23 އޮކްޓޯބަރު 2023 - 11:08 0
އަމަން ހަލީމް
ފުވައްމުލައް ސިޓީ: މި ރަށުގެ ފެނާއި ނަރުދަމާ ބޭނުންކުރަން ފެށީ 2019 ގައި -- ފޮޓޯ/މިރާޝް ނާޝިމް
23 އޮކްޓޯބަރު 2023 - 11:08 0
ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހިންގުމުގައި ދެ ސަރުކާރުން ހެދި ގޯސްތަކާ ގުޅިގެން މަޝްރޫއަށް ބަޖެޓު ކުރި ފައިސާއަށް ވުރެ އިތުރަށް 56 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއަކީ ކުވައިތު ފަންޑު ފޯ ޑިވެލޮޕްމަންޓުން ނެގި 160.7 މިލިއަން ރުފިޔާގެ ލޯނަކާއި ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ބާކީ ހަރަދު ކުރާ ގޮތަށް 2012 ގައި ރޭވި މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭ ވަރުވީ އޭގެ ހަތަރު އަހަރު ފަހުން 2016 ގައި އެވެ. އަދި އަމަލީ މަސައްކަތް ނިމި ނިޒާމު ބޭނުންކުރެވޭ ވަރުވީ 2019 ގައި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ މި މަޝްރޫއުގެ ޕާފޯމަންސް އޮޑިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެއްބަސްވުންތަކުގައި ވަނީ 282.6 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. ނަމަވެސް މަޝްރޫއު ހިންގުމުގައި ދިމާވި އެކި މައްސަލަތަކާ ގުޅިގެން ޖުމްލަ 339.9 މިލިއަން ރުފިޔާ މި މަޝްރޫއަށް ހަރަދުކޮށްފައިވެ އެވެ.
ފުވައްމުލައް ފެނާއި ނަރުދަމާ މަޝްރޫއު ހިންގީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން، މި މަޝްރޫއަށް ހާއްސަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަކުންނެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މި މަޝްރޫއުގެ ޑީޓެއިލްޑް ޑިޒައިން ރިޕޯޓަށް އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ދިނީ ކޮންޑިޝަނަލް ހުއްދައެކެވެ. އެ ހުއްދައިގައި ވަނީ އީޕީއޭން ރިޕޯޓަށް ގެންނަން ހުށަހަޅާފައިވާ މުހިންމު އިސްލާހުތަކާއި އިތުރު މައުލޫމާތު ހިމެނުމަށް ފަހު އެ ރިޕޯޓު އިސްލާހު ކުރުމަށެވެ.
ނަމަވެސް އެންވަރަމަންޓް މިނިސްޓްރީން މިކަންކަން އިސްލާހު ކޮށްފައިވާކަން ކަށަވަރު ކޮށްފައި ނެތުމުގެ ސަބަބުން މަޝްރޫއު ޕްލޭން ކުރުމުގެ މަރުހަލާ އާއި ނިޒާމް ފަރުމާކޮށް އަމަލީ މަސައްކަތް ކުރުމުގައި މަޝްރޫއުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތްތައް ތަންފީޒު ނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އޭގެ އިތުރުން އެއްވެސް މުއައްސަސާއަކުން މަޝްރޫއުގެ މަސައްކަތްތައް ކޯޑިނޭޓް ނުކޮށް ހަތަރު މަސް ދުވަސް ހޭދަވެފައި ވާތީ އާއި މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތައް ވެސް ރަނގަޅަށް ބަލަހައްޓާފައި ނުވާ މައްސަލަ އޮޑިޓަރުން ފާހަގަކޮށްފައިވެ އެވެ.
ހަމަ އެހެންމެ، އެންވަރަމަންޓް މިނިސްޓްރީން ހުއްދަ ދީފައި ނުވާ ފަރާތްތަކުން މަޝްރޫއުގެ ބައެއް މަސައްކަތްތައް އިންސްޕެކްޓްކޮށް، ހުއްދަ ދީފައިވާ ކަމަށާއި ބައެއް މަސައްކަތްތައް އެއްވެސް ފަރާތަކުން އިންސްޕެކްޓްކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މި މައްސަލަތަކާ ގުޅިގެން މަޝްރޫއުގެ އަގަށް 20.2 މިލިއަން ރުފިޔާ އިތުރުވެ، މަޝްރޫއު ނިންމަން އިތުރު ހަ މަސް ދުވަސް ހޭދަވި އެވެ.
ފުވައްމުލައް ފެނާއި ނަރުދަމާ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ލަންކާގެ ސިއޭރާ ކޮންސްޓްރަކްޝަން ކުންފުންޏެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުމުން ހިނގާ، ނިޒާމުގައި މައްސަލައެއް ހުރިތޯ ބަލައި ހައްލުކުރަން އޮންނަ ޑިފެކްޓްސް ލައިބިިލިޓީ މުއްދަތުގެ ތެރޭގައި މޮނިޓަރިން އާއި އިވެލުއޭޝަން މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ހިނގާފައި ނުވެ އެވެ.
މި މުއްދަތުގެ ތެރެއިން ގާތްގަނޑަކަށް ތިން މަސް ދުވަހު މަޝްރޫއު ކޯޑިނޭޓު ކުރާނެ ވަކި އިދާރާއެއް ނެތް އިރު، ޑިފެކްޓްސް ލަޔަބިލިޓީ މުއްދަތުގައި އޮޕަރޭޓަރުގެ ހައިސިއްޔަތުން ނިޒާމު ހިންގުމުގައި ފެނަކައިން ބައިވެރިނުވާ ކަމަށް ވެސް މައްސަލަ އޮޑިޓަރުން ފާހަގަކޮށްފައިވެ އެވެ.
ފެނަކައަށް މި ނިޒާމު ހިންގުމުގެ ވަގުތީ ހުއްދަ އީޕީއޭ އިން ދޫކުރީ ޑިސެމްބަރު 13، 2018 ގަ އެވެ. އެކަމަކު ފެނަކައިން އޭރު އެ މަސައްކަތްތެއް ނުކުރެ އެވެ. މި މައްސަލަ ކޮންސަލްޓަންޓް ފާހަގަކުރުމުން އެކަން އިސްލާހުކުރުމަށް ފެނަކައަށް އީމެއިލްއެއް ފޮނުވާލުން ފިޔަވައި އެންވަރަމަންޓް މިނިސްޓްރީން އިތުރު ކަމެއް ކޮށްފައި ނުވެ އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ވެސް މި މައްސަލަ، ފުރަތަމަ އެންވަރަމަންޓް މިނިސްޓްރީއަށް އަދި ފަހުން ޕްލޭނިން މިނިސްޓްރީއަށް އެންގުމުން ވެސް އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. މިނިސްޓްރީތަކެކޭ އެއް ފަދައިން އީޕީއޭ އިން ވެސް ހުއްދަ ދިން ނަމަވެސް ނިޒާމު ނުހިންގާތީ އޮންނަ އުސޫލުގެ ތެރެއިން ފެނަކައަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި ޖޫރިމަނާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައިވެ އެވެ.
ފެނާއި ނަރުދަމާ ނިޒާމުގެ ވެކިއުމް ޗެމްބަރުތަކާއި މޭންހޯލްތައް ފުރިގެން ނަޖިސް ބޭރުވަމުންދާކަން ޑިފެކްޓްސް ލައިބިލިޓީ މުއްދަތުގައި ފާހަގަކުރެވުނެވެ. ނަމަވެސް، ޕްލޭނިން މިނިސްޓްރިން ވަނީ މި މައްސަލަތައް ހައްލު ކުރުމަށް ކޮންޓްރެކްޓަރަށް އެންގުމަކާއި ނުލައި މަޝްރޫއު ނިމުނު ކަމަށް ކަނޑައަޅައިފަ އެވެ.
މިހެން އަމަލުކުރުމާ ގުޅިގެން، ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން 43.2 މިލިއަން ރުފިޔާ ހަރަދުވިއިރު، މިއީ ކޮންޓްރެކްޓަރުގެ ހަރަދުގައި ހައްލުކުރުވަން ޖެހޭ ކަންކަން ކަމުގައި އޮޑިޓު ރިޕޯޓުގައިވެ އެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކަކީ:
މި މައްސަލަތައް އިސްލާހުކުރަން އޮޑިޓު އޮފީހުން ވަނީ ދައުލަތުގެ ހަރަދުގައި ހިންގާ މިފަދަ އިޖުތިމާއި ގޮތުންނާއި އިގުތިސާދީ ގޮތުން މުހިންމު މަޝްރޫއުތަކުގައި ރަނގަޅަށް ބަލަހައްޓައި މޮނިޓާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމަށާއި އޮންނަ އުސޫލުގެ ތެރެއިން ރެގިއުލޭޓަރުން ފިޔަވަޅު އެޅުމަށް ލަފާ ދީފަ އެވެ.
Comment