Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 32،000 މުވައްޒަފުން، ފެނަކަައިގައި 7،000 އަށްވުރެ އިތުރު

13 އޮކްޓޯބަރު 2023 - 18:37 4

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންތަކެއް މަސައްކަތްތަކެއް ފުރިހަމަކުރަނީ. އެ ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދު 2018 އާ އަޅާބަލާއިރު 62 ޕަސެންޓު ވަނީ އިތުރުވެފައި ---


ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 32،000 މުވައްޒަފުން، ފެނަކަައިގައި 7،000 އަށްވުރެ އިތުރު

13 އޮކްޓޯބަރު 2023 - 18:37 4

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ފާއިތުވި ފަސް އަހަރު ތެރޭގައި ދެ ގުނައާ ގާތްކުރާ އަދަދަކަށް އިތުރުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ޕީސީބީން އާއްމުކުރި ސަރުކާރު ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ބުުނެފައިވާ ގޮތުން އެ ކުއާޓަރާ ހަމަޔަށް ސަރުކާރު ކުންފުނިތަކުގައި 32،576 މުވައްޒަފުން ތިއްބެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަން ނިމިގެންދިޔައިރުއެ ކުންފުނިތަކުގައި ތިބީ ޖުމްލަ 18,676 މުވައްޒަފުންނެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިއިރު އެމްޑީޕީގެ ދެވަނަ ވެރިކަމުގައި 13,900 ވަޒީފާ ސަރުކާރު ކުންފުނިތަކުން ވަނީ އުފައްދާފަ އެވެ.

ޕީސީބީން ބުނީ މި ރިޕޯޓު ތައްޔާރު ކުރިއިރު މުވައްޒަފުންގެ އަދާހަމަ މައުލޫމާތު ތިން ކުންފުންޏަކުން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެއީ ދިރާގު، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އަދި ވެމްކޯ އެެވެ. އެހެންވެ މި ރިޕޯޓުގައި ބޭނުންކޮށްފައި ހުރީ އެ ކުންފުނިތަކުގައި މިދިޔަ އަހަރުގެ ނިޔަލަށް ތިބި މުވައްޒަފުންގެ އަދަދު ތަކެވެ.

ޕީސީބީން ހާމަކޮށްފައިވާ ގޮތުގައި ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދަނީީ އަމިއްލަ އަށް ފުދިގެން އުޅެވޭ ކުންފުނިތަކުގަ އެވެ. އެގޮތުން އެފަދަ ކުންފުނިތަކުގައި 29,365 މުވައްޒަފުން ތިބިއިރު ދައުލަތުގެ މާލީ އެހީތެރިކަމާއެކު ހިންގަމުން އަންނަ ކުންފުނި ތަކުގައި 3,211 މުވައްޒަފުން ތިބި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކަ ކޯޕަރޭޝަންގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް އެކުންފުނީގައި 7,379 މުވައްޒަފުން ތިބި އިރު އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 62 ޕަސެންޓު އިތުރުވުމެކެވެ. 2018 ވަނަ އަހަރު އެކުންފުނީގައި ތިބީ ޖުމްލަ 2,756 މުވައްޒަފުންނެވެ.

ދެވަނަ އަށް އެންމެ ގިނަ މުވައްޒަފުން ތިބީ އެމްޓީސީސީގަ އެވެ. އެ ކުންފުނީގައި 4,115 މުވައްޒަފުން އެބަތިއްބެވެ.

މިއީ މި އަހަރުގެ މާޗް މަހާ ހަމަޔަށް ކުންފުނިތަކުގައި މުވައްޒަފުން ތިބި އަދަދުތަކެވެ.

ސަރުކާރު ކުންފުނިތަކުގައި މުވައްޒަފުން ގިނަ މައްސަލައަކީ އިދިކޮޅުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ. ވަކިން ހާއްސަކޮށް އިންތިހާބުތަކާ ދިމާކޮށް ބައެއް ކުންފުނިތަކުން ވަޒީފާތައް އުފައްދައި ސަރުކާރު އެއްކޮޅަށް އިންތިހާބުތަކުގެ ނަތީޖާ ނެރުމަށް ބޭނުންކުރި ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. ނަމަވެސް, ސަރުކާރުން ތަކުރާރުކޮށް މި ތުހުމަތުތައް ދޮގުކޮށް އާ ވަޒީފާތައް އުފެއްދުން ދިފާއުކޮށްފައިވެ އެވެ.