Advertisement

މެންޗެސްޓާ ސިޓީން ކިމިކް އަށް ފާރަލަނީ

15 އޮކްޓޯބަރު 2023 - 22:19 0


މެންޗެސްޓާ ސިޓީން ކިމިކް އަށް ފާރަލަނީ

15 އޮކްޓޯބަރު 2023 - 22:19 0

މެންޗެސްޓާ (އޮކްޓޫބަރު 15) - ބަޔާން މިއުނިކްގެ ކެޕްޓަން، ޔޯސުއާ ކިމިކް ގަންނަން އިނގިރޭސި ޗެމްޕިއަން، މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކިމިކް، 28، ޖަރުމަނުގެ ޗެމްޕިއަން ބަޔާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ބަޔާނުން ކިމިކްގެ ކޮންޓްރެކްޓް އާ ކުރަން މިހާތަނަށް ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއްނުވެ އެވެ. އެހެންވެ، މި ސީޒަނަށް ފަހު ބަޔާނުން ވެސް ކިމިކް ވިއްކާލުމުގެ ވިސްނުމެއް ގެންގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ޖަރުމަނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެެވެ.

ޖަރުމަނާއި އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކިމިކްގެ ސޮއި ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރާ ކްލަބްތަކަކީ މެންޗެސްޓާ ސިޓީގެ އިތުރުން ބާސެލޯނާ އަދި އޭސީ މިލާން އެވެ.

މީގެ ތެރެއިން ކިމިކް ގުޅުމުގެ ފުރުސަތު ބޮޑީ ސިޓީ އަށް ކަމަށް އިނގިރޭސި ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސިޓީ އާއި ކިމިކާ ގުޅުވައިގެން މީޑިއާގައި ވާހަކަ ދެކެވޭ އެންމެ ބޮޑު ސަބަބަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ.

ކިމިކް، ބަޔާނަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭރު ބަޔާންގެ ކޯޗަކީ ގާޑިއޯލާ އެވެ. ބަޔާންގެ ބޯޑަށް ކިމިކް ގަންނަން އެންމެ ބޮޑަށް ބާރު އެޅީ ގާޑިއޯލާ އެެވެ. އާރްބީ ލައިޕްޒިގުގައި ކިމިކް ހުއްޓައި، ބަޔާނުން އޭނާގެ ސޮއި ހޯދީ 10 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.

މިދިޔަ އަހަރުތަކުގައި ބަޔާނުން ހޯދި ގިނަ ކާމިޔާބީތަކުގައި އެންމެ ހިއްސާ ބޮޑު ކުޅުންތެރިންގެ ތެރޭގައި ކިމިކް ހިމެނެ އެވެ. ކިމިކްގެ ރޯލު ބަޔާން ޓީމުގައި އެންމެ ބޮޑު ސަބަބަކީ އޭނާ އަކީ ގިނަ މަގާމުތަކަށް އެއް ލެވަލެއްގައި މޮޅަށް ކުޅޭ ކުޅުންތެރިއަކަށް ވުމެވެ.