12 އޮކްޓޯބަރު 2023 - 19:35 0
މުހައްމަދު ޝަހްޒާން
ހައުސިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން. އޭނާ ވިދާޅުވީ މިހާރު ކުރަމުންދަނީ އެ ލިސްޓު އާންމު ކުރުމުގެ އެންމެ ފަހު މަސައްކަތް ކަމަށް -- ފޮޓޯ: ރައީސް އޮފީސް
12 އޮކްޓޯބަރު 2023 - 19:35 0
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 4000 ހައުސިން ޔުނިޓުގެ މަސައްކަތް އެއްކޮށް ނިންމައި ފުލެޓު ހައްގުވާ ފަރާތްތަކަށް މި ދައުރު ނިމުމުގެ ކުރިން ލިޔުން ދިނުމަށް ފަހު ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެކަމާ ގުޅޭގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
"ދައުރު ނިމުމުގެ ކުރިން 4000 ފުލެޓުގެ ހައްގުވެރިންނަށް ފުލެޓުތައް ހަވާލުކޮށް ނިންމާނަން،" އަކްރަމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 20،697 މީހުން ފުލެޓަށް އެދި ހުށަހަޅައިފައިވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. މިދިޔަ އޯގަސްޓު 8 ގައި ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކުރިއިރު، އޭގެ ތެރޭގައި ޝަރުތު ހަމަވާ 15،046 މީހުން ހިމެނެ އެވެ.
އެ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.
އޭގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްފަ އެވެ. އަދި އިތުރު 2،000 ޔުނިޓު އިމާރާތް ކުރުމަށް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންނަށް ފްލެޓު ދިނުމަށްޓަކައި އިތުރު ހައުސިން ޔުނިޓުތަކެއް އިމާރާތްކުރަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment