Advertisement

ރައީސް ސޯލިހުގެ ބޮޑު ބަލި އަދި ހަގީގަތާ ނުބައްދަލުވި ހިސާބުތައް

12 އޮކްޓޯބަރު 2023 - 10:21 6

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވަން ވަޑައިގަންނަވަނީ. ފޮޓޯ:ރައީސް އޮފީޒސް


ރައީސް ސޯލިހުގެ ބޮޑު ބަލި އަދި ހަގީގަތާ ނުބައްދަލުވި ހިސާބުތައް

12 އޮކްޓޯބަރު 2023 - 10:21 6

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ޖެއްސެވި އެއްވެސް ހިސާބެއް ހަގީގަތަކަށް ނުވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ރައީސް ވިދާޅުވީ، "އެއް ބުރުން" ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ފަހުން އެމަނިކުފާނު ވިދާޅުވީ، "ގޯލަކަށްފަހު ގޯލެއް" ޖައްސަވައި، "ބޮޑުތަނުން" ދެ ވަނަ ބުރު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެކަމަކު ސެޕްޓެމްބަރު 30، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ރައްޔިތުންގެ 87 އިންސައްތައަށް ވުރެ ގިނަ މީހުން ދިން ވޯޓުން އެމަނިކުފާނު ވިދާޅުވި ނަތީޖާއެއް ނުނެރެވެ އެވެ. ވެރިކަމުގައި ތިއްބަވައި އިންތިހާބަށް ވާދަކުރެއްވި ހުރިހާ ބޭފުޅުންނެކޭ އެއްފަދައިން ދެވަނަ ދައުރެއް އެމަނިކުފާނަށް ކަށަވަރު ކުރެވިފައި ނުވެ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ރައީސް ސޯލިހުގެ ބޮޑު ބަލީގެ ފަހަތުގައިވާ ސަބަބުތަކަކީ ކޮބައިތޯ އެވެ. އިދިކޮޅުން މާ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިނުވެ، މަގުމަތީގެ ހަރަކާތްތައް މަދު އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީއާއެކު ފަސް އަހަރު ނިންމަވައިލެއްވި އިރު، ރައީސް ސޯލިހަށް ރައްޔިތުންގެ އެކަށީގެންވާ ވޯޓު ލިބިވަޑައިނުގަތީ ކީއްވެގެންތޯ އެވެ؟

ރައީސް ދެއްކެވި ސަބަބުތައް

ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި އިންތިހާބުގައި ބަލިވީ، މުޅިން ވެސް އެމަނިކުފާނާ ނުގުޅޭ އެހެނިހެން ކަންކަމުގަ އެވެ. އެގޮތުން ތިން، ހަތަރު ކަމެއް ރައީސް ދައްކަވަ އެވެ. އެއީ:

  • ފުރަތަމަ ބުރުގައި ކެމްޕެއިން ޓީމުތައް ތައްޔާރުނުވުން
  • އެމްޑީޕީ ދެބައިވެ، ޑިމޮކްރެޓްސް އުފެދުން
  • ސަރުކާރާމެދު ފެތުރި ދޮގު ވާހަކަތަކުގެ އަސަރުގެ ސަބަބުން

ރިޔާސީ އިންތިހާބަށްފަހު ފާއިތުވި ތިން ވަނަ އަދި ހަތަރު ވަނަ ދުވަހު އެ ސަބަބުތައް ރައީސް ވަރަށް ތަފުސީލުކޮށް ކިޔައިދެއްވި އެވެ. ފުރަތަމަ ރައީސް އެ ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ވަދާއި ނޫސްވެރިންގެ ބައްދަލުވުމުގައި އޮކްޓޯބަރު 2، ގަ އެވެ.

ރައީސްގެ ދޫފުޅުން ބަލިވި ސަބަބުތައް

ފުރަތަމަ ބުރުގައި ތައްޔާރުނުވެވުން

"ކުރިމަތިވި އެންމެ ބޮޑު ތިން މައްސަލައަކީ މިއީ. ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށްވީ ނާކާމިޔާބު. އެއަށް އަޅުގަނޑުމެންނަށް ތައްޔާރުނުވެވުނު. އޭގައި ފުރަތަމަ ބުރުގައި އެ ލިބުނު ޕަސެންޓޭޖްގެ ސަބަބުން އަޅުގަނޑުމެންނަށް، ކޮންމެވެސްވަރަކަށް ޕާޓީގެ އެތެރޭގައި، ތާއީދުކުރާ، މިކަމުގެ މަސައްކަތްކުރާ ބަޔަކަށް ކޮންފިޑެންސް ގެއްލިގެންދިޔަކަން އަޅުގަނޑަށް ފާހަގަކުރެވުނު. އެ ދުވަހު ފުރަތަމަ ބުރަށް އަޅުގަނޑުމެންނަށް ރަނގަޅަށް ތައްޔާރުވެވުނުނަމަ، މި ނަތީޖާއެއް ނޫން ނުކުންނާނީ."

ޑިމޮކްރެޓްސްއަށް އަމާޒުކުރެއްވި ތުހުމަތު

"ދެވަނަ ކަމަކަށް އަޅުގަނޑު ދެންނެވިން އެ ދުވަހުވެސް. ދެން ދިމާވި ކަމަކީ އަޅުގަނޑުމެންގެ ތެރެއިން ވަކިވެގެން އެދިޔަ، ޕާޓީގެ ތެރެއިން ވަކިވެގެން އެދިޔަ ބައެއްގެ ސަބަބުން ކުރިމަތިވި ކަމެއް. ދެން މިއީ މިއަދު އެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން. ވަކި ބައެއްގެ ސަބަބުންނޭ އަޅުގަނޑު ބުނެ، ބޮލުގައި އަޅުވައިގެން އެކަން ކުރިއަށް ގެންދިޔުމެއް ނޫން އޮތީ. ދެން އޮތީ ކުރިއަށް، މުސްތަގުބަލަށް އަޅުގަނޑުމެން ކުރަންވީ ކަންތައްތައް ކުރުން."

ދޮގު ވާހަކަތައް

"ތިންވަނަ ކަމަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ ސަރުކާރާ ގުޅިގެން ދައްކަމުންދިޔަ ދޮގު ވާހަކަތައް. ސަރުކާރުން ކުރަމުންދިޔަ ކަންތައްތަކަކީ، ހަގީގަތެއް ނެތް އޮޅުވައިލުންތަކެއް ރައްޔިތުންނަށް ބަޔަކު އޮޅުވައިލަމުން ގެންދިޔައީ. އޭގެ ސަބަބުން ބައެއް މީހުންނަށް އެކަން ގަބޫލުކުރެވުނު. ހަގީގަތް ހާމަކުރުމުގައި އަޅުގަނޑުމެންނަށް ދައްކަންވީ ވާހަކަ ހާމަކުރަންވީވަރަށް ނުކުރެވުނުކަމަށް ވެދާނެ. އަޅުގަނޑުމެން ކަމެއް އޮޅުވައިލައިގެން ކޮށްފައެއް ނޯންނާނެ. އެހެންވީމާ، ވެރިކަމުގައި ތިބެ އެހާ ބޮޑަށް އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑުމެންނަށް ނުފެންނާތީ، އޭރު އެކަން ނުކުރީ. އެހެން ނަމަވެސް، އޭގެ ސަބަބުން ބަޔަކަށް އޮޅިގެންދިޔަކަން އަޅުގަނޑަށް މިއަދު ފާހަގަވޭ. ކުރިއަށް މިއޮތް ދުވަސްތަކުގައި ހުރިހާ ރައްޔިތުންނަށް އެކަން ހާމަވެގެންދާނެ."

ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ވޯޓު ދިޔައީ ސިޔާސީ އޮއިވަރެއްގައި

ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ވޯޓު ބެހުނު ގޮތާއި ރައްޔިތުން ވޯޓުލީ ގޮތާއި ސަބަބު ރައީސް ތަފުސީލުކޮށްދެއްވި އެވެ. ރައީސް ވިދާޅުވީ، ތަރައްގީގެ މަސައްކަތްތަކާއި ވޯޓާ ހަމަ އެއްވެސް ގުޅުމެއް ނެތެވެ. އެމަނިކުފާނު ގަބޫލު ކުރައްވަނީ މިފަހަރުގެ ވޯޓު ނިމިދިޔައީ "ސިޔާސީ އޮއިވަރެއްގައި" ޖެހިގެންނެވެ.

