުޅުންތެރިއެކެވެ. އޭނާ ކުރިން ކުޅުނު ދެ ކުލަބުގައިވެސް އަނިޔާގެ މައްސަލަތަކުގެ ސަބަބުން ސީޒަންގެ ގިނަ މެޗުތަކެއް ގެއްލެ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީ އަށް ނޭމާ ބަދަލުވިފަހުން އެ ކުލަބަށް ކުޅުނު ހަ ސީޒަނުގައި އަނިޔާގެ ސަބަބުން 100 އަށް ވުރެ ގިނަ މެޗު ނޭމާ އަށްވަނީ ގެއްލިފަ އެވެ.

މި ފަހަރު ނޭމާ އަށް މި ލިބުނު އަނިޔާ އަކީ އޭނާގެ ކަކުލަށް ލިބުނު އެންމެ ސީރިއަސް އަނިޔާ އެވެ. މީގެ ކުރިން އޭނާގެ ފައިގެ ކުޑަ ހުޅަށް ގިނަ އަނިޔާތަކެއް ލިބިފައިވާއިރު، ފައިތިލައިގެ ކަށިގަނޑުވެސް ދެ ފަހަރެއްގެ މަތިން ބިންދައިގެން ދިޔަ އެވެ. މީގެ އިތުރުން އޭނާގެ ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން 2014ގެ ވޯލްޑް ކަޕްގެ މުހިންމު މެޗުތަކެއް ގެއްލުނުއިރު، މޭކަށިގަނޑަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން ޕީއެސްޖީގެ މުހިންމު މެޗުތަކެއްވެސް ގެއްލުނެވެ.