މިލާން (އޮކްޓޫބަރު 11) - އިޓާލިއަން ލީގުގެ ތާވަލްގެ 19 ވަނައިގައި އޮތް ސެލަނިޓާނާގެ ކޯޗަކަށް އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ފިލީޕޯ އިންޒާގީ ހަމަޖައްސައިފިއެވެ.
ސެލަނިޓާނާގެ އިން އިންޒާގީ، 50، ކޯޗަކަށް ހަމަޖެއްސީ އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ޕައުލޯ ސޯސާ މަގާމުން ވަކިކުރުމަށްފަހު އެވެ.
ސޯސާ، ސެލަނިޓާނާގެ ކޯޗުކަމާ ހަވާލުވީ ފެބްރުއަރީ މަހު އެވެ. މިދިޔަ ސީޒަންގައި ރެލިގޭޝަނުން އެ ކްލަބު ސަލާމަތްވީ ސޯސާގެ އިރުޝާދުގެ ދަށުންނެވެ.
މި ސީޒަންގެ އިޓާލިއަން ލީގުގައި ސަލެރްނިޓާނާ މިހާތަނަށް ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބެ އެވެ.
އިޓަލީގެ ގައުމީ ޓީމާ އެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި އޭސީ މިލާނާއި ޔުވެންޓަސްގެ ކުރީގެ ފޯވަޑް އިންޒާގީ އަކީ އިންޓަ މިލާންގެ ކޯޗު ސިމޯނޭ އިންޒާގީގެ ބޭބެ އެވެ.
ކުޅުމުގެ ކެރިއަރުގައި ސިމޯނޭ އަށް ވުރެ އިންޒާގީ ވިދާލި ނަމަވެސް، ކޯޗިން ކެރިއަރުގައި ސިމޯނޭ މާ ކާމިޔާބެވެ.
އިންޒާގީ އެންމެ ފަހުންހުރީ ސީރިއާ ބީގެ ރެޖީނާގެ ކޯޗަކަށެވެ. މިދިޔަ ސީޒަންގައި އިންޒާގީގެ އިރުޝާދުގެ ދަށުން ރެޖީނާ ސީރިއާ ބީގެ ދެ ވަނަ ހޯދި ނަމަވެސް، މާލީ މައްސަލަތަކާ ގުޅިގެން އެ ކްލަބު ވަނީ ލީގުން ބޭރުކޮށްފަ އެވެ.
Comment