Advertisement

ކޮލިފައިންގެ މެޗުތަކުގައި މެސީ ކުޅޭނެ، ފިޓްނަސް ރަނގަޅު: ސްކަލޯނީ

12 އޮކްޓޯބަރު 2023 - 10:31 0


ކޮލިފައިންގެ މެޗުތަކުގައި މެސީ ކުޅޭނެ، ފިޓްނަސް ރަނގަޅު: ސްކަލޯނީ

12 އޮކްޓޯބަރު 2023 - 10:31 0

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮކްޓޫބަރު 12) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓިނާ އިން ޕެރެގުއޭ އަދި ޕެރޫއާ ދެކޮޅަށް ކުޅޭ ދެ މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ބޭނުންކުރާނެ ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

މެސީއާ ގުޅޭގޮތުން ސްކަލޯނީ ވާހަކަދައްކާފައިމިވަނީ އަނިޔާގެ ސަބަބުން މިދިޔަ މަހެއްހާ ދުވަހު މެސީ ގިނަ ދުވަސްތަކެއްވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ. މެސީ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އޭނާ ކުޅެމުން އަންނަ ކުލަބު އިންޓަ މިއާމީ އަށެވެ. އެ ގޮތުން އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވެ އެ ޓީމު މި އަހަރު އެމްއެލްއެސް ޕްލޭއޮފުން ފުރުސަތު ގެއްލިފަ އެވެ.

އަނިޔާގައި ހުރި މެސީ ވަނީ އެންމެ ފަހުން އިންޓަ މިއާމީ އިން އެފްސީ ސިންސިނާޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ. އެ މެޗުގެ ފަހުކޮޅު މެސީ ކުޅެން އެރި ނަމަވެސް އޭނާ އަށް މާބޮޑުކަމެއް ނުކުރެވުނެވެ.

އާޖެންޓީނާގެ ސްކޮޑު ސްކަލޯނީ އިއުލާންކުރިއިރުވެސް މެސީ ހުރީ އަނިޔާގަ އެވެ. އެހެންކަމުން، މެސީ އެއްކޮށް ފިޓުނުވަނީސް އޭނާ ކުޅެން އެރުވުމުގެ ރިސްކު ސްކަލޯނީ ނާގާފާނެތީ އެކަމާ އިންޓަ މިއާމީން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މެސީގެ ހާލަތާ ގުޅޭގޮތުން ސްކަލޯނީ ބުނީ އެންމެ ފަހުން ޓީމް ކުރި ތަމްރީންތަކުގައި ވެސް މެސީ ފެނުނީ ރަނގަޅަށް ކަމަށާއި، އާޖެންޓީނާ ކުޅޭ އެއްވެސް މެޗެއްގައި މެސީ ނެތުމަކީ ޓީމަށް ލިބޭނެ އުނިކަމެއް ކަމަށެވެ. އެހެންކަމުން އުރުގުއޭ އަދި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް މެސީ ފެންނާނެ ކަމަށް ސްކަލޯނީ ބުންޏެވެ.

"މެޗުގެ ކުރިން އަދި އެއް ޓްރެއިނިން އެބައޮތް، އެއީ މެސީގެ އެންމެ ފަހުގެ ހާލަތު ދެނެގަންނަން ލިބޭނެ ފުރުސަތު. އެ ޕްރެކްޓިސްއަށްފަހު ނިންމާނީ މެސީ 11ގައި ކުޅޭނެތޯ ނޫނީ ބެންޗުންތޯ އަރުވާނީ" 2022ގެ ވޯލްޑްކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން ސްކަލޯނީ ބުންޏެވެ.

އާޖެންޓީނާގެ ގައުމީ ޓީމާ އެކު މެސީ ހުރީ ރަނގަޅު ފޯމެއްގަ އެވެ. މި ގޮތުން ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން މެސީ އަށް ގޯލެއް ނުޖެހުނީ އެންމެ މެޗެއްގަ އެވެ. އެ 15 މެޗުގައި މެސީ ވަނީ 23 ގޯލު ގައުމީ ޓީމަށް ޖަހައިދީފަ އެވެ.

2026ގެ ފީފާ ވޯލްޑް ކަޕްގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގެ އެއް ވަނައިގައި އޮތީ ބްރެޒިލް އެވެ. ދެ ވަނައިގައި އާޖެންޓިނާ އޮތްއިރު، ބްރެޒިލް އަށް ކުރި ލިބެނީ ފައިދާ ގޯލު ގިނަވުމުންނެވެ.