14 އޮކްޓޯބަރު 2023 - 12:41 1
މުހައްމަދު ޝަހްޒާން
14 އޮކްޓޯބަރު 2023 - 12:41 1
އަންނަ ނޮވެމްބަރު 11 ގައި މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަވައިފައިވާކަން ހަމީދު ހާމަކުރެއްވީ ފުލުހުންގެ ބުލޮގުގައި ލިޔުއްވި ލިޔުމެއްގަ އެވެ. ނޮވެމްބަރު 11 ގައި ރިޓަޔާ ކުރައްވާނެ ކަން ހަމީދު ވަނީ "އަދަދު" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.
އެ ލިޔުމުގައި ހަމީދު ވަނީ ފާއިތުވި ފަސް އަހަރު ދިމާވި ގޮންޖެހުންތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން އޭނާ ވަނީ ޒާތީ ގޮތުންނާއި ޕްރޮފެޝަނަލް ގޮތުން ދިމާވި ކަންކަން ލިޔުއްވައިފަ އެވެ.
"އަހަރެން މަގާމާ ހަވާލުވި ދަނޑިވަޅަކީ މުއައްސަސާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި އޮތް ވަގުތެއް، އަހަރެންނަށް ޖެހުނީ އަހަރެންގެ ވެސް އަމިއްލަ ތައައްސަބު އެއްފަރަތް ކޮށްފައި އިސްކޮށް ތިބި އޮފިސަރުން އެއްބައިވަންތަކުރުމަށްފަހު ޒިންމާތައް އަދާކުރަން،" ހަމީދު ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ 2012 ވަނަ އަހަރު، ކެރިއަރުގައި ޖެހުނު ލައްގަނޑަށް ފަހު ފުލުހުންގެ މުއައްސަސާއަށް އަލުން އެނބުރި އައިސް ހިދުމަތް ކުރަން ފުރުސަތު ލިބުމަކީ އެއީ ނަސީބު ކަމަށެވެ.
"އަހަރެންގެ ނަސީބު އެއީ، އުމުރުން އެންމެ 17 އަހަރުގައި ހިތްޖެހުނު މުއައްސަސާއަށް އެނބުރި އައިސް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުން،" 2012 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ކެރިއަރުގައި ދިމާވި ކަންތައްތައް ހަނދާން ކުރަމުން ހަމީދު ލިޔުއްވާފައިވެ އެވެ.
ހަމީދު ވަނީ ފުލުހުންގެ ތެރެއަށް އަނބުރާ އައިސް ހިދުމަތް ކުރުމުގައި އެހީތެރިވެދިން ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ފުލުހުންގެ މުއައްސަސާގެ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު އުފަލެއް ކަމަށް އޭނާގެ ލިޔުމުގައި ވިދާޅުވެފައިވެ އެވެ.
ފުލުހުންގެ އެންމެ އިސް އޮފިސަރަކީ އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންމެ އިސް މުވައްޒަފަކީ ކޮމިޝަނަރު އޮފް ޕޮލިސް އެވެ. އެ މަގާމަށް މީހަކު އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ އެ ގާނޫނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށެވެ.
Comment