Advertisement

އެމްއެމްޕީއާރުސީން ކޯޓަށް ހާޒިރުނުވުމުން އެސްއޯއެފުން ފައިސާ ނުދައްކާ މައްސަލަ ބޭރުކޮށްލައިފި

17 އޮކްޓޯބަރު 2023 - 14:18 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އެމްއެމްޕީއާރުސީން ކޯޓަށް ހާޒިރުނުވުމުން އެސްއޯއެފުން ފައިސާ ނުދައްކާ މައްސަލަ ބޭރުކޮށްލައިފި

17 އޮކްޓޯބަރު 2023 - 14:18 0

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ މައްޗަށް ފައިސާ ދައްކަން ކޮށްފައިވާ ހުކުމާ އެއް ގޮތަށް ފައިސާ ނުދައްކާ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

އެމްއެމްޕީއާރުސީއަށް އެސްއޯއެފުން 10،708،271 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ ސެޕްޓެމްބަރު 17، 2017 ގަ އެވެ. އެއީ ހަ މަހަށް ބަހާލައިގެން ކޮންމެ މަހަކަށް ޖެހޭ މިންވަރު އެ މުއްދަތުގެ ތެރޭގައި އެ ކޯޓަށް ދައްކާ ގޮތަށެވެ.

ނަމަވެސް ހުކުމާ އެއްގޮތަށް އެސްއޯއެފް އިން ފައިސާ ނުދައްކާ މައްސަލަ ސިވިލް ކޯޓުން އިސްވެ ބަލަން ފެށި އެވެ. އެއިރު މި މައްސަލަ އެ ކޯޓުން އިސްވެ ބަލަން ފެށީ، މަދަނީ އިޖުރާއަތްތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ސާކިއުލާއެއްގެ ދަށުންނެވެ.

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް މިދިޔަ ބުދަ ދުވަހު ކުރެއްވި ހުކުމެއްގައި ވަނީ މިހާރު މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އޮތް ގޮތުން ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ހުކުމެއް ކުރެވެން އަންނަނީ ދައުވާކުރާ ފަރާތުގެ ހާޒިރުގައި ކަމަށެވެ.

ނަމަވެސް ބުދަ ދުވަހު ބޭއްވި ސިވިލް ކޯޓުގެ އަޑުއެހުމަށް ހާޒިރުވުމަށް އެމްއެމްޕީއާރުސީއަށް ފޮނުވި ހާޒިރު އަމުރާ ވެސް ހަވާލުވުމަށް ފަހު އެ ދުވަހުގެ އަޑުއެހުމަށް އެމްއެމްޕީއާރުސީން ހާޒިރުވެފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

"ދައުވާ ކުރާ ފަރާތުން އަޅައި ދިނުމަށް އެދޭ ފިޔަވަޅުތައް އެނގެން ނެތް އިރު ދެ ފަރާތުން ކޯޓުން ބޭރުގައި ވަކި ގޮތަކަށް ވާހަކަ ދެކެވި ދައުވާ ލިބޭ ފަރާތަށް މި ފައިސާ ދެއްކުމަށް ފުރުސަތުތަކެއް ދެވިފައި އޮތުމުގެ އިހުތިމާލު ވެސް އޮވެދާނެތީ ހުކުމް ތަންފީޒު ކުރުމުގެ އިޖުރާއަތްތައް ދައުވާ ކުރާ ފަރާތުގެ ބަހެއް ނެތި ކުރިއަށް ގެންދެވެން ނެތް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވެ އެވެ." ހުކުމުގައިވެ އެވެ.

ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ދައުލަތަށް ގެއްލުންވި ހިޔާނާތުގެ ފައިސާ ޖަމާކުރަމުން ދިޔައީ އެސްއޯއެފް އެކައުންޓަށެވެ. ހިޔާނާތް ހިންގުމުގައި މި ކުންފުނީގެ އިސްވެރިން އަމަލީ ގޮތުން ބައިވެރިވެފައި ވިޔަސް އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ކަމަށް ބުނާ މީހުންގެ ލިސްޓެއް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައިވެސް ވެ އެވެ. ނަމަވެސް އެ މީހުން ތިބީ ރާއްޖެއިން ބޭރުގަ އެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވެސް ފާހަގަކޮށްފައިވާ ގޮތުން އޮކްޓޯބަރު 18، 2015 ގައި ރާއްޖޭން ބޭރަށް ދިޔަ ގޮތަށް އެއިން މީހަކު އަނބުރާ ރާއްޖެ އައިސްފައެއް ނުވެ އެވެ.