Advertisement

ދަރައި ބޯހިކެން ނެތް އިރު އެންމެނަށް ލިބޭ ސަބްސިޑީ ކަމަކު ނުދޭ!

21 އޮކްޓޯބަރު 2023 - 11:14 0

އަމަން ހަލީމް

އަމަން ހަލީމް

އާޓްވޯކް: ރައްޔާން މުހައްމަދު


ދަރައި ބޯހިކެން ނެތް އިރު އެންމެނަށް ލިބޭ ސަބްސިޑީ ކަމަކު ނުދޭ!

21 އޮކްޓޯބަރު 2023 - 11:14 0

އިގުތިސާދީ މާހިރު އަދި ލިޔުންތެރިޔާ އާތިފް ޝަކޫރު އޭނާގެ ބްލޮގުގައި، ދިވެހި އިގުތިސޯދަށް ހުރި ބޮޑެތި ގޮންޖެހުންތައް ސިލްސިލާގެ ދަށުން ލިޔެފައިވާ "ދައުލަތުގެ ކިބައިން ލިބިގަންނަ ހިދުމަތްތަކަކީ ހިލޭ ލިބޭ ތަކެތި ކަމުގައި ދުށުން" މަޒުމޫނުން އިބާރާތްކޮޅެއް ނަކަލުކޮށްލާނަމެވެ.

"އާންމު އުސޫލެއްގެ ގޮތުން ސަބްސިޑީއަކީ އެހީއަށް ބޭނުންޖެހިފައި ތިބި ފަރާތްތަކަަށް، ބަޖެޓުން ފޯރުކޮށްދޭ 'ހިޔާވެހި' ކަމެކެވެ. ނަމަވެސް އެއްވެސް އޮޅުމެއްނެތި ހާމަކޮށް ފެންނާން އޮތް ގޮތުގައި، ރާއްޖޭގައި ސަބްސިޑީ ފޯރުކޮށްދެނީ ފީ ސަބީލިﷲ އަށް އެންމެނަށެވެ."

ތެދެކެވެ. ސަބްސިޑީއަކީ އޭގެ ޒާތުގައި އެ ބޭނުންވާ ފަރާތްތަކަށް ދައުލަތުން ކޮންމެހެން ފޯރުކޮށްދޭން ޖެހޭ އިޖުތިމާއީ ރައްކާތެރިކަމެކެވެ. އާންމުކޮށް މި ގޮތަށް ދެވޭ ސަބްސިޑީތަކަކީ ދައުލަތްތަކުގެ އިޖުތިމާއި އަދި އިގުތިސާދީ ސިޔާސަތުތަކާ ގުޅުވައި، އެ ސިޔާސަތުތައް ތަންފީޒުކުރުުގެ މަގުސަދުގައި ފޯރުކޮށްދޭ އެހީއެކެވެ.

ނަމަވެސް ރާއްޖޭގައި ކަން ހިނގަނީ އެހެނެއް ނޫނެވެ. މި ގައުމުގެ ސަބްސިޑީ ނިޒާމު ބައްޓަން ވެފައި އޮތް ގޮތުން ބައެއް ބާވަތްތަކުގެ ސަބްސިޑީ ނުލިބޭ ހަމަ އެކަކު ވެސް ނެތީ އެވެ. ދޭސީއެއް ބިދޭސީއެއް، ފަގީރެއް މުއްސަންޖެއް، ވަޒަންވެރިއެއް ފަތުރުވެރިއެއް ކިޔާނެ ކަމެއް ނެތެވެ. ސަބްސިޑީއަކީ އެއްވެސް އިސްތިސްނާއެއް ނެތި ހަމަ އެންމެނަށް ލިބޭ އެއްޗެކެވެ.

ސަބްސިޑީގެ އަންދާޒާ ދިމާ ނުވާ ހަރަދު

ދިވެހި ސަރުކާރުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެކި ދާއިރާތަކުން ރައްޔިތުންނަަށް އެހީ އާއި ސަބްސިޑީ ފޯރުކޮށްދެ އެވެ. އެގޮތުން މި އަހަރަށް ފާސްކުރި ބަޖެޓު ފޮތުގައި ސަރުކާރުން ދޭ އެހީ، އިޝްތިރާކު އަދި ސަބްސިޑީއަށް ބަޖެޓުކޮށްފައިވާ 6.6 ބިލިއަން ރުފިޔާގެ ތެރެއިން 4.5 ބިލިއަން ރުފިޔާއަކީ ރައްޔިތުންގެ ޖީބަށް ލުއިކުރުމުގެ ބޭނުމުގައި ދޭ ސަބްސިޑީތަކާއި އެހީތަކެވެ.

