Advertisement

ރާއްޖެ ބަލިކުރަން ކަބްރޭރާގެ ހާއްސަ އަމާޒެއް އެބައޮތް

about 2 hours 0


ރާއްޖެ ބަލިކުރަން ކަބްރޭރާގެ ހާއްސަ އަމާޒެއް އެބައޮތް

about 2 hours 0

ބަންގްލަދޭޝްގައި މި މަހު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ބަންގްލަދޭޝް އިން ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ނުކުންނައިރު، ބަންގްލަދޭޝްގެ ފުޓްބޯޅަ އަށް ހާއްސަ އަމާޒެއް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު، ޕޯޗުގަލްގެ ހަވިއޭ ކަބްރޭރާ ބުނެފި އެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެފްއޭއެމް އިން އިއުލާނުކުރި ގޮތުގައި، މި ދެ ގައުމުން، ފީފާ މި މަހުގެ ބްރޭކުގައި ކުޅޭ ދެ މެޗު އޮތީ މި މަހުގެ 13 އާއި 16 ވަނަ ދުވަހު، ބަޝުންދަރާ އެރީނާގަ އެވެ. މި މެޗުތަކަށް ތައްޔާރުވާން ދެ ޓީމުން ވެސް ތައްޔާރީތައް ކުރިއަށް ގެންދަމުން އަންނައިރު، ބަންގްލަދޭޝް އިން ޓްރެއިނިން ގެންދަނީ، ކޭމްޕެއް ކޮށްގެންނެވެ.

ބަންގްލަދޭޝް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ކަބްރޭރާ ބުނެފައިވަނީ، އެކުވެރިކަމުގެ ދެ މެޗުން ރާއްޖެ އަތުން މޮޅުވާން ބޭނުންވަނީ، އަންނަ އަހަރުގެ މާޗް މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ހިސާބަކަށް ވާސިލްވެ، އެ ގައުމުގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ރާއްޖެއާ ކުޅުން މިއީ އަބަދުވެސް އުނދަގޫ ޗެލެންޖެއް. މީގެ އެންމެ އުފާވަނީ އަމިއްލަ ދަނޑުގައި މި ދެ މެޗު ކުޅެވޭތީ. ބޭނުންވަނީ އަމިއްލަ ގައުމުގައި ކާމިޔާބު ހޯދައި އިތުބާރު ބޮޑުުކުރަން. ދެ މެޗުން ވެސް މޮޅުވުން އަމާޒަކީ،" މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖާއި މި ދިޔަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި، ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުކޮށްދިން ކޯޗު ކަބްރޭރާ ބުންޏެވެ.

"މި ދެ މެޗުން އަހަރެމެން މޮޅުވެއްޖިއްޔާ ވަރަށް ރަނގަޅަށް ކަންކަން ހުންނާނީ، އޭޝިއަން ކަޕް ކޮލިފައިން ޑްރޯގެ ތިން ވަނަ ޕޮޓަށް ވެސް އަހަރެމެން ގޮސްދާނެ. އެއީ، ކޮލިފައިން އަށް ދާއިރު އަހަރެމެންނަށް ކުރިއަށް އެޅޭނެ ބޮޑު ފިޔަވަޅެއް،"

އިނގިރޭސި ޔޫތު ގައުމީ ޓީމަށް ކުޅެފައިވާ، ލެސްޓާ ސިޓީގެ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ، ބަންގްލަދޭޝަށް ކުޅެން މަސައްކަތް ކުރާ ކަންކަން ކުރިއަށްދާއިރު، ކަބްރޭރާގެ އުންމީދަކީ، އޭޝިއަން ކަޕް ކޮލިފައިން އަށް ދާއިރުގައި ހަމްޒާ ޓީމުގައި ހިމެނުމެވެ.

"އަސްލު އަހަރެން ބޮޑަށް ބޭނުންވީ ހަމްޒާ މި މެޗުތަކުގައި (ރާއްޖެއާ ދެކޮޅަށް) ކުޅުވަން. އެއީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ބަންގްލަދޭޝް ފުޓްބޯޅަ އޮތްގޮތުގެ ތަޖުރިބާކޮށްލުުމުގެ ފުރުސަތު ހަމްޒާ އަށް ދޭން، މި ފަހަރު އެކަން ނުވިޔަސް، މުސްތަގުބަލުގައި އެކަން ވެސް ވާނެ." ބަންގްލަދޭޝް ގައުމީ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަބްރޭރާ ބުންޏެވެ.

އެންމެ ފަހުން ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު ހަ މެޗަށް (2021 ވަނަ އަހަރުން ފެށިގެން) ބަލާއިރު، ބަންގްލަދޭޝް ވަނީ ތިން މެޗުން މޮޅުވެފަ އެވެ. ރާއްޖެ ދެ މެޗުން މޮޅުވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.