Advertisement

އެންމެބޮޑު ގޮންޖެހުމަކަށްވީ 2012ގެ ލައްގަނޑާއެކު މަސައްކަތް ކުރަން ޖެހުން: ސީޕީ ހަމީދު

15 އޮކްޓޯބަރު 2023 - 10:12 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެންމެބޮޑު ގޮންޖެހުމަކަށްވީ 2012ގެ ލައްގަނޑާއެކު މަސައްކަތް ކުރަން ޖެހުން: ސީޕީ ހަމީދު

15 އޮކްޓޯބަރު 2023 - 10:12 1

މަގާމު އަދާ ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ 2012 ގައި ކެރިއަރުގައި ޖެހުނު ލައްގަނޑާއެކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުން ކަމަށް ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީޑު ވިދާޅުވެއްޖެ އެވެ.

އަންނަ ނޮވެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވައިފާނެ ކަމަށް ހަމީދު މިހާރު ވަނީ ވިދާޅުވެފަ އެވެ.

ހަމީދު އެ ވިދާޅުވާ ލައްގަނޑަކީ ފުލުހުންގެ ސިއްރު މައުލޫމާތު ތަކެއް ލީކުކުރި ކަމަށް ތުހުމަތުކޮށް 2013 ވަނަ އަހަރު އެޅި އިދާރީ ފިޔަވަޅެވެ.

ފާއިތުވި ފަސް އަހަރު ތެރޭގައި މަގާމު އަދާކުރުމުގައި ދިމާވި ގޮންޖެހުންތަކަށް އަލި އަޅުވައިލައްވައި ފުލުހުންގެ އެތެރޭގެ ބުލޮގެއްގައި ލިިޔުއްވި ލިޔުއްވުމެއްގައި ހަމީދު ވިދާޅުވީ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޒާތީ އަދި ޕްރޮފެޝަނަލް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

"އަޅުގަނޑު މަގާމާ ހަވާލުވި ދަނޑިވަޅަކީ މުއައްސަސާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި އޮތް ވަގުތެއް، އަޅުގަނޑަށް ޖެހުނީ އަޅުގަނޑުގެ ވެސް އަމިއްލަ ތައައްސަބު އެއްފަރާތް ކޮށްފައި އިސްކޮށް ތިބި އޮފިސަރުން އެއްބައިވަންތަކުރުމަށްފަހު ޒިންމާތައް އަދާކުރަން،" ލިއުއްވުމުގައި ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައި ވަނީ 2012 ވަނަ އަހަރު ކެރިއަރުގައި ޖެހުނު ލައްގަނޑަށްފަހު ފުލުހުންގެ މުއައްސަސާއަށް އަލިުން އެނބުރި ވަޑައިގެން ހިދުމަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ނަސީބެއް ކަމަށެވެ.

"އަޅުގަނޑުގެ ނަސީބު އެއީ، އުމުރުން އެންމެ 17 އަހަރުގައި ހިތްޖެހުނު މުއައްސަސާއަށް އެނބުރި އައިސް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުން،" 2012 ވަނަ އަހަރު ކެރިއަރުގައި ދިމާވި ކަންތައްތައް ހަނދާން އާކުރައްވަމުން ހަމީދު ލިޔުއްވާފައިވެ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ވެއްޓުމާ އެކު އެއަހަރުގެ އޯގަސްޓު މަހު ހަމީދުގެ މައްޗަށް ތުހުމަތުތަކެއްކޮށް އިދާރީ ފިޔަވަޅެއްގެ ގޮތުގައި ހަމީދު ވަޒީފާއިން ވަކިކުރި އެވެ. އެ މައްސަލަ ހަމީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ އޭނާއަށް ވަޒީފާ އަނބުރާ ދިނުމަށެވެ. އެކަމަކު ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން ހުކުމްކުރީ ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. އެ މައްސަލަ ސުޕްރީމު ކޯޓަށް އޭރު ހުށަހެޅުމުން އޭރު ބަލައިގަނެފައެއް ނުވެ އެވެ.

އޭގެފަހުން 2018 ގެ ފަހުން ވެރިކަން ބަދަލުވުމަށްފަހު ސުޕްރީމު ކޯޓުން މައްސަލަތައް ރިވިއު ކުރަމުންދިޔަ ދުވަސްވަރު އަނެއްކާވެސް ހަމީދުގެ ފަރާތުން އެ މައްސަލަ ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދުނެވެ. ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ނިންމީ މައްސަލަ އަލުން ރިވިއު ކުރުމަށްފަހު އެވެ.

ބުލޮގުގައި ހަމީދު ލިއުއްވާފައި ވާ ގޮތުގައި ކޮމިޝަނަރުގެ މަގާމަށް ވަޑައިގަންނަވަން 2018 ވަނަ އަހަރު ފުރަތަމަ ހުށަހެޅި ހުށަހެޅުން ގަބޫލުކުރައްވަން ފުރަތަމަ ބޭނުންވެވަޑައިނުގެންނެވީ ވެސް އެސަބަބާހުރެ އެވެ. ނަމަވެސް ފަހުން އެ މަގާމާ ހަވާލު ވެވަޑައިގެންނެވީ އެ މަގާމަށް އައްޔަން ކުރުމަށް އެދުނު މީހާ އައްޔަން ނުކުރެވުމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ފާއިތުވި ފަސް އަހަރަކީ ޕްރޮފެޝަނަލް ގޮންޖެހުންތަކެއް ވެސް ދިމާވި ފަސް އަހަރު ކަމަށް އޭނާ ސިފަކުރެއްވި އެވެ. ކުށްކުރުމާއި ސަލާމަތީ ވެށި އޭރުވެސް ވަރަށް ބޮޑަށް ބަދަލުވުމުންދިއުމުގެ ސަބަބުން ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާ ކުރަން ޖެހުމަކީ އޭނާ ވިދާޅުވި ގޮތުގައި އެފަދަ އެއް ކަންތަކެވެ.

"އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އޮތީ ހިދުމަތްތައް ޕްރޮފެޝަނަލް ކުުުރުމާއެކު މުއައްސަސާއިން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެގޮތުގައި ދެމުން ގެންދިޔުން،" ހަމީދު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުގެގެ ޒިންމާއަކަށްވީ ދިވެހި ފުލުހުންގެ މުއައްސަސާ ބައިނަލް އަގުވާމީ މައިދާނުގައި ފައި ހަމަ ކުރުން، ހަމައެކަނި ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައެއް ނޫން، ގައުމީ ސަލާމަތުގެ އެޖެންޑާގައި ވެސްމެ،" ލިއުއްވުމުގައި ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ތެރެއަށް އެނބުރި ވަޑައިގެން ހިދުމަތް ކުރެއްވުމުގައި އެހީތެރިވެދިން ހުރިހާ އެންމެންނަށް ޝުކުރު އޭނާ ޝުކުރު އަދާކުރެއްވި އެވެ. އަދި ފުލުހުންގެ މުއައްސަސާގެ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.