މީގެ ތެރޭގައި ސީދާ ރައްޔިތުންނަށް ދޭ އެހީ، މިސާލަކަށް އެކަނިވެރި މައިންނާއި ބަފައިންނަށާއި ނުކުޅުދޭ ފަރާތްތަކަށް ދޭ އެލަވަންސް، އާއި ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ކުޑުކުރުމުގެ ބޭނުމުގައި އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގު ހެޔޮކުރަން ދޭ ސަބްސިޑީ، މިސާލަކަށް ކާޑު ސަބްސިޑީ އާއި ކަރަންޓު ސަބްސިޑީ އާއި ތެލުގެ ސަބްސިޑީ، އަދި ހުރިހާ ދިވެހިންނަށް ސިއްހީ ފަރުވާ ކަށަވަރުކުރަން ދޭ އާސަންދަ ހިމެނެ އެވެ.

ބޭރާއި އެތެރޭގެ މާލީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި މި ހަރަދުތަކުގެ ތެރެއިން ބަޖެޓަށް ބުރަ ބޮޑީ ނުސީދާ ގޮތުން ދޭ އެހީ އާއި ސަބްސިޑީތަކުގެ ސަބަބުންނެވެ. އެއީ ކާޑާއި ކަރަންޓާއި ތެލަށް ދޫކުރާ 'ޔުނިވާސަލް' ނުވަތަ 'އިންޑިރެކްޓް' ސަބްސިޑީތަކެވެ. މި ލިޔުމުގައި އިސްކަން މިދެނީ މިހެން އެންމެނަށް ލިބޭ ސަބްސިޑީތަކުގެ ތެރެއިން އެންމެ ބޮޑު ހަަރަދެއް ހިނގާ ސަބްސިޑީތަކަށެވެ.

ވޭތުވި ދަހަރުގެ ބަޖެޓަށް ނަޒަރު ހިންގާލާއިރު، އެންމެ ހަރަދު ބޮޑު ސަބްސިޑީތަކުގެ ގޮތުގައި ފާހަގަކުރެވެނީ ފަސް ސަބްސިޑީއެކެވެ. އެއީ:

  • ތަކެތި ނުވަތަ ހިދުމަތުގެ އަގު ހެޔޮކުރުމުގެ ގޮތުން ދޭ ސަބްސިޑީ
  • ކަރަންޓުގެ އަގު ހެޔޮކުރުމުގެ ގޮތުން ދޭ ސަބްސިޑީ
  • ފެން އަގު ހެޔޮކުރުމުގެ ގޮތުން ދޭ ސަބްސިޑީ
  • ކާބޯތަކެތީގެ އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ސަބްސިޑީ
  • ފިއުލް ސަބްސިޑީ

މި ސަބްސިޑީތަކަށް، އޭރެއްގައި އޮތް ސަރުކާރެއްގެ ސިޔާސަތާ އެއްގޮތަށް، ބައެއް ބަދަލުތައް ގެނެސްފައި ވެ އެވެ. އެހެންނަމަވެސް ހުރިހާ ސަރުކާރަކުން ވެސް ވަނީ އެކި އޮނިގަނޑުތަކަށް ފައްތައިގެން އެކި ނަންނަން ދީގެން ސަބްސިޑީތައް ދިނުމުގެ ސިޔާސަތު ދަމަހައްޓާފަ އެވެ.


މި ރިޕޯޓުގެ ބޭނުމަށް ބެލި ދިހަ އަހަރުގެ މުއްދަތުގެ ތެރޭގައި މި ފަސް ސަބްސިޑީ ދިނުމަށް 14 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ އެވަރެޖުކޮށް އަހަރެއްގެ މައްޗަށް 1.4 ބިލިއަން ރުފިޔާ އެވެ.

ސަބްސިޑީ ހޭދަ އިތުރުވަމުން އައި ގޮތަށް ބަލާއިރު 2017 ގައި، އޭރުގެ ސަރުކާރުން ކާޑު ސަބްސިޑީ ދޭ ގޮތަށް ގެނައި ބަދަލާ ގުޅިގެން ސަބްސިޑީ ހަރަދު ރެކޯޑު އަދަދަކަށް ދަށްވުމަށް ފަހު ވިދިވިދިގެން އައި އަހަރުތަކުގައި މި ހަރަދު އިތުރުވަމުން އައިސް، ނިމުނު އަހަރު މި ސަބްސިޑީތައް ދިނުމަށް ހިނގި ހަރަދު ވަނީ 3.5 ބިލިއަން ރުފިޔާގެ ރެކޯޑު އަދަދަކަށް އިތުރުވެފަ އެވެ.

ސަރުކާރުތަކަށް ވެސް އެނގޭ ހައްލު ނުވާ މައްސަލައެއް

ސަބްސިޑީ ހަރަދު ބޮޑުވުމުގެ މައްސަލައަކީ އާ މައްސަލައެއް ނޫނެވެ. ނޭނގޭ މައްސަލައެއް ވެސް ނޫނެވެ. މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެތެރޭގެ މާލީ އިދާރާތަކުން މިފަހަކަށް އައިސް އަބަދު ވެސް ފާހަގަކުރާ މައްސަލައެކެވެ. ދައުލަތުގެ މާލިއްޔަތަށް ހުރި ހިރާސްތަކުގެ ވާހަކަ ދައްކާ ނަމަ ލިސްޓުގެ އެންމެ ކުރީގައި އޮންނަނީ މުތުލަގަށް ލިބޭ ސަބްސިޑީތަކުގެ ވާހަކަ އެވެ.

ދިވެހި އިގުތިސާދުގެ ހާލަތަށް އަލިއަޅުވާލާ ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި، ދައުލަތުގެ ހަރަދުތައް އުފުލި، ބޭރު ފައިސާގެ ރިޒާވަށް ބާރު ބޮޑު ކުރާ މައިގަނޑު ސަބަބަކީ މިހެން ހުރި ސަބްސިޑީތައްކަން ފާހަގަކޮށްފައިވެ އެވެ. ވޯލްޑް ބޭންކުން މި ކަންބޮޑުވުން ހިއްސާކުރީ ދަރަނި އެހާ ބޮޑު އިރު މިހެން ހަރަދު ކޮށްކޮށް ނުތިބެވޭނެ ކަމުގެ އިލްތިމާސްއާ އެކީގަ އެވެ.

ވޯލްޑް ބޭންކާއި، އޭ ބޭންކު ފަދަ އެހެން މާލީ އިދާރާތަކެކޭ އެއް ފަދައިން ދިވެހި ސަރުކާރުން ވެސް މި ކަންބޮޑުވުން ހިއްސާކުރެ އެވެ. މިހާރު އޮތް ސަރުކާރު އެކަންޏެއް ނޫނެވެ. ފުޅާ ދާއިރާއެއްގައި ސަބްސިޑީތައް ދޭން ފެށި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފެށިގެން ވިދިވިދިގެން އައި ހުރިހާ ސަރުކާރުން ވެސް މި ކަންބޮޑުވުން ހިއްސާކޮށްފައިވެ އެވެ.

ނަމަވެސް، ސަބްސިޑީތަކުގެ މައްސަލަ ހައްލުކުރަން އެއްވެސް ސަރުކާރަކުން މާ ބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތްކަން ފާހަގަކުރެވެ އެވެ. ކިރިޔާ ވެސް ފިޔަވަޅެއް އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

ޔާމީންގެ ސަރުކާރުން އޮކްޓޯބަރު، 2016، ގައި ކާޑު ސަބްސިޑީއަކީ ނިކަމެތިންނަށް އެކަނި ލިބޭ 'ޓާގެޓަޑް ސަބްސިޑީ' އަކަށް ބަދަލުކޮށް، ހަނޑުލާއި ހަކުރާއި ފުށުގެ ކޮންޓްރޯލް އަގު ދޫކޮށްލި އެވެ. ބަޖެޓު ފޮތްތަކުން ފެންނަން ހުރި ގޮތުގައި އެ ބަދަލާއެކު، އެހާތަނަށް އެވަރެޖުކޮށް 300 މިލިއަން ރުފިޔާ ހަރަދު ވަމުން އައި ކާޑު ސަބްސިޑީ 172 މިލިއަން ރުފިޔާއަށް ތިރިކުރެވުނެވެ.

ހަރަދުތައް ސަލާމަތް ކުރެވި، ބަޖެޓަށް ލުއިތަކެއް ލިބުނު ނަމަވެސް އެކި ގޮތްގޮތުން ދިމާވީ ޕްރެޝަރުތަކާ ހެދި ޖެހިގެން އައި އަހަރު އޭރުގެ ސަރުކާރުން ވަނީ ކާޑު ސަބްސިޑީ ކުރިން އޮތް ގޮތަށް އިއާދަކޮށްފަ އެވެ. އެއާ އެކީ ކާޑު ސަބްސިޑީ ދޭން ހިނގާ ހަރަދު ޖެހިގެން އައި އަހަރު އަނެއްކާ ވެސް 300 މިލިއަން ރުފިޔާއަށް އުފުލުނެވެ.

2015-2023 އަށް ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް ހޭދަކުރި ފައިސާ: ކާޑު ސަބްސިޑީގެ ބޮޑު މަންފާއެއް ލިބެނީ ތަނަވަސް އާއިލާތަކާއި ވިޔަފާރިތަކަށް -- ގްރެފިކްސް/މުހައްމަދު ރައްޔާން


މިއީ ހަމައެކަނި ކާޑު ސަބްސިޑީގެ ވާހަކަ އެވެ. އަދަދުތަކުން ދައްކާ ގޮތުގައި ސަބްސިޑީގެ އެންމެ ބޮޑު ބަޔެއް މި ހަރަދު ވަނީ ކަރަންޓު ސަބްސިޑީއަށާއި ކަރަންޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން ފޯރުކޮށްދޭ ތެލުގެ ސަބްސިޑީއަށެވެ. މިވަގުތު ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރި ގޮތުން އެންމެ ބޮޑު ނުރައްކަލެއް އޮތީ ވެސް އަދި މިހާތަނަށް ރެކޯޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުނީ ވެސް ތެލާއި ކަރަންޓު ސަބްސިޑީއަށެވެ.

އެގޮތުން ނިމުނު އަހަރުގެ ތަފާސްހިސާބުތަކަށް ނަޒަރު ހިންގާލާއިރު ސަބްސިޑީ ހޭދަ، ސިއްސައިގެން ދާ ވަރަށް އިތުރުވެފައިވާ ކަން ފާހަގަކުރެވެ އެވެ. އެގޮތުން މިދިޔަ އަހަރު ފިއުލް ސަބްސިޑީއަށް އެކަނި 2.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، މިއީ އޭގެ ކުރީ އަހަރު ޔުނިވާސަލް ސަބްސިޑީތައް ދިނުމަށް ހިނގި ޖުމްލަ ހަރަދު ކަމުގައިވާ 1.4 ބިލިއަން ރުފިޔާއަށް ވުރެ 57 އިންސައްތަ އިތުރު އަދަދެކެވެ.

މި ސަރުކާރުން ވެސް 2021 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުގައި އިންޑިރެކްޓް ސަބްސިޑީގެ މައްސަލަ އަދި 2022 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ވަރަށް ތަފްސީލުކޮށް ކާޑު ސަބްސިޑީގެ އިސްރާފުގެ ވާހަކަ ފާހަގަކޮށްފައިވެ އެވެ. އަދި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މި ސަބްސިޑީތައް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ސިޔާސަތު ބަދަލުކުރާނެ ވާހަކަ ވެސް ބުންޏެވެ.

ނަމަވެސް މިއިން އެއްވެސް ފިޔަވަޅެއް ނޭޅުމާ ގުޅިގެން އަހަރު ނިންމާލަން ޖެހުނީ މުޅި އަހަރުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ 12 ޕަސެންޓާ އެއްވަރުގެ އަދަދެއް ފަސް ސަބްސިޑީއަކަށް ހަރަދުކޮށްފަ އެވެ.

އެހެން ގައުމުތަކުގައި ވެސް މައްސަލައެއް، ހައްލަކީ ޓާގެޓަޑް ސަބްސިޑީ

އެންމެނަށް ލިބޭ ސަބްސިޑީގެ މައްސަލައަކީ ރާއްޖެއަށް ހާއްސަ މައްސަލައެއް ނޫނެވެ. ރާއްޖެއަށް ވުރެ މާ ތަނަވަސް ގައުމުތަކުގައި ވެސް ލިބެންނުވާ މީހުންނަށް ސަބްސިޑީ ލިބި، ވިޔަފާރިތަކުން ސަބްސިޑީ ނާޖައިޒު މަންފާ ނަގާ މައްސަލަ ފާހަގަވެ، އެކަންކަން ހައްލުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

މިސާލަކަށް މެލޭޝިއާ އެވެ. މެލޭޝިއާއަކީ ވެސް ތެލާއި ކައްކަން ބޭނުންކުރާ ތެލާއި އެ ގައުމުގައި އުފައްދާ ހަނޑުލާއި އެހެނިހެން ބައެއް އަސާސީ ބާވައްތަކަށް ސަބްސިޑީ ފޯރުކޮށްދޭ ގައުމެކެވެ. އެ ގައުމުގެ ސަރުކާރުން އަންދާޒާކުރަނީ މި އަހަރުގެ ތެރޭގައި ސަބްސިޑީ ދިނުމަށް 13.54 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ.

އެއާ ގުޅިގެން ބަޖެޓަށް ވާން ކުރާތީ މެލޭޝިއާ ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ތެލުގެ ސަބްސިޑީ ޓާގެޓަޑް ސަބްސިޑީއަކަށް ނުވަތަ ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި ލިބޭ ސަބްސިޑީއަކަށް ބަދަލުކުރަން ބަޖެޓުގައި ހުށަހަޅާނެ ކަން އިއުލާންކޮށްފަ އެވެ. މި ބަދަލާ ގުޅިގެން ދެ ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރާ އިރު، ސަރުކާރުގެ ވިސްނުމަކީ ސަލާމަތް ކުރެވޭ ފައިސާ، ގޭބިސީތަކަށް ފައިސާގެ އެހީގެ ގޮތުގައި ދީގެން އިންފްލޭޝަން މައިތިރި ކުރާށެވެ.

ޔޫރަޕުގެ މޯލްޓާގައި ވެސް އުޅެނީ ހަމަ މި މައްސަލަ ދިމާވެގެންނެވެ. މޯލްޓާ ސަރުކާރުން ވަނީ ސަބްސިޑީތަކަށް 643.5 މިލިއަން ޑޮލަރު ހަރަދު ކުރަން ބަޖެޓުކޮށްފަ އެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއް ހަރަދު ވަނީ ހަކަތަ އާއި ތެލުގެ ސަބްސިޑީ ދިިނުމަށެވެ.

މޯލްޓާގައި މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން ދަނީ ސަރުކާރާ އިދިކޮޅު ޕާޓީތަކުންނެވެ. އެ މީހުންގެ ތުހުމަތަކީ ތެލާއި ހަކަތައިގެ ސަބްސިޑީގެ ނަހަމަ ބޭނުން އެ ގައުމުގެ ތަނަވަސް މީހުންނާއި އެ ގައުމަށް ޒިޔާރަތްކުރާ މުއްސަނދި ފަތުރުވެރިން، ހާއްސަކޮށް ޔޮޓުތަކުގައި ޒިޔާރަތްކުރާ މީހުން، ކުރާ ކަމެވެ. މިކަން ހައްލުކުރަން މޯލްޓާގެ އިދިކޮޅު ޕާޓީތަކުން ވެސް ސަރުކާރަށް ގޮވާލަމުން ދަނީ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ލިބޭ ނިޒާމަކަށް ބަދަލުކުރުމަށެވެ.

ރާއްޖެއަށް ވެސް އޮތް ހައްލަކީ މިއީ އެވެ. އަވަހިއްޔާ އަވަހަށް ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި ލިބޭ ސަބްސިޑީ ނިޒާމަކަށް ބަދަލުކުރަންވީ އެވެ.

މީގައި ނުރަނގަޅު ނަތީޖާތަކެއް ވެސް ނުކުންނާނެ އެވެ. އެއް ކަމަކަށް މުދަލާއި ތަކެތީގެ އަގުތައް މަތިވުމެވެ. އެއީ މިހާރުގެ ސަބްސިޑައިޒް ރޭޓުތައް އުވާލުމުން ވިޔަފާރި ކުރުމުގެ ހަރަދު އުފުލޭނެތީ އެވެ. އަނެއް ކަމަކީ މެދު މިނުގެ އާމްދަނީ ލިބޭ އާއިލާތަކުގެ ދިރިއުޅުމުގެ ހަރަދުތައް މަތިވުމެވެ.

