Advertisement

ޓޫރިޒަމް މަސައްކަތްތެރިންގެ "ފަހިވޭ" އެޕް ބޭނުންކުރަން އަދިވެސް ނުފަށާ

9 އޮކްޓޯބަރު 2023 - 12:18 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފަތުރުވެރިން -- ފޮޓޯ: އަދަދު


ޓޫރިޒަމް މަސައްކަތްތެރިންގެ "ފަހިވޭ" އެޕް ބޭނުންކުރަން އަދިވެސް ނުފަށާ

9 އޮކްޓޯބަރު 2023 - 12:18 0

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ މައުލޫމާތު ބެލެހެއްޓުމަށް ހާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީން ފަރުމާކުރި "ފަހިވޭ" އެޕްގެ މަސައްކަތް ނިމުނު ނަމަވެސް، އަދިވެސް ލޯންޗުނުކުރެވޭކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

"ފަހިވޭ" އެޕަކީ ޓޫރިޒަމް މަސައްކަތްތެރިންނާއި ޓޫރިސްޓު ފެސިލިޓީތައް ގުޅާލާ ޕްލެޓްފޯމެކެވެ. މި އެޕުގެ ޒަރިއްޔާއިން މުވައްޒަފުންގެ މައުލޫމާތާއި، ޓޫރިޒަމް ވަޒީފާތަކުގެ މައުލޫމާތުތައް ހިއްސާކުރެވިގެން ދާނެ އެވެ.

"ފަހިވޭ" އެޕް ބޭނުންކުރަން ފެށުމުން ހުރިހާ ރިސޯޓަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު މި އެޕްގެ ޒަރިއްޔާއިން މިނިސްޓްރީއަށް ލިބޭނެ އެވެ. އަދި މި މައުލޫމާތުތަކުގެ ޒަރިއްޔާއިން ޓޫރިޒަމް މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލާށާއި ރެގިއުލޭޓުކުރަން ފަހިވެގެން ދާނެ އެވެ.

މި އެޕްއާ ބެހޭގޮތުން 'އަދަދު' އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބަދުﷲ މައުސޫމް ވިދާޅުވީ، "ފަހިވޭ" އެޕް ލޯންޗުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަސް ތެރޭގައި ލޯންޗުކުރެވިގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި މަހުގެ ތެރޭގަ ފަހިވޭ އެޕް ލޯންޗުކުރަން ހަމަޖެހިފަވަނީ. އެޕް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވޮލެންޓަރީކޮށް،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މި އެޕް ލޯންޗުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ ޓޫރިޒަމް މިނިސްޓަރުކަމުގައި އަލީ ވަހީދުގެ ހުންނެވި އިރު، 2020 ވަނަ އަހަރުގެ މެއި މަހުގަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ވެސް "ފަހިވޭ" އެޕްލިކޭޝަން ލޯންޗުކުރަން ނިންމި އެވެ.

މައުސޫމް ވިދާޅުވީ "ފަހިވޭ" އެޕް ވޮލެންޓަރީ އެޕެއްގެ ގޮތުގައި ބޭނުންކުރަން ނިންމީ، މިހާރު ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ "ޖޮބް ޕޯޓަލް" އެޕް އަދި އެ އެޕުގައި އެއްގޮތް ސިފަތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި މުއައްޒަފުންނަށް ދެ އެޕެއް ބޭނުންކުރުން އުނދަގޫކަމަކަށް ވެދާނެކަން ފާހަގަކުރެއްވި އެވެ.

"ފެހިވޭ" އެޕް ޕް ބޭނުންކުރަން ޓޫރިސްޓު ފެސިލިޓީތަކަށް މަޖުބޫރުކޮށް، ލޯންޗުކުރުމަށް އެންމެ ފަހުން ކަނޑައެޅި ތާރީހަކީ 2022 ވަނަ އަހަރުގެ ޖޫން މަހެވެ. ނަމަވެސް، ސިސްޓަމަށް ދިމާވި އެކި މައްސަލަތަކާއި، އެހެނިހެން ސަބަބުތަކާހުރެ މި އެޕް އަދިވެސް ލޯންޗު ނުކުރެވެ އެވެ.