Advertisement

ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކުން ސައުދީ ވޯލްޑް ކަޕް ބިޑަށް ތާއީދު

9 އޮކްޓޯބަރު 2023 - 10:25 0

އެފްއޭއެމް އިން ބޭއްވި ކޮންގްރެސްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކުން ސައުދީ ވޯލްޑް ކަޕް ބިޑަށް ތާއީދު

9 އޮކްޓޯބަރު 2023 - 10:25 0

ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކަކުން ސައުދީ އަރަބިއްޔާގައި 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަން ތާއީދުކޮށްފި އެވެ.

މީގެ ތެރެއިން ގިނަ ގައުމުތަކަކީ ފާއިތުވި އަހަރުތަކުގައި ސައުދީއާ އެކު ފުޓްބޯޅައިގެ އެކި އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ގައުމުތަކެެކެވެ.

ރާއްޖޭން ވެސް ވަނީ ސައުދީއާ އެކު ފުޓްބޯޅަ ޑިވެލޮޕްމަންޓްގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މި އެއްބަސްވުމުގެ ދަށުން ގައުމީ ފުޓްބޯޅަ ޓީމުތަކަށް ސައުދީ އަރަބިއްޔާގައި ފަސޭހައިން ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދިޔައިރު، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯޓްސް ކްލަބް ވަނީ އޭއެފްސީ ކަޕް އަށް ތައްޔާރުވުމުގެ ގޮތުން، ސައުދީ އަރަބިއްޔާގައި ކޭމްޕްކޮށްފަ އެވެ.

ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ދެމެދު ފުޓްބޯޅައިން އޮންނަ ގާތް ގުޅުމުގެ ތެރެއިން، ދިވެހި ޓީމުތައް ސައުދީ އަރަބިއްޔާ އަށް ދާއިރު، އުމްރާގެ އަޅުކަން އަދާކުރަން ފުރުސަތު ވެސް ލިބެ އެވެ.

2021 ވަނަ އަހަރު ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ.


ސައުދީ އަރަބިއާ އިސްކޮށް އޮވެ، މީގެ ފަސް ވަރަކަށް އަހަރު ކުރިން އުފެއްދި ސައުތު ވެސްޓް ފުޓްބޯލް އެސޯސިއޭޝަން (ސްވާފް)ގައި ވެސް ރާއްޖޭން ބައިވެރިވި އެވެ. އެ ޖަމިއްޔާ އިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސައުތު އޭޝިއާގެ ގިނަ ގައުމުތަކެއް ވަކިވި ނަމަވެސް ރާއްޖޭން ވަކިވި ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ސައުދީ އަރަބިއްޔާގައި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ތާއީދުކަމަށް ބުނެ، ރަސްމީކޮށް އެކަން އިއުލާނުކުރި ގައުމުތަކަކީ ރާއްޖޭގެ އިތުރުން، އޮމާން، ގަތަރު، ބަހްރޭން، ކުވެއިތު، ޔޫއޭއީ، އިރާގު، ޔަމަން، ފަލަސްތީން، ޖޯޑަން، ސޫދާން، ލެބަނަން، ސީރިއާ، މޮރިޓާނިއާ، ބަންގްލަދޭޝް، ނޭޕާލް، ކެންޏާ އަދި ކިރްގިސްތާން އެވެ.

މީގެ އިތުރުން ވެސް އެހެން ގައުމުތަކުން މި ބިޑަށް ސަޕޯޓްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފީފާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލުމާ އެކު، އެންމެ ފުރަތަމަ ވެސް ބިޑް ހުށަހެޅީ ސައުދީންނެވެ. އޮސްޓްރޭލިއާ އިން ވެސް ވޯލްޑް ކަޕް ބޭއްވުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެ، އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު، އެ ގައުމަށް ވޯލްޑް ކަޕްގެ ބިޑެއް ކުރެވެން އޮތީ އެހެން ގައުމަކާ ބައިވެރިވެގެންނެެެވެ. ދާދި ފަހުން، އޮސްޓްރޭލިއާ އިން ވަނީ ނިއު ޒީލެންޑާ ބައިވެރިވެގެން ފީފާ ވިމެންސް ވޯލްޑް ކަޕް ހޯސްޓް ކޮށްފަ އެވެ.

ފީފާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރަން ޝައުގުވެރިވާ ގައުމުތަކަށް ބިޑް ކުރުމުގެ ފުރުސަތު ދީފައިވަނީ މި މަހުގެ ނިޔަލަށެެވެ.