Advertisement

އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމް، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި

17 އޮކްޓޯބަރު 2023 - 18:27 0

ނ. މާފަރު

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މާފަރު އެއާޕޯޓުގައި ގާއިމުކުރި އައިލެންޑް އޭވިއޭޝަންގެ ފިއުލް ފާމް، މި ތަނުގައި ހަތަރު ލައްކަ ލީޓަރުގެ ފިއުލް ރައްކާކުރެވޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމް، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި

17 އޮކްޓޯބަރު 2023 - 18:27 0

ނ. މާފަރު

އައިލެންޑް އޭވިއޭޝަން ސާވިސަސް(އައިއޭއެސްއެލް) އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ފިއުލް ފާމެއް ހުޅުވައިފި އެވެ.

މިއީ އެކުންފުނިން ގާއިމުކުރި ފުރަތަމަ ފިއުލް ފާމެވެ. އެއްފަހަރާ ހަތަރު ލައްކަ ލީޓަރުގެ ތެޔޮ ރައްކާކުރެވޭ މި ފިއުލް ފާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިނޭންސްކޮށްގެން ގާއިމުކޮށްފައިވާ ފާމެކެވެ.

މާފަރު އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެެއްގައި މި ފިއުލް ފާމް ހުޅުވައިދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިހާދު ވިދާޅުވީ މި ފިއުލް ފާމާއެކު މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނީ ރާއްޖޭގެ މުހިންމު ހަބަކަށް ކަމަށާއި އޭގެ ސަބަބުން މި ސަރަހައްދުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެގޮތުން މި ފިއުލް ފާމާ އެކު ބޭރުގެ އެއާލައިންތަކަަށް މާފަރު އެއާޕޯޓަށް ޑައިރެކްޓް ދަތުރުތައް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މާފަރު އޭއާޕޯޓުގެ ފިއުލް ފާމް ހުޅުވުމުގެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މިހާދު ވާހަކަދައްކަނީ ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި މުހިންމު މަޝްރޫއުގެ ސަބަބުން މާފަރު އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.

އެގޮތުން, މި އާ ފިއުލް ފާމާ އެކު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ޑޮމެސްޓިކް 4-5 ފްލައިޓަށް އަދި އިންޓަނޭޝަނަލް 3-5 ފްލައިޓަށް ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. އަދި ފިއުލް ފާމުގެ އިތުރުން މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންވާ ދެ ބައުޒަރު ވެސް މާފަރުގައި އޮންނާނެ ކަމަށާއި މި ފާމްގައި ބޭނުންކުރާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ މެޝިނަރީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފިއުލް ފާމްގެ ފާހަގަކޮށްލެވޭ ކަންތައްތައް:

  • 400،000 ލީޓަރުގެ ފިއުލް ރައްކާ ކުރެވޭނެ
  • 35،000 ލީޓަރުގެ ތެޔޮ ބައުޒަރެއް އޮންނާނެ
  • 20،000 ލީޓަރުގެ ތެޔޮ ބައުޒަރެއް އޮންނާނެ
  • އެއާބަސް އޭ380 ފިޔަވައި ހުރިހާ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ގާބިލުކަން ހުންނާނެ
  • ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ރައްކާތެރިކަމާއި ތިމާވެށީގެ ހަރުކަށި މިންގަނޑުތަކަށް އަމަލުކުރާނެ
  • އެއާޕޯޓުގެ ޖުމްލަ އޮޕަރޭޝަނަލް އެފިޝިއެންސީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ

އިސްލާމިކް ބޭންކުގެ އެމްޑީ، މުފައްދަލް އިދްރީސް ވިދާޅުވީ މާފަރު އެއާޕޯޓުގެ ފިއުލް ފާމާއެކު މި ސަރަހައްދުގެ ޓޫރިޒަމަށް ހޮޔެ ބަދަލުތަކެއް އައިސް ޓޫރިޒަމް އިތުރަށް ފުޅާވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު އެ ދާއިރާ އިތުރަށް ތަރައްގީކުރުމުގައި ބައިވެރިވުމަކީ އެ ބޭންކުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

މާފަރު އެއާޕޯޓުގައި ގާއިމުކުރި އައިލެންޑް އޭވިއޭޝަންގެ ފިއުލް ފާމް، މި ތަނުގައި ހަތަރު ލައްކަ ލީޓަރުގެ ފިއުލް ރައްކާކުރެވޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދުފިއުލް ފާމް


މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޖެޓް ޖައްސާ އެއް އެއާޕޯޓެވެ. އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 700 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑުކުރެވޭ މި އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި އެންމެ ބޮޑު އެއާޕޯޓެވެ.

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ މި އެއާޕޯޓަކީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހަދާފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓުގައި ރަންވޭގައި ގާތްގަނޑަކަށް 2,300 މީޓަރުގެ ހުންނައިރު އެ އެއާޕޯޓަށް އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭނެ އެވެ.

އަދި އެއާޕޯޓު އިތުރަށް ތަރައްގީކޮށް ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް މާފަރު އެއާޕޯޓް ބޮޑުކުރަން ނިންމައި, އެކަމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޓީސީސީއާ މި އަހަރު ކުރީކޮޅު ހަވާލުކޮށްފަ އެެވެ.