ތަރައްގީގެ މަސައްކަތްތަކާ ވޯޓާ ގުޅުމެއް ނެތް

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ނުކުތީމަ، މީހުން ވޯޓުދެނީ ކީއްކޮށްގެން. ކޮންކަމެއް ކޮށްގެންކަން. ރަށްރަށުގެ ތަރައްގީއަށްޓަކައި މިކުރާ މަސައްކަތާ މާބޮޑު ގުޅުމެއް ހުރިތަނެއް އަޅުގަނޑަކަށް ފާހަގަކުރެވިފައެއް ނެތް. އެއީ، ހަމައެކަނި މިފަހަރަކުއެއް ނޫން. ކުރީގައި ވެސް. އެކަން އެނގި ތިބެ އަޅުގަނޑުމެން އެ މަސައްކަތް ކުރީ."

ސިޔާސީ އޮއިވަރެއްގައި ވޯޓު ޖެހުން

"އަޅުގަނޑު ހިތުން ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ އެއީ. މި ގައުމަށް ރަނގަޅު ހެޔޮ ބަދަލެއް، ތަރައްގީގެ ރަނގަޅު މުސްތަގުބަލެއް ފެނުން. މިއާ އެކީގައި ކުރިއަށް އޮތް ހައެއްކަ އަހަރު ނުވަތަ އެއް އަހަރު ދުވަހުގެ ތެރޭގައި މިކަން ފެނިގެންދާނެ. ރައްޔިތުން އެކަން ގަބޫލުވެސް ކުރާނެ. ރައްޔިތުން އެކަން ހާމަކުރަމުންދާތަން ވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ސިޔާސީ އޮއިވަރެއްގައި މި އިންތިހާބުގައި ނަތީޖާ މިހެންދިޔަޔަސް، އެއީކީއެއް ރާއްޖޭގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން މިކުރި އުންމީދު އަދި ނަގާލަންޖެހޭ ކަމެއްނޫން."

ރައީސް ވިދާޅުވީ ފަހުން ރައްޔިތުން އެމަނިކުފާނު ބަލައިގަންނަނާނެ ކަމަށް

ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ޖެހިގެން އައި ދުވަހު އޮކްޓޯބަރު 3، ގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އިތުރަށް ރައީސް ވާހަކަ ދެއްކެވި އެވެ.

ވޯޓުނިމިދިޔައީ ސިޔާސީ އޮއިވަރެއްގައި ކަމަށް ކުރިން ވިދާޅުވުމަށްފަހު އެ ދުވަހު ރައީސް ވިދާޅުވީ އެމަނިކުފާނު ކޮށްދެއްވި މަސައްކަތްތައް "މާ ލަސްތަކެއްނުވެ" ރައްޔިތުން ބަލައިގަންނާނެ ކަމަށެވެ.

އޭގެ އިތުރުން، އެ ދުވަހުގެ ބައްދަލުވުމުގައި ވެސް ރައީސް އެންމެ ބޮޑަށް ސްޓްރެސް ކުރެއްވި ނުކުތާއަކީ، އިންތިހާބު ގެއްލުމުގެ މައިގަނޑު ސަބަބަކީ އެމަނިކުފާނުގެ ސަރުކާރާމެދު ފަތުރަމުންދިޔަ ދޮގު ވާހަކަތައް ކަމަށެވެ.

އެމްޑީޕީ ގައުމީ މަޖިލިސް

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހި ރައްޔިތުންނަށް މާ ލަސްތަކެއް ނުވެ، މިވޭތުވެދިޔަ ސަރުކާރުން ކޮށްދީފައި ހުރި ކަންތައްތައް ބަލައިގަނެ، އެކަންތައްތަކުގެ ވާހަކަ ދައްކަން ފަށާނެ. އެއީ މާ ދުރުގައި އޮތް ކަމެއް ނޫން."

"މި ރާއްޖޭގެ ތަރައްގީއަކަށްޓަކައި މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެހެން ނަމަވެސް އިންތިހާބުގައި ނާކާމިޔާބުވެގެންދިޔައީ ވަރަށް ގިނަ ދޮގުތަކަކާއި އޮޅުވާލުންތަކެއް އަޅުގަނޑުމެންނާ ދޭތެރޭގައި ބަޔަކު ފަތުރަމުންދިޔުމުގެ ސަބަބުން. އެހެންނަމަވެސް އަޅުގަނޑު މި ދެންނެވިހެން ލަސްތަކެއް ނުވެ، އެ ހަގީގަތްތައް ހާމަވެ، ރައްޔިތުންނަށް އަޅުގަނޑުމެން މި ކޮށްދިން މަސައްކަތްތައް އިހުސާސް ކުރެވެން ފަށާނެ."

