Advertisement

ފާރިސް މަޖިލީހަށް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވައިފި

17 އޮކްޓޯބަރު 2023 - 00:08 0

ފާރިސް މައުމޫން: ވިދާޅުވީ ގައުމު އިސްލާހު ކުރަން މަޖިލީހުގެ ދައުރު މުހިންމު ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ފާރިސް މަޖިލީހަށް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވައިފި

17 އޮކްޓޯބަރު 2023 - 00:08 0

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާއަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވާދަ ކުރައްވާނެކަން އޭނާ މިއަދު އިއުލާނު ކުރައްވައިފި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ވާދަ ކުރެއްވި ފާރިސް މިރޭ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހަށް ވާދަ ކުރައްވަނީ ގައުމު އިސްލާހު ކުރުމަށް އެ މަޖިލީހުގެ މުހިންމުކަން ބޮޑުވުމުން ކަމަށެވެ.

"ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން، ކުރިއަށް އޮތް އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް، މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު ކުރިމަތިލުމަށް ގަސްދު ކުރާ ވާހަކަ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކާ ދެންނެވިން،" އޭނާ ވިދާާޅުވެފައިވެ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މައްޗަންގޮޅީ އުތުރު ދާއިރާއަށް ފާރިސް ވާދަ ކުރެއްވި އެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރަޝީދެވެ.

ފާރިސް ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ވަކި ހިސާބަކުން ހުސްވުމުން ބޭއްވި ބައި-އިލެކްޝަނެއް ކާމިޔާބުކުރައްވައިގެންނެވެ. އޭރު އޭނާ ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.

ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ފާރިސްއަށް ލިބިވަޑައިގަތީ 2979 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ 1.3 ޕަސެންޓު ވޯޓެވެ. ވާދަ ކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ފާރިސް ވަޑައިގަތީ ހަ ވަނައަށެވެ.