Advertisement

ޓީމް އިވެންޓު ވެސް ހިމަނައިގެން ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ފަށަނީ

19 އޮކްޓޯބަރު 2023 - 09:28 0

އުއްމީދީ ސާފަރު ކަޔާން އަބްދުﷲ އަރީފް މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޓީމް އިވެންޓު ވެސް ހިމަނައިގެން ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ފަށަނީ

19 އޮކްޓޯބަރު 2023 - 09:28 0

ފުރަތަމަ ފަހަރަށް ޖޫނިއާ މުބާރާތެއްގައި ޓީމު އިވެންޓް ހިމަނައިގެން ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

"ސީ ސްޕޯޓްސް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2023"ގައި މި އަހަރު ވެސް 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އިވެންޓް ކުރިއަށްދާނެ އެވެ. އަދި މީގެ އިތުރުން މަރުހަބާ ކަޕްގެ ނަމުގައި ޓީމް އިވެންޓެއް ވެސް ކުރިއަށްދާނެ އެވެ.

މަރުހަބާ ކަޕްގައި ވާދަކުރާނީ ހަތަރު ޓީމެކެވެ. މި ހަތަރު ޓީމް ލީޑުކުރާނީ މިވަގުތު ގައުމީ ސާފް ލީގުގެ ޖޫނިއާ ބައިގެ ރޭންކިން ކުރީގައި އުޅޭ ހަތަރު ސާފަރުންނެވެ. އެ ގޮތުން ވާދަކުރާ ހަތަރު ޓީމަކީ ޓީމް ކައި، ޓީމް ސައްދިޔު، ޓީމް ޝާނިފް އަދި ޓީމް ޔާސިން އެވެ.

ޖޫނިއާ ގައުމީ މުބާރާތުގައި ތިން އުމުރުފުރާއެއް ކުރިއަށްދިޔަ ނަމަވެސް ކޮންމެ ބައިވެރިއަކަށް ވެސް ވާދަކުރެވޭނީ ދެ އުމުރުފުރާއެއްގަ އެވެ.

އެ ގޮތުން 18 އަހަރުން ދަށުގެ ބައިގައި ހަތް ސާފަރުން ވާދަކުރާނެ އެވެ. ސޯޅަ އަހަރުން ދަށުގެ ބައިގައި ނުވަ ސާފަރުން ވާދަކުރާއިރު، 14 އަހަރުން ދަށުގެ ބައިގައި ވާދަކުރާނީ ފަސް ސާފަރުންނެވެ.

މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕްގައި 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. އަދި 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޔަސީން އަހުމަދު ނާޝިދު ހޯދި އިރު، 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އަހުމަދު އަމީރު އެވެ.

ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް ފަހު ގައުމީ ރާޅާ އެޅުމުގެ މުބާރާތް (ރަންނަމާރި ޗެލެންޖު) ކުރިއަށްދާނެ އެވެ. އެ މުބާރާތުގައި ޖޫނިއާ ޑިވިޝަން ވެސް ހިމެނޭނެ އެވެ.

ރަންނަމާރި ޗެލެންޖަށް ފަހު ގައުމީ ސާފް ލީގުގެ ޖޫނިއާ ޗެމްޕިއަން ހޮވާނެ އެވެ. މި ވަގުތު ރޭންކިން އަށް ބަލާއިރު އެންމެ 10 ޕޮއިންޓުގެ ތަފާތުން ކުރީގައި އޮތީ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އެވެ. ކަޔާން އަށް 2،460 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޔާސިން އަހުމަދު ނާޝިދު އަށް ލިބިފައިވަނީ 2،450 ޕޮއިންޓެވެ. ތިން ވަނައިގައި ޝާނިފް ޝަފީގް އޮތީ 2،340 ޕޮއިންޓާ އެކުގަ އެވެ.