Advertisement

އިންތިހާބީ ރައީސް ދެއްވީ ކައުންސިލް މިނިސްޓްރީއާއެކު ކަންކަން ކުރަން ފަހިވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2023 - 07:40 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މާލޭ މޭޔަރު އަދި އިންތިހާބީ ރައީސް މުއިއްޒު. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


އިންތިހާބީ ރައީސް ދެއްވީ ކައުންސިލް މިނިސްޓްރީއާއެކު ކަންކަން ކުރަން ފަހިވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2023 - 07:40 0

ކައުންސިލް މިނިސްޓްރީ އުފެއްދުމާއެކު، ކައުންސިލްތަކަށް ހުރި ގޮންޖެހުންތަކަށް ހައްލު އަންނާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

މާލެ ސިޓީ މޭޔަރުގެ ހައިސިއްޔަތުން ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރަން މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތަށް ކައުންސިލްތައް ހިންގޭކަން އެ މަނިކުފާނުގެ ސަރުކާރެއްގައި ޔަގީންކޮށްދޭނެ ކަމަށެވެ.

"ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ދެން ފެށިގެންދާ ސަރުކާރެއްގައި ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުން ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދެވޭކަން ޗެމްޕިއަންކޮށްދޭ، ޔަގީންކޮށްދޭ ސަރުކާރަކަށް ވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ ސަރުކާރުން މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ދަތިތައް ކުރިމަތި ކުރުވި ކަމަށް ރޭ ވެސް ވިދާޅުވި އެވެ. ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުގައި ކައުންސިލްތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީގެން ކައުންސިލްތަކުގެ ކަންކަން ހިނގަމުންދާ ގޮތް ސަރުކާރުގެ ތެރެއިން ހަމަޖެހިފައި އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ސީދާ ލާމަރުކަޒީ މަސައްކަތްތަކަށް ކަންކަން ފަހިކޮށްދޭނެ މިނިސްޓަރަކު ހުރެގެން، ވަޒީރަކު ހުރެގެން ނިޒާމުގެ ތެރެއިން ހުރިހާ ކަމެއް ހަމަޖެހިގެން އެލްޖީއޭއަށް ބާރުދެވިގެން ދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކައުންސިލްތަކަށް ހުރި ހުރިހާ ދަތިކަމެއް ނެތިގެންދާނެ ކަމަށާއި އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް މުއިއްޒު ދެއްވި އެވެ. އަދި ސަރުކާރުން ދަތިތައް ކުރިމަތި ނުވި ނަމަ، މާލޭ ސިޓީ ކައުންސިލްގެ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރެވިފައި އޮތީސް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކެމްޕޭން ކުރެއްވުމަށް ރަށްރަށަށް ވަޑައިގެން މުއިއްޒު ވެވަޑައިގަތް އެއް ވައުދަކީ ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފެއްދެވުމެވެ. މުއިއްޒު ވިދާޅުވީ މިހާރު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓަކީ ކައުންސިލްތަކަށް އެންމެ އެކަށޭނަ ފަންޑެއް ނޫން ކަމަށާއި ކައުންސިލް މިނިސްޓްރީއާއެކު ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިގެން ދާނެ ކަމަށެވެ.

އެ ސިޔާސަތާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި އެއީ "ލާމަރުކަޒީ ސިޔާސަތު މަރައިލުން" ކަހަަލަ ކަމެކެވެ. މަރުކަޒީ ސަރުކާރުގެ ދަށަށް ގެންދިއުމުން ކައުންސިލްތައް ބާރުވެރިވާނީ ކިހިނެތްތޯ ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށް ބަދަލުނުވާ އިރު، އޮތް އެޓޯލްސް މިނިސްޓްރީ އަލުން އުފެއްދުން ކަމަށް ވެސް އެތައް ބަޔަކު ސިފަކުރި އެެވެ.