6 މާރިޗު 2025 - 07:41 0
6 މާރިޗު 2025 - 07:41 0
ޒިއުރިކް (މާޗް 6) - މުޅިން އާ ފޯމެޓަކަށް މި އަހަރު ފަށަން ނިންމާފައިވާ ފީފާ ކްލަބް ވޯލްޑް ކަޕަށް ފީފާ އިން އެއް ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާ ކަމަށް އެ ފެޑެރޭޝަނުން ހާމަކޮށްފި އެވެ.
ފީފާ ކޮންފަޑެރޭޝަން ކަޕްގެ ބަދަލުގައި ކްލަބްތަކަށް ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު ބާއްވާ މުބާރާތެއް ގޮތަށް ކްލަބް ވޯލްޑް ކަޕް ފޯމެޓް ރޭވީ 24 ޓީމު ކުޅޭގޮތަށް 2021 ގައި ޗައިނާގައި ފުރަތަމަ މުބާރާތް ބާއްވާށެވެ. އެކަމަކު، އޭރު ކޮވިޑް-19ގެ ދުވަސްވަރު ކަމަށްވާތީ ފީފާ އަށް ޖެހުނީ މުބާރާތް ފަސްކުރާށެވެ.
ފީފާ އިން ދައުވަތު ދޭ 24 ޓީމެއް ފުރަތަމަ ކްލަބް ވޯލްޑް ކަޕްގައި ކުޅޭ ގޮތަށް، ހަމަޖެއްސި ނަމަވެސް، ފަހުން ބައިވެރިކުރާ ޓީމުތަކުގެ އަދަދު މުރާޖާ ކޮށް، 32 ޓީމަށް ހެދީ އެވެ. އަދި، މި އާ ފޯމެޓްގެ އަލަތު މުބާރާތް އޮންނާނީ މި އަހަރު ޖޫން އާއި ޖުލައި މަހު އެމެރިކާގައި އޮންނާނެ އެވެ.
އަންނަ ޖޫން 14 އިން ޖުލައި 13 އަށް ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކަށް އިނާމް ފައިސާ އާއި އެެހެނިހެން ކަންކަމުގައި ފީފާ އިން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން ވެސް ހަރަދުކުރަން ޖެހިދާނެ ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ. ކްލަބް ވޯލްޑް ކަޕަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ޓީވީ ރައިޓްސް ޑީލުންނެވެ. އެ ގޮތުން، އެ މުބާރާތް ސްޓްރީމް ކުރާ ވަރުގަދަ ކުންފުންޏެއް ކަމަށްވާ ޑެޒްން ސްޕޯޓްސް އަށް ވިއްކާލީ ވެސް އެއް ބިލިއަން ޑޮލަރުގެ އަގުހުރި ޑީލެއްގަ އެވެ.
ކްލަބް ވޯލްޑް ކަޕްގެ އާ ފޯމެޓާ މެދު ޔޫރަޕްގެ ކްލަބްތަކުގެ ހިތްހަމަނުޖެހުން ބޮޑު ނަމަވެސް، ޔޫރަޕްގެ ކްލަބްތައް ތަމްސީލްކުރާ ޖަމިއްޔާއެއް ކަމަށްވާ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)އާ އެކު، ފީފާ އިން އަންނަނީ އެއްބަސްވުމަކަށް މަސައްކަތް ކުރަމުންނެވެ. އެއީ، މިހާރު މި އޮތް ފޯމެޓަށް 2030 އާ ހަމައަށް އެއްބާރުލުން ދޭއިރު، ކުޅުންތެރިންނަށް ލޯޑުކުޑަވާނެ ގޮތަކަށް މި މުބާރާތުގެ ފޯމެޓްގެ ކަންކަން ހަމަޖެއްސުމަށް މަޝްވަރާތައް ކުރުމަށެެވެ.
ކުޅުންތެރިން ތަމްސީލްކުރާ ފިފްޕްރޯ ޔޫނިއަނުން ވަނީ، ސީޒަނެއްގެ މައްޗަށް ކުޅުންތެރިންނަށް އަރާމު ނުލިބި ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު، އޮފް ސީޒަނުގައި ލިބޭ މުއްދަތުގެ ތެރެއަށް އަނެއްކާ މުބާރާތެއް ލުމަކީ، ކުޅުންތެރިންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެެވެ. އަދި، ފިޓްނަސް ލެވަލް އެންމެ ރަނގަޅަށް ނުހުންނަ ހާލަތެއްގައި، ކްލަބް ވޯލްޑް ކަޕް ފަދަ ހާއްސަ މުބާރާތް ކުޅުވައިގެން މެޗުތަކުގެ ކޮލިޓީ އަށް ވެސް އަސަރުކުރާނެ ކަމަށް ފިފްޕްރޯ އިން ވަނީ ބުނެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment