Advertisement

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ

13 އޮކްޓޯބަރު 2023 - 15:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގަވަރުނަރު އަލީ ހާޝިމް. މިއީ ރާއްޖެއަށް ލިބިގެންދިޔަ ތާރީހީ ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރެއްވި --- ފޮޓޯ: އެމްއެމްއޭ


ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ

13 އޮކްޓޯބަރު 2023 - 15:44 0

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ ހޮވި އެ މަގާމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޅީ ހާޝިމް އިންތިހާބު ކޮށްފި އެވެ.

މިއީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ މެންބަރު ގައުމުތަކުގެ ވޯޓުން ހޮވާ މަގާމެކެވެ. ޗެއާޕާސަންގެ މަގާމަށް ގަވަރުނަރު ހާޝިމް އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކު އެވެ. މި މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް–އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.

ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރެއްގައި ވެސް ތަފާތު ސަރަހައްދަކުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޗެއާމަންކަމަށް ހަމަޖައްސާފައިވަނީ އޭޝިއާ ޕެސިފިކް މެންބަރު ގައުމުތަކުންނެވެ.

މިއާއެކު، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2024 ވަނަ އަހަރީ ބައްދަލުވުންތަކުގެ ޗެއާކަން ކުރައްވާނީ ގަވަރުނަރު އަލީ ހާޝިމެވެ.

މިކަން ގަވަރުނަރު ހާޝިމް ސިފަކުރެއްވީ ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ ތާރިހީ ޝަރަފެއްގެ ގޮތުގަ އެވެ.

"ރާއްޖެ އައިމްއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 45 އަހަރުވެފައިވާއިރު މިއީ ރާއްޖެއަށް މި ފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު. އެހެންކަމުން، ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފްގެ ޗެއާގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ތާރީޚީ ކާމިޔާބީއެއް. މި ފުރުސަތުގައި މި ކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވަން. އަދި ރާއްޖެއަށް ތި ކުރެއްވި އިތުބާރަށް ވެސް ޝުކުރު ދަންނަވަން," ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާކުރެއްވުމެވެ.

އޭގެ އިތުރުން، ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީ، ޖޮއިންޓް ޕްރޮސީޖާ ކޮމިޓީ އަދި މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ޗެއާކަން ކުރައްވާނީ ވެސް ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަން އެވެ.