Advertisement

ފަލަސްތީނުގެ ދިފާއުގައި މުޅި ރާއްޖޭގައި ހުކުރު ދުވަހުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

12 އޮކްޓޯބަރު 2023 - 09:35 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އައޭސީގެ ވައިސް ޗެއާމަން ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފަލަސްތީނުގެ ދިފާއުގައި މުޅި ރާއްޖޭގައި ހުކުރު ދުވަހުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

12 އޮކްޓޯބަރު 2023 - 09:35 0

ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ ސަހްޔޫނީ ޔަހޫދީން އެގައުމުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނަށް ތާއީދުކޮށް އަންނަ ހުކުރު ދުވަހުން ފެށިގެން މުޅި ރާއްޖޭގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވެއްޖެ އެވެ.

އިންޓަނޭޝަނަލް އެއިޑު ކެމްޕެއިން (އައިއޭސީ) ގެ އިސްނެގުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރިއަށް ގެންދާ އެ ހަރަކާތްތައް ފެށޭނީ ހުކުރު ދުވަހުގެ ހެނދުނު 11:00 ޖަހާއިރު މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަލަސްތީނަށް އެހީތެރިވުމަށް ފަންޑު ފޮށި ބަހައްޓާ ހަރަކާތުން ކަމަށް އެ ޖަމިއްޔާއިން އިއްޔެ ބުންޏެވެ.

"އަޅުގަނޑުމެން ހަމަ ގޮވައިލަން ރައްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މި ހަރަކާތް މިގޮތަށް ކުރިއަށް ގެންގޮސްދިނުމަށް،" އައިއޭސީގެ ވައިސް ޗެއާމަން، ނާއިފް ވިދާޅުވި އެވެ.

އެ ދުވަހުގެ ހަވީރު ކަނބަލުންގެ ހާއްސަ އެއްވުމެއް މާލެ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފަލަސްތީނާއި ރާއްޖޭގެ ދިދަ ހިފައިގެން އެތަނަށް ދިއުމަށް އޭއައިސީން އެދޭ ކަމަށް ނާއިފް ވިދާޅުވި އެވެ.

އެ ހަރަކާތާ އެކުއެކީގައި ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓުރަލް ޕާކުގައި ރޭސިން އެސޯސިއޭޝަންއާ ގުޅިގެން ސައިކަލާއި ކާރު ހިމެނޭހެން ފަންޑު ރެއިޒް ކުރުމުގެ އިވެންޓެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނާއިފް ވިދާޅުވި އެވެ. އެ ހަރަކާތުގައި ވީހައިވެސް ގިނަ މީހުން ބައިވެރިވުމަށް އޭއައިސީން ވަނީ ގޮވައިލައިފަ އެވެ.

އެއަށްފަހު ހޮނިހިރު ދުވަހުގެރޭ ފަލަސްތީނުގެ ދިފާއުގައި ހިމޭން އިހުތިޖާޖެއް ހިންގުމަށް ވެސް ނިންމާފައިވާ ކަމަށް ނާއިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއްވުން ބާއްވާނެ ތަނެއް އަދި ނިންމާފައި ނުވާ ކަމަށާއި ތަނާއި ގަޑި ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އެ ހަރަކާތްތަކުގެ އިތުރުން އަންނަ ހަފުތާގައި ރާއްޖޭގެ ހުރިހާ މީޑިއާތަކެއް ގުޅިގެން ފަލަސްތީނަށް ހާއްސަކޮށްގެން ޓެލެތޯނެއް ބޭއްވުމަށާއި ޝުއޫރު ފާޅު ކުރުމަށް ބޮޑު އެއްވުމެއް ބޭއްވުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާއިފް ވިދާޅުވީ އެ ހަރަކާތްތަކަކީ ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށްވާތީ، ބައިވެރިވާ ހުރިހާ ބޭފުޅުން ވެސް އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ހުރިހާ ބޭފުޅުން ވެސް ވަރަށް ބޮޑަށް އިމޯޝަނަލްވެފައި ކަން ވަރަށް ލޭ ކެކިފަކަން ތިބޭނީ ވެސް، އެކަމަކު ވެސް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން އަހުލާގީ މިންގަނޑު ހުރިހާ ބޭފުޅުން ވެސް ހިފަހައްޓަވައްޗޭ،" ނާއިފް ވިދާޅުވި އެވެ.

އެ ހުރިހާ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވަނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވީ އެ ފަރާތްތަކުގެ ނަމާއި ލޯގޯތައް ކުރިއަށް ހުރި ދުވަސްތަކުގައި ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.