ޕީޕީއެމް ދެކެނީ ރައީސް ބަލިވީ ލީޑާޝިޕާ ގުޅިފައިވާ މައްސަލަތަކުގެ ސަބަބުން ކަމަށް

ރައީސްގެ ސަބަބުތައް ވަރަށް ތަފުސީލުކޮށް އެމަނިކުފާނު ކިޔައިދެއްވި ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހިޔާލު އެއާ ވަރަށް ތަފާތެވެ. އިންތިހާބުން ބަލިވީ މިހެންވެ ކަމަށް ބުނެ ރައީސް ދެއްކެވި އެއްވެސް ސަބަބެއް އެބޭފުޅުން ބަލައެއްނުގަނެ އެވެ.

އެގޮތުން، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރައީސް ސޯލިހު ބަލިވުމުގެ ފަހަތުގައި އެމަނިކުފާނު ދެއްކެވި "އުޒުރުތަކަށްވުރެ" މާ ސީރިއަސް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އެންމެ ބޮޑު، އަދި އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި އާދަމް ޝަރީފް ދެއްކެވީ ޕީޕީއެމްގެ ރޫހާނީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "ނުހައްގުން ޖަލުގައި" އޮންނެވުމެވެ. ދެން ލީޑާޝިޕުގައި ހުރި މައްސަލަތަކެވެ.

ޕީޕީއެމުން ދެކެނީ ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ކަމަށް

"އެންމެނަށް ވެސް އެނގޭ ރައީސް ޔާމީން ޖަލުގައި އެ ހުންނެވީ ސިޔާސީ ކަމެއްގައިކަން. އެންމެނަށް އެނގޭ އެކަން. އެންމެ ފުރަތަމަ ޖަލުގައި ގެންގުޅުނީ އެކައުންޓުގައި ފައިސާ ގެންގުޅުނިއްޔޭ ކިޔާފަ. އެޔަށް ބޭނުން ކުރި ހެއްކަކީ، އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތް ކުރީ [ކުރީގެ ނައިބު ރައީސް އަހުމަދު] އަދީބުގެ ހެކިބަސް. އަދީބު ދޭ ބަޔާނަކުން ކުރާ ޝަރީއަތެއް ކާކުތޯ ބަލައިގަންނާނީ."

ކޮރަޕްޝަނަށް އެކަށީގެންވާ ފިޔަވަޅު ނޭޅުން

"ކޮރަޕްޝަނަށް އިންތިހާއަށް ދެކޮޅޭ ވިދާޅުވެފައި ރައީސް ސޯލިހު ވެރިކަމާ ހަވާލުވީ. އެމްއެމްޕީއާރްސީގެ މައްސަލައިގައި ފައިސާ ލިބުނު 300 އެއްހާ މީހުންގެ ނަންތައް އެބޭފުޅުންގެ އަތުގައި ހުއްޓެއް ނޫންތޯ. އެއިން އެކަކަށް ވެސް ދައުވާއެއް ނުކުރޭ. އެ މައްސަލައިގައި ވެސް ފަސް އަހަރުވަންދެން ޖަލުގައި މި ގެންގުޅުނީ ރައީސް ޔާމީން."

"އެމްއެމްޕީއާރްސީގެ ފައިސާ ހޯދާނަމޭ ކިޔައިގެން ވެރިކަމަށް ވަޑައިގެން އެކަމަށް އެއްވެސް އިންސާފެއް ނުލިބުނެއް ނޫންތޯ. ކުޑަމިނުން އޭގެ ތެރެއިން އެއްވެސް ފައިސާއެއް ވެސް ނުހޯދުނެއް ނޫންތޯ. އެ ފައިސާ ހޯދުމަކީ ވެސް މި ސަރުކާރުގެ ވައުދެއް."

ރައީސް ސޯލިހުގެ ލީޑާޝިޕް ނެތުން

"އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަވޭ، ހަމަ ބަލިވުމުގެ ވަރަށް ބޮޑު ސަބަބެއް ސޯލިހުގެ ލީޑާޝިޕު ނެތުން. އެފިޝެންސީ ނެތީ ހަމަ އެއްގޮތަކަށް ވެސް. ރައީސް ސޯލިހު އަމިއްލަފުޅަށް ވެސް ގަބޫލު ކުރައްވާނެ މިކަންތައް.

"އޭގެ އިތުރުން، ރައީސް ސޯލިހާއެކު ލީޑާޝިޕުގައި ވެސް ހަގީގަތުގައި ނެތް ކަންކަން ޑެލިވާ ކުރެވޭވަރުގެ މީހެއް. އެއީ ވެސް ހަގީގަތުގައި ރައީސްގެ މައްސަލައެއް. ކަންކަން ނުކުރެވޭ މީހުންނާ މެދު ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ގިނަވިއިރު ވެސް އެއިން އެއްވެސް މީހަކާމެދު އަދި ކަމަކާމެދު ވެސް ޑިޒިޝަނެއް ނުނަންގަވާ."

ތަރައްގީގެ މަސައްކަތް ނުނިމުން

"ހަގީގަތުގައި މި ސަރުކާރުގައި ނިންމުނީ ވަރަށް މަދު ޕްރޮޖެކްޓުތައް. ކޮންމެވެސް ވަރަކަށް މަސައްކަތް ފައްޓަވާފައި ހުރި ނަމަވެސް، އުފަލާއެކީ ރިބަންފަށް ކަނޑާލެވިފައި ހުރި ހަމަ ރަށެއް ނުހުންނާނެ އެނގޭތޯ. މި ކަންކަން ރައްޔިތުން ދަނޭ. އެމީހުންނަށް މިކަންތައް ފެނޭ."

"މިސާލަކަށް ބަލާ ނަމަ، ނ. ވެލިދޫއަށް އަޅުގަނޑު މިއައީ ވަރަށް ފަހުން ގޮސްފަ. އެއީ، އެނގިވަޑައިގަންނަވާނެ ކުރިން ވަރަށް އެމްޑީޕީ ރަށެއް. އެ ރަށުގެ ހުރިހާ މަގެއް އޮތީ ކޮނެފަ. ސައިކަލެއް، ބައިސްކަލެއް ދުއްވެނީކީ ނޫން މުސްކުޅިއަކަށް މަގު ހިނގާލެވެނީކީ ނޫން. ރައްޔިތުންނަށް ވާނީ ތުރާލަކަށް ނޫންތޯ."

އައިލްސްގައި ސަރުކާރުން ޝާއިއުކޮށްފައިވާ، ޕްރޮޖެކްޓުތަކުގެ ތަފުސީލު

  • ޖުމްލަ ޕްރޮޖެކްޓު - 1977
  • ނިމިފައި - 541
  • ހުއްޓިފައި - 55
  • މަސައްކަތް މަޑުޖެހިފައި - 37
  • ހިނގަމުންދާ ޕްރޮޖެކްޓު - 519
  • ޕްލޭންކޮށްފައި - 337
  • ޓެންޑާކޮށްފައި - 138
  • ޕްރީ-ޓެންޑާ މަރުހަލާގައި - 188
  • އެވޯޑުކޮށްފައި - 29
  • ކޮންޓްރެކްޓުކޮށްފައި - 121
  • ޑިޒައިން އެވޯޑުކޮށްފައި - 12

އަނެކާއާ ދިމާކޮށްލުމުގެ ކެމްޕެއިން އުކުޅުތައް

"އެމްޑީޕީގެ ކެމްޕެއިން ކުރުމުގައި ވަރަށް ބޮޑަށް ނެގަޓިވް ކެމްޕެއިނަށް ފޯކަސް ކުރި. ޑރ. މުއިއްޒާ ދޭތެރޭގައި ވެސް ވަރަށް ނެގަޓިވް ކެމްޕެއިނެއް ކުރިތަން އަޅުގަނޑުމެންނަށް ފެނުނީ."

"އަދި އޭގެ އިތުރުން ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ދޭތެރޭގައި ވެސް ވަރަށް ނެގަޓިވް ކެމްޕެއިނެއް ކުރީ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސާޖިދާއަށް ދެއްވީ އާދައިގެ މަގާމެއް ނޫން. ހަމަ ކޮންމެ ދުވަހު ޕްރެސް ކޮންފަރެންސަށް އަރާ ސާޖިދާގެ ވާހަކަ ދެއްކެވި."

