Advertisement

ޖޭއެސްސީ ބަދަލުކުރަން އެމްޑީޕީން ހުށަހެޅި ބިލަށް ތޯރިގުގެ ބޮޑެތި ކަންބޮޑުވުންތަކެއް

11 އޮކްޓޯބަރު 2023 - 12:07 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ޖޭއެސްސީ ބަދަލުކުރަން 19 ވަނަ މަޖިލީހަށް ފުރަތަމަ ހުށަހެޅުއްވީ އޭނާ. ފޮޓޯ: މަޖިލީހުގެ އިދާރާ


ޖޭއެސްސީ ބަދަލުކުރަން އެމްޑީޕީން ހުށަހެޅި ބިލަށް ތޯރިގުގެ ބޮޑެތި ކަންބޮޑުވުންތަކެއް

11 އޮކްޓޯބަރު 2023 - 12:07 0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުުކުރަން ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލާ މެދު، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު މިއަދު ބޮޑެތި ކަންބޮޑުންތަކެއް ފާޅުކުރައްވައިފި އެވެ.

މެމްބަރު ތޯރިގަކީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ބިލެއް ހުށަހެޅުއްވި މެމްބަރެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ބަދަލު ގެންނަން އޭނާ ދެ ފަހަރަށް ބިލު ހުށަހެޅުއްވި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ދެ ބިލު ވެސް ބަލައިނުގަނެ ބޭރުކޮށްލި އެވެ.

ސަރުކާރުގެ ފަރާތުން އަސްލަމް ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ތޯރިގު ވިދާޅުވި ގޮތުގައި އެ ބިލުގެ ފުރަތަމަ މައްސަލަ އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ވިޔަވާ އެހެން ފަނޑިޔާރަކު ޖޭއެސްސީގައި އިންނަވާ ގޮތަށް އެ ބިލުގައި އޮތުމެވެ. އުއްތަމަ ފަނޑިޔާރަކީ ދައުލަތުގެ އެއްބާރުގެ ވެރިޔާ ކަމަށް ވާއިރު އުއްތަމަ ފަނޑިޔާރުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ޖޭއެސްސީގައި އިންނެވީމާ "ޕަވާ އިޝޫއެއް" ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ގިނަ ގައުމުތަކުގައި އުއްތަމަ ފަނޑިޔާރަކީ ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެެއް. އުއްތަމަ ފަނޑިޔާރު، އަޅުގަނޑުގެ ކޮމްޕޮޒިޝަނުގައި ނުވަތަ އަަޅުގަނޑު ހުށަހެޅި ހުށަހެޅުމުގައި ހިމެނީ ރާއްޖޭގެ ގާނޫނީ ފުންނާބު އުސް ބޭފުޅުންނާ މަޝްވަރާކޮށްފައި،" ތޯރިގު ވިދާޅުވި އެވެ.

ދެ ވަނަ ކަންބޮޑުވުމަކީ، އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ތެރޭގައި ސިޔާސީ ބާރުވެރިކަން އޮތުމުގެ މައްސަލަައަށް މިހާރު އޮތް ބިލުން ހައްލެއް ނުލިބުމެވެ. އެއީ ޖޭއެސްސީގައި ބަންޑާރަ ނައިބު އިންނަވާ ގޮތަށް ބިލުގައި ހުށަޅާފައި އޮތީމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނަވާ ގޮތަށް އޮތުމަކީ ވެސް ސިޔާސީ ނުފޫޒުން އެ ކޮމިޝަން ސަލާމަތްނުވާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން، އާއްމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކު. އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސިޔާސީ ބައެއް ނިންމާ އެއްޗަކަށް ޖޭއެސްސީ ވެގެން މިދަނީ،" ތޯރިގު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެދުނު ދެ ސަރުކާރަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނު އިރު މަޖިލީހުން ކަނޑައަޅާ މެމްބަރުންތަކެއްގެ އިތުރުން މަޖިލީހުގެ ރައީސް ވެސް ޖޭއެސްސީގައި އިނުމަކީ ސަރުކާރުގެ ބާރު ޖޭއެސްސީއަށް އޮތުން ކަަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

"މިހާރު ވެސް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ނުވަތަ ކޮންޓްރޯލްކުރައްވާ ހަތަރު މެމްބަރުން ޖޭއެސްސީގައި ތިއްބަވާނެ މިހާރު ސަރުކާރުން މި ހުށަހަޅާފައި އޮތް ގޮތަށް ބަލާއިރު،" ތޯރިގު ވިދާޅުވި އެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރާ ބިލާ މެދު އޭނާ މިފަދަ ކަންބޮޑުވުންތައް ފާޅުކުރެއްވި އިރު އޭނާ ހުށަހެޅުއްވި ފުރަތަމަ ބިލު އޮތީ ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނޭ ގޮތަށެވެ.

ޖޭއެސްސީ ގައި ހިމަނަން ތޯރިގު ހުށަހެޅުއްވި މެމްބަރުން

  1. އުއްތަމަފަނޑިޔާރު.
  2. ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް.
  3. ދަށު ކޯޓްތަކުން އިންތިހާބުކުރާ ފަނޑިޔާރެއް.
  4. ވަކީލުން އިންތިހާބުކުރާ ވަކީލެއް.
  5. ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާ އެއް.
  6. ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާކާރެއް.