Advertisement

ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ބަންގްލަދޭޝް ކުޅުންތެރިންނަށް ބޮޑު ސަސްޕެންޝަނެއް

14 އޮކްޓޯބަރު 2023 - 11:27 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން: ބަންގްލަދޭޝްގެ ޓޯޕޫ (ވ) އާއި ރާއްޖޭގެ ހައިޝަމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ބަންގްލަދޭޝް ކުޅުންތެރިންނަށް ބޮޑު ސަސްޕެންޝަނެއް

14 އޮކްޓޯބަރު 2023 - 11:27 0

މި އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި މާލޭގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަނާ ދެކޮޅަށް ބަޝުންދުރާ ކިންގްސް ކުޅުނު މެޗަށް ފަހު އެނބުރި ބަންގްލަދޭޝަށް ދިޔައިރު، އެ ގައުމަށް ގަވައިދާ ހިލާފަށް ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ބަންގްލަދޭޝް ގައުމީ ޓީމުގެ ތިން ކުޅުންތެރިއަކަށް ބޮޑު އަދަބެއް ދީފި އެވެ.

މާޒިޔާއާ ދެކޮޅަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުޅުނު މެޗަށް ފަހު ބަޝުންދުރާ ކިންގްސް އެނބުރި ގައުމަށް ދިޔައިރު، އެ ގައުމުގެ އެއާޕޯޓުން ކަމާބެހޭ ފަރާތްތަކަށް ވަނީ ފަސް ކުޅުންތެރިއެއްގެ ލަގެޖުން ޖުމްލަ އެކު 60 ބަނގުރާ ފުޅި ފެނިފަ އެވެ. އެ ފަސް ކުޅުންތެރިންގެ ތެރޭގައި ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ގޯލްކީޕަރު އަނީސުރް ރަހުމާން ޒިކޯ އާއި ޑިފެންޑަރު ޓޯޕޫ ބަރްމަން އަދި ޝެއިހް މޮރްސަލީން ހިމެނެއެވެ. ދެން ހިމެނޭ ދެ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ދެ ކުޅުންތެރިންނެއް ނޫނެވެ.

މި މައްސަލައިގައި ޓޯޕޫ އާއި މޮރްސަލީން އަދި އަނީސުރް ވަނީ ގައުމީ ޓީމުން ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ، ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުގައި މި ތިން ކުޅުންތެރިންނަށް ނުކުޅެވުނެވެ. އެ ތިން ކުޅުންތެރިން ނުލައި، ފުރަތަމަ ލެގުގައި ބަންގްލަދޭޝް އިން ވަނީ ރާއްޖެއާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ދެ ވަނަ ލެގުގެ ކުރިން ޓޯޕޫ އާއި މޮރްސަލީން އަދި އަނީސުރްގެ މައްސަލަ ނިންމާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މީގެ ކުރިން ވެސް ހާމަކޮށްފަ އެވެ.

އެ ގޮތުން، އެ މައްސަލަައިގައި ނިންމާފައިވަނީ، އަނީސުރް އަންނަ އަހަަރުގެ މާޗް މަހުގެ ނިޔަލަށް ސަސްޕެންޑް ކުރުމަށާއި ޓޯޕޫ އަންނަ އަހަރުގެ ނިޔަލަށް ސަސްޕެންޑް ކުރުމަށެވެ. އަދި ޒުވާން ކުޅުންތެރިޔާ މޮރްސަލީން އަށް ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށް އަދަބުދީފައިވެ އެވެ. މޮރްސަލީން ޖޫރިމަނާކޮށްފައިވަނީ 1000 ޑޮލަރުންނެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮތީ އަންނަ އަންގާރަ ދުވަހު އެވެ.