"އަސްލު ހަގީގަތުގައި އޭގެ ސަބަބުން ވެސް އަޅުގަނޑުމެންގެ ކެމްޕެއިނުވީ ވަރުގަދަ. އެގޮތަށް ޖައްސާލީމާ، އަޅުގަނޑުމެންގެ ސަޕޯޓުވީ އިތުރު. އަދި ސާޖިދާގެ ސިމްޕަލް ކަމާއި ސާދާކަން އެންމެނަށް ވެސް ހާމަވެގެންދިޔަ."

އެމްޑީޕީގެ ކެމްޕެއިން ދަށްވެފައި، އިދިކޮޅުގެ ކެމްޕެއިން ވަރުގަދަވުން

"އަޅުގަނޑުމެން ކެމްޕެއިނު ތެރޭގައި ރައްޔިތުންނާ ބޭއްވީ ވަރަށް ގާތް ގުޅުމެއް. ފަހު ވަގުތު ވެސް އަޅުގަނޑުމެން ބެލީ ވީހާ ވެސް ގިނަ ރައްޔިތުން ކައިރިއަށް ދެވޭތޯ."

"އޭގެ ބަދަލުގައި އެމްޑީޕީއަކަށް އެވަރަކަށް މަސައްކަތެއް ނުކުރެވުން. އެބޭފުޅުންނަށް އަޅުގަނޑުމެންނާ ހަމައަކަށް ނުދެވުނު، އަޅުގަނޑުމެން ކުރި ގޮތަކަށް މަސައްކަތެއް ނުކުރެވުނު"

އަޅުގަނޑުމެންނަށް އެނގޭ އެމްޑީޕީން މި ކެމްޕެއިނަށް ވަރަށް ފައިސާ ވެސް ބެހިކަން. އެކަމަކު ފައިސާ ވެސް ބެހީ އެމްޑީޕީގެ ތެރޭގައި."

އިންޑިއާ އާ ގުޅޭ މައްސަލަތައް

"އިންޑިއާ ސިފައިން ތިބުމަކީ ވެސް ކޮންޓްރިބިއުޓިން ފެކްޓާއެއް. އެކަމުގައި ވެސް ރައްޔިތުންނަށް ބޮޑެތި ދޮގުތަކެއް ހަދައި އޮޅުވާލި. އެއީ އަދި ހަމައެކަނި މިވަގުތު ފެންމަތިވި މައްސަލައެއް ވެސް ނޫން.

އެއް ފަހަރަކު ބުނެދާނެ އިންޑިއާ ސިފައިންނެއް މިތާކު ނެތޭ. އަނެއްކާ އަނެއް ދުވަހު ބުނެދާނެ އެމީހުން ތިބެނީ ބިސްގަނޑު އަޅާށޭ. ހަމަ ރޯ ދޮގު ހެދީ. ރައްޔިތުން ވެސް މިކަންކަމާ ދޭތެރޭގައި ވިސްނާނެ. އެއީ ކުޑަ މައްސަލައެއް ނޫން."

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރުން ރައީސް ސޯލިހު ބަލިވީ ގިނަ ސަބަބުތަކާ ހެދި އެވެ. އެކަމަކު، އެމަނިކުފާނު ބަލިވީ ހަމައެކަނި ދޮގާއި ޑިމޮކްރެޓްސް އަދި ކެމްޕެއިނަށް ތައްޔާރުނުވެވުން ކަމަށް ވިދާޅުވާ ވިދާޅުވުން ގަބޫލުކުރަން ފަސޭހައެއް ނޫނެވެ. ރައީސް ސޯލިހު އެންމެ ބޮޑަށް ވިއްކި އެކައްޗަކީ ތަރައްގީގެ މަސައްކަތްތަކެވެ. އެކަމަކު ހިސާބުތަކުން ބަލާއިރު ގިނައީ ނުނިމި ހުރި މަސައްކަތްތަކެވެ. ބަލިވި ސަބަބުތައް އެމްޑީޕީން އަލުން ބަލަންޖެހެ އެވެ. ކުރިއަށްދެވޭނީ އެހާ ހިސާބުންނެވެ.