ބ. ކަމަދޫ ގޮނޑޮދޮށް، މި ގޮނޑުދޮށުން ރަށު ކައުންސިލަށް ރަނގަޅު އާމްދަނީއެއް ލިބޭ. - ފޮޓޯ: އަދަދު
ކުންޏޭ ބުނާނެ އެއްޗަކަށް ހުރީ ގަސްގަހުން ފޭބި ފަތާއި މަރުވެގެން ލައްގާފައި އޮތް ހައެއްކަ ރޮނޑެވެ. ދެން އޮތީ މުޅީން ވެސް ސާފު ހުދު ފަހެވެ. ރާއްޖޭގެ އެހެން އެތައް ރަށެއްގައި ވެސް މިފަދަ ރީތި ގޮނޑުދޮށްތައް އެބަ ހުއްޓެވެ. ކަމަދޫގެ ތަފާތަކީ މިހާ ސާފުކޮށް އޮތުމެވެ. މޫދުން އޮޔާ އައިސް ލައްވާ ކުނި ބުނި ގަވައިދުން ނަގައި ސާފު ކުރުމަކީ ގިނަ ރަށްރަށުގައި ގަވައިދުން ކުރާ ކަމަކަށް ނުވާތީ އެވެ.
ރަށު ފެންވަރުގައި ހިންގާ ފަތުރުވެރިކަމުގެ ސިނާއަތް ނުވަތަ ގެސްޓްހައުސް ވިޔަފާރިއަށް ކިތަންމެ މުހިންމު ވިޔަސް ގޮނޑުދޮށް ސާފުކޮށް ބެލެހެއްޓުން ބޮޑުކަމަކަށްވާ އެއް ސަބަބަކީ ރަށު ކައުންސިލްތަކުގައި އެވަރުގެ ތަނަވަސް ކަމެއް ނެތުމެވެ. ގޮނޑުދޮށް ބަލަަހައްޓަން ބަޔަކު ނުބޭތިއްބެނީ އެހެންވެ އެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު "އަދަދު" ނޫހަށް ވިދާޅުވީ އެ އިންތިޒާމް މި ރަށުގައި ހަމަޖެއްސީ ގެސްޓްހައުސް ވިޔަފާރީގެ ތެރެއިން ކަމަށެވެ. ގެސްޓްހައުސްތަކުގެ ވެރިންނާއި ރަށު ކައުންސިލާ ދެމެދު ރަނގަޅު "އަންޑަސްޓޭންޑިންއެއް" އެކަމުގައި އެބަ އޮތެވެ. ގެސްޓްހައުސްތަކަށް ކައުންސިލްތަކުން ކޮށްދިން ކަމަކީ ގޮނޑުދޮށުގެ ވަކި ސަރަހައްދެއް ޓޫރިސްޓުންނަށް ހާއްސަކޮށްދިނުމެވެ. އޭގެ ބަދަލުގައި ގެސްޓްހައުސްތަކުގެ ވެރިން ކޮށްދޭ ކަމަކީ އަންނަ ކޮންމެ ޓޫރިސްޓުންގެ އަތުން ދުވާލަކަށް، ބޮލަކަށް ޑޮލަރެއްގެ މަގުން ކައުންސިލަށް ފީ ދެއްކުމެވެ.
"އަޅުގަނޑުމެންނާ ގެސްޓްހައުސްތަކުގެ ވެރިންނާ އޭރު [ގެސްޓްހައުސް ވިޔަފާރި ފެށި ދުވަސްވަރު] ވާހަކަ ދެކެވިގެން، ކުރިއަށް އޮތް ތަނުގައި މި ވިޔަފާރި ފުޅާވެގެން ދާއިރު ގޮންޖެހުންތަކެއް ހުރެދާނެކަމަށް ފެންނާތީ އަޅުގަނޑުމެން އޮންނާނެ ޓޫރިސްޓުންނަށް ވަކިން ހާއްސަ ބީޗެއް ކަނޑައަޅާފައި. އާއްމުންނަށް ވެސް ދެވޭ ގޮތަށް، އާއްމުންނަށް ވެސް މަނައެއް ނުވާނެ،" ޒަރީރު ވިދާޅުވި އެވެ.
ކަމަދޫ ގެސްޓު ބީޗު ސަރަހައްދުގެ މޫދުގައި އެލުވާފައިވާ އުނދޯލި. -- ފޮޓޯ: އަދަދު
އެ ބީޗަށް ރަށުގެ ރައްޔިތުން ދިޔުމާއި މަޖާކުރުން މަނައެއް ނޫނެވެ. ނަމަވެސް، ހޭލުންތެރި ރައްޔިތެއް އުޅޭ މި ރަށުން މެހުމާނުންނަށް އުނދަގޫ ވާ ޒާތުގެ އެއްވެސް ކަމެއް ނުކުރެ އެވެ.
އެ ސަރަހައްދު އެގޮތަށް ހާއްސަކުރުމަށް ފަހު ގެސްޓްހައުސްތަކުން މިދިޔަ އަހަރުން ފެށިގެން ނަގާ ފީއަކީ ގާނޫނީ ގޮތުން ނަގާ އެއްޗެއް ވެސް ނޫނެވެ. ނަމަވެސް އެއީ ކުނި މެނޭޖްކުރުން ފަދަ ކަންތައްތަކަށް "މުނިސިޕަލް ސާވިސް ފީ"ގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެގެން، ކައުންސިލުން ނަގާ ފީއެކެވެ. އެ ފީ ނަގަނީ ކޮންމެ ތިން މަހަކުންނެވެ.
"ބޮލަކަށް ދުވާލަކަށް އެއް ޑޮލަރު ނެގީމާ ހަގީގަތުގައި ހަމަ ރަނގަޅު މަންފާއެއް، ރަނގަޅު އާމްދަނީ އެއް ލިބެމުންދޭ،" ޒަރީރު ވިދާޅުވި އެވެ.
ޓޫރިސްޓުން ރަނގަޅަށް އަންނަ ދުވަސްވަރެއް ނަމަ، "މުނިސިޕަލް ފީ" ގެ ގޮތުގައި ކޮންމެ ތިން މަހަކުން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ކައުންސިލަށް ލިބެ އެވެ.
ކަމަދުއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަށް ބަލައިލުމުން އޭނާގެ އެ ވާހަކައަށް ބާރު ލިބެ އެވެ. މި ރަށުގައި 13 ގެސްޓްހައުސް ހުރި އިރު އެއީ 96 ކޮޓަރި އެވެ. މިރަށުގެ ޓޫރިސްޓް އެނދުގެ އަދަދަކީ 230 އެވެ. ޒަރީރު ވިދާޅުވި ގޮތުގައި ޓުއަރިސްޓުން އެންމެ ގިނައިން އަންނަ ދުވަސްވަރު މިރަށުގައި އާއްމުކޮށް 120 އަށް ވުރެ ގިނަ ޓޫރިސްޓުން ތިބެ އެވެ.
ގާތްގަނޑަކަށް 16 ހެކްޓަރުގެ، ބިން ތިރި، ފެންތިލަ މި ރަށުގެ އާބާދީ 550 އަށް ގިނަ އެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގެ ގޮނޑުދޮށްތަކަށް އޮންނަ އުނދަގުލަކީ ރަށު މީހުން ކުރި ކަމަކާ ނުލައި އަންނަ ކުނި ބުންޏެވެ. އެކަމުގައި ކަމަދޫ ވެސް އިސްތިސްނާއެއް ނުވެ އެވެ.
"މިރަށުގެ ގޮނޑުދޮށަށް އިރުވައިމޫސުމުގައި ފުދޭ ވަރަކަށް ގިނަ ކުނި ލައްވޭ. އެއީ އޮޔާ އަންނަ ކުނި. އެހެން ނަމަވެސް މިރަށު މީހުންނެއް މޫދަކަށް ކުންޏެއް ނާޅާނެ،" ޒަރީރު ވިދާޅުވި އެވެ.
ގޮނޑުދޮށުން ކުނި ނުފެންނަނީ ކައުންސިލުން ހަމަޖައްސާފައިވާ އިންތިޒާމަކުން އެ ކުނިތައް ގަވައިދުން ނަގައި ސާފުކުރާތީ އެވެ.
ކަމަދޫ ގެސްޓުހައުސްއެއް
ސާފުތާހިރުކަމުގެ މައްސަލައެއް ނެތަސް ކަމަދޫ ގޮނޑުދޮށާ މެދުގަައި ވެސް ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. މުޅި ރާއްޖޭގައި ވެސް އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލަކަމަށްވާ ރަށް ގިރުމުގެ މައްސަލައަކުން މިރަށް ވެސް އިސްތިސްނާއެއް ނުވެ އެވެ. އެކަން ހައްލު ކުރުމުގެ މަސަައްކަތް ސަރުކާރުން އޮތީ އެމްޓީސީސީއާ ހަވާލުކޮށްފަ އެެވެ. އަދި ރަށުގެ އާންމުންނަށް އުތުރު ފަރާތުގައި މޫދުކުޅިވަރުތަކާއެކު ހާއްސަ ގޮނޑުދޮށެއްގެ ތަރައްގީ ކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅެ އެވެ.
ރާއްޖޭގެ ރަށްރަށުގައި އާންމުކޮށް މި ކިޔާ ބީޗަކީ، ގޮނޑުދޮށެވެ. ނަމަވެސް ކަމަދު އަށް އެއީ ގޮނޑު ދޮށެއް ނޫނެވެ. ކަމަދޫ ގެސްޓު ބީޗުން އާމްދަނީ ހޯދާ މޮޑެލަކީ އެހެން ރަށްތަކަށް ވެސް ނަމޫނާ އެކެވެ.
Comment