Advertisement

މަޝްހޫރު ރެފްރީ ކޮލީނާ އިންޑިއާގެ ރެފްރީން ތަމްރީން ކުރަނީ

17 އޮކްޓޯބަރު 2023 - 15:37 0


މަޝްހޫރު ރެފްރީ ކޮލީނާ އިންޑިއާގެ ރެފްރީން ތަމްރީން ކުރަނީ

17 އޮކްޓޯބަރު 2023 - 15:37 0

މުމްބާއީ، އިންޑިއާ (އޮކްޓޫބަރު 17) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ރެފްރީ ކަމަށް ގިނަ ބަޔަކު އެއްބަސްވާ އިޓަލީގެ ޕިއަރްލުއީޖީ ކޮލީނާ، އިންޑިއާގެ ރެފްރީންނަށް ތަމްރީން ސެޝަންތަކެއް ނަގައިދޭ ގޮތަށް އޯލްއިންޑިއާފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ހަމަޖައްސައިފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކުރާ ގޮތުގައި އޭއެއައިއެފްއެފްގެ ރައީސް ކަލްޔާން ޗޯބޭ ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އަރިހުން، އިންޑިއާ ރެފްރީންނަށް ސެޝަންތަކެއް ނަގައިިދިނުމަށް، ފީފާގެ ރެފްރީސް ހެޑް، ކޮލީނާ ފޮނުވައިދޭން އެދިފަ އެވެ.

ޗޯބޭގެ މި އެދިލެއްވުމާ އެއްގޮތަށް ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ރުހުން ދެއްވައި، ކޮލީނާގެ ސެޝަންތަކެއް އިންޑިއާގައި ކުރިއަށްގެންދާން ފުރުސަތު ފަހިކޮށްދީފަ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުުގައި ޗޯބޭ ވިދާޅުވީ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭ ކޮލީނާގެ ސެޝަންގެ ކަންކަން ރާވަން މަސައްކަތް ކުރާއިރު، ކޮލީނާއާ އެކުގައި ފީފާގެ ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ގެންނަން ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އޭއައިއެފްއެފް އިން ކޮލީނާގެ އެހީތެރިކަމާ އެކު، އިންޑިއާ ރެފްރީންނަށް ރިފްރެޝާ ކޯސްތަކެއް ކުރިއަށްގެންގޮސް، ސެޝަންތަކެއް ކުރިއަށްގެންދަން ނިންމި އެންމެ ބޮޑު ސަބަބަކީ އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އާއި އައި ލީގުގައި ރެފްރީންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނި، އޭގެ ފާޑުކިޔުން ގިނަވަމުން އަންނާތީ އެވެ. އެ ގޮތުން، ގިނަ ކްލަބްތަކަކުން އަންނަނީ އިންޑިއާގެ ރެފްރީންގެ މައްސަލަތައް އޭއައިއެފްއެފް އަށް ހުށަހަޅަމުންނެވެ.