Advertisement

ޔޫސުފް އަދިވެސް ނުފެނި، ވަޔާއި ކަނޑުގެ މަގުން ހޯދުމުގެ އޮޕަރޭޝަން ފުޅާކޮށްފި

15 އޮކްޓޯބަރު 2023 - 10:53 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ގެއްލިގެން ހޯދާ އދ. ދަނގެތި، ޔޫސުފް އިބްރާހީމް (68 އަހަރު) --


ޔޫސުފް އަދިވެސް ނުފެނި، ވަޔާއި ކަނޑުގެ މަގުން ހޯދުމުގެ އޮޕަރޭޝަން ފުޅާކޮށްފި

15 އޮކްޓޯބަރު 2023 - 10:53 0

އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެ ފަތިހު މަހަށް ނިކުމެގެން އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައި އަދި ކަނޑުގެ މަގުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަނީ އެ ރަށު ޔޫސުފް އިބްރާހީމް (68 އަހަރު) ކަމަށް ދަނގެތި ކައުންސިލަރު އަހުމަދު އަބްދުއް ސަމަދު ވަނީ މި ނޫހަށް ޔަގީންކޮށްދީފަ އެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި ޔޫސުފް މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށް ކަމަށެވެ. އަދި, އޭނާ މަހަށް ދިޔަ ދޯނި އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް ބަޔަކަށް ފެނުނީ އިއްޔެ ހެދުނު 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި ކަމަށާއި، އެ ދޯނި ފެނުނު އިރު އޭގައި އޭނާ ނެތް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާ އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރު 11:42 ގައެވެ.

އެންމެ ފަހުން ފެނުނު އިރު ޔޫސުފް ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް މައުލޫމާތުދެ އެވެ.

ޔޫސުފް ހޯދުމުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ދަނގެތީގެ ޑައިވަރުން އަދި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އޭގެ އިތުރުން ކޯސްޓްގާޑުގެ އުޅަނދުތަކާއި، ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ވެސް އަންނަނީ ޔޫސުފް ހޯދުމުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެމްއެންޑީއެފްގެ ޑޯނިއާ އެއާކްރާފްޓް ވެސް ވައިގެ މަގުން ޔޫސުފް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން ވަނީ ޔޫސުފްގެ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތައް އަދި އެ ހިސާބުގެ ރަށްތަކުން ބައްލައިދިނުމަށް އެދިފަ އެވެ.

ޔޫސުފްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެމްޑީއެފުން އެދެ އެވެ. 3391665 މި ނަންބަރަށް ފެކްސް ކުރެވޭނެކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.