Advertisement

ފަހަތުން އަރައި އިޓަލީ ބަލިކޮށް އިންގްލެންޑް ޔޫރޯ އަށް

18 އޮކްޓޯބަރު 2023 - 09:02 0

އިޓަލީ ކޮޅަށް ގޯލު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ފަހަތުން އަރައި އިޓަލީ ބަލިކޮށް އިންގްލެންޑް ޔޫރޯ އަށް

18 އޮކްޓޯބަރު 2023 - 09:02 0

ލަންޑަން (އޮކްޓޫބަރު 18) - ފަހަތުން އަރައި 3-1 އިން އިޓަލީ ބަލިކޮށް، އިންގްލެންޑުން އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.

އިންގްލެންޑަކީ އަންނަ އަހަރުގެ ޔޫރޯގެ ޖާގަ ޔަގީންކުރި ނުވަ ވަނަ ޓީމެވެ. ހޯސްޓްގެ ގޮތުުގައި ޖަރުމަނުން ފުރުސަތު ހޯދިއިރު، ކޮލިފިކޭޝަނުން މުބާރާތުގެ ފުރުސަތު ހޯދައިފައިވަނީ ބެލްޖިއަމް، ފްރާންސް، ޕޯޗުގަލް، ސްޕެއިން، ސްކޮޓްލެންޑް، ތުރުކީ، އޮސްޓްރިއާ އަދި އިންގްލެންޑް އެވެ.

ރޭގެ މެޗުތަކަށް ފަހު، ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔޫކްރެއިނަށް ވަނީ ހަތް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. ޔޫކްރެއިން ވަނީ ރޭ ކުޅުނު މެޗުން މޯލްޓާ އަތުން 3-1 އިން މޮޅުވެފަ އެވެ. އިޓަލީ ތިން ވަނައިގައި އޮތީ ހަ މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި އިޓަލީން ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކުރިން ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު ފޯވާޑް، ޖިއަންލޫކާ ސްކަމާކާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑުން އެއްވަރުކުރީ ހެރީ ކޭން ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ހޯދައިދިނީ ޒުވާން މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ.

އިންގްލެންޑުން މެޗުގައި ލީޑުނެގި ގޯލުގައި ވެސް ބެލިންހަމްގެ ދައުރު ބޮޑެވެ. އެ ގޮތުން، މެޗުގެ 57 ވަނަ މިނިޓްގައި ބެލިންހަމް ބޯޅަ ހިފައިގެން ގޮސް، ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންގްލެންޑްގެ ދެ ވަނަ ގޯލު ޖެހި މާކަސް ރަޝްފޯޑް އެވެ.

އިންގްލެންޑްގެ ފަހު ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގައި ކޭން އެވެ. މިއީ ގައުމީ ޓީމަށް ކޭން ޖަހައިދިން 60 ވަނަ ގޯލެވެ.

މިއީ، 1977 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން، އިންގްލެންޑްގެ ހޯމް މެޗަކުން އިޓަލީ އަތުން ކުރިހޯދި ފުރަތަމަ ފަހަރެވެ. އިންގްލެންޑުން ވަނީ މި ފަހަރުގެ ކޮލިފައިންގައި އިޓަލީ އަތުން ދެ މެޗުން ވެސް މޮޅުވެފަ އެވެ. މާޗް މަހު ކުޅުނު އިޓަލީގެ ހޯމް މެޗުން އިންގްލެންޑް މޮޅުވީ 2-1 އިންނެވެ.