މި ދެ ކަމަކީ ވެސް ސަރުކާރަށް ޕްރެޝަރު ކުރިމަތި ކުރުވާނެ ކަން ކަމެވެ. އެކަމަކު ދިވެހިން މި ހިތި ބޭސް ބޯން އެބަ ޖެހެ އެވެ. ކީއްވެގެންކަން ވެސް ބުނެދޭނަމެވެ. ދައުލަތުގެ މާލިއްޔަތުގައި އެވަރުގެ ހަރަދެއް ކުރެވޭނެ ތަނެއް ނެތުމެވެ. ނިމުނު ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ބެލުމުން މިކަން އިތުރަށް ސާފު ވާނެ އެވެ.

ސަރުކާރުން ބަޖެޓަށް އިތުރުކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ތެރެއިން 1.8 ބިލިއަން ރުފިޔާ، ނުވަތަ 27 ޕަސެންޓަކީ ސަބްސިޑީ ބަޖެޓަށް އިތުރުކުރާ ފައިސާ އެވެ. އެއީ ފާސްކުރި ބަޖެޓުގައިވާ 2.4 ބިލިއަން ރުފިޔާއިން ނުވެގެން ހުށަހެޅި ފައިސާ އެވެ. މިއާ އެކީ މި އަހަރު ނިމޭ އިރު ސަބްސިޑީ ހަރަދު 4.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

މިއީ މިދިޔަ އަހަރަށް ވުރެ 700 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންކަމުން މި އަހަރު ނިމޭނީ ސަބްސިޑީ ދިނުމަށް ކުރި ހަރަދުގެ ރެކޯޑު އަނެއްކާ ވެސް ވަނީ މުގުރާލާފަ އެވެ. އެކަމަކު މި ހުރިހާ ފައިސާއެއް ހަރަދުކުރަން ޖެހެނީ މާލިއްޔަތުގައި ނެތް ފައިސާއިންނެވެ. ސަޕްލިމެންޓަރީ ބަޖެޓާއެކީ ހަރަދުތައް ކުރަން ދަރަންޏަށް ހޯދަން ޖެހޭ ފައިސާގެ އަދަދު ނުވަތަ ބަޖެޓު 17 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

ސުވާލަކީ، މާލީ ހާލާތު މާ ރަނގަޅު، މާ ތަނަވަސް ގައުމުތަކުން މި ކަމާ ކަންބޮޑުވެގެން އުޅޭ އިރު، އަހަރުން އަހަރަށް ދަރަނި ބަޖެޓު ބޮޑުވަމުން އަންނަ ރާއްޖޭގައި މިކަން ކުރަމުން އަންނަނީ ކީއްވެގެންތޯ އެވެ؟ މިހާރު ސަރުކާރުތަކުން ކަން ކުރާ ގޮތް އެއްގޮތް ކުރެވެނީ މެދު މިނުގެ އާމްދަނީ ލިބޭ މީހަކު ބޭންކުން ލޯނު ނަގައިގެން މުއްސަންޖެއްގެ ދިރިއުޅުން އުޅެން ބޭނުންވުމުންނެވެ.

ދައުލަތަކަސް އަދި އާންމު މީހަކަސް ކަންކަން ކުރަން ވާނީ ކެރިފޯރުންތެރިކަން ހުރިވަރަކުންނެވެ. އެވަރުގެ ތަނަސްވަސްކަމެއް ހުރެއްޖެ ނަމަ އެންމެނަށް ސަބްސިޑީ އާއި އެހީ ދޭންވީ އެވެ. ގޭގޭގެ ކުއްޔާއި ކަރަންޓު ބިލާއި ފެން ބިލު ވެސް ދައްކައި ދޭންވީ އެވެ.

އެކަމަކު މި ގައުމުގެ ހާލަތު އޮތީ އެއަށް ވުރެ ނާޒުކު ފައްތަރެއްގެ އެވެ. ދިވެހި ދައުލަތުން ދަރާފައިވާ ފައިސާގެ އަދަދު ވަނީ ގައުމުގެ އިގުތިސޯދީ އުފެއްދުންތެރިކަމަށް ވުރެ މައްޗަށް ޖެހިލާފަ އެވެ. އުޅެނީ ސަލާމަތް ނުވާ ވަރަށް ދަރަނިވެރި ވެގެންނެވެ. ދަރައި ބޯ ނުހިކިގެންނެވެ. އެންމެނަށް ސަބްސިