Advertisement

ސައުދީން އިޓަލީގެ ކްލަބެއް ގަތުމުގެ މަސައްކަތް މަޑުޖައްސާލައިފި

14 އޮކްޓޯބަރު 2023 - 10:52 0


ސައުދީން އިޓަލީގެ ކްލަބެއް ގަތުމުގެ މަސައްކަތް މަޑުޖައްސާލައިފި

14 އޮކްޓޯބަރު 2023 - 10:52 0

މިލާން (އޮކްޓޫބަރު 14) - ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އިޓަލީގެ އެއް ވަނަ ޑިވިޝަނުގެ ނަން މަޝްހޫރު ކްލަބެއް ގަންނަން ކުރަމުން އަންނަ މަސައްކަތް މި ވަގުތަށް މަޑުޖައްސާލައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއައިއެފްގެ އޮފިޝަލުންގެ ޓީމެއް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވަނީ އިޓަލީގެ ވަރުގަދަ ތިން ޓީމެއް ގަންނަން މަޝްވަރާތަކެއް ކުރިއަށްގެންގޮސްފަ އެވެ. އެ ގޮތުން، ޕީއައިއެފް އިން ގަންނަން މަޝްވަރާ ކުރި ކްލަބްތަކަކީ ރޯމާ، އިންޓަ މިލާން އަދި ޔުވެންޓަސް އެވެ.

ޕީއައިއެފް އިން އެންމެ ބޮޑަށް މަޝްވަރާކުރީ ޔުވެންޓަސްގެ މެޖޯރިޓީ ހިއްސާދާރަކަށް ވުމަށް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ސަބަބަކީ ޔުވެންޓަސް މި ވަގުތު އޮތީ މާލީ ގޮތުން ބޮޑު މައްސަލަތަކެއްގެ ތެރޭގައި ކަމަށްވާއިރު، އެ ހާލަތުގެ ފައިދާނަގައި، އެ ޓީމު ގަންނަން ފަސޭހަވާނެތީ އެވެ. އެހެން ނަމަވެސް، ޔުވެންޓަސްގެ ބޯޑުން އެ ޑީލަށް ނުރުހޭތީ ކުރިއަށް ނުދިޔަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސައުދީން މި ވަގުތަށް އިޓާލިއަން ލީގުގެ ކްލަބެއް ގަތުން މަޑުޖައްސާލީ، ރަނގަޅު ޕްލޭނަކާ އެކު އަލުން އެ މަސައްކަތް ކުރުމުގެ ވިސްނުމުގަ އެވެ.

ސައުދީން 2034ގެ ފީފާ ވޯލްޑް ކަޕް ބާއްވަން ބިޑްކޮށްފައިވާއިރު، މިހާރު އެ ގައުމުގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު) ކުރިއަށްދަނީ ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިން ކްލަބްތަކަށް ސޮއިކޮށްގެންނެވެ. އެ ގޮތުން، އަގުބޮޑު ޓްރާންސްފާތައް ކުރަން ކްލަބްތަކަށް ޕީއައިއެފް މެދުވެރިކޮށް، ސަބްސިޑީ ފޯރުކޮށްދެ އެވެ.

ސައުދީގެ ސަރުކާރުގެ ހިއްސާ އޮންނަަ، ޕީއައިއެފް އިން ވަނީ މީގެ ދެ އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑް ގަނެފަ އެވެ. ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު ހުރިއިރު، މިއީ، ފުޓްބޯޅަ ކްލަބެއް ހިންގަން ހަވާލުވެފައި އޮތް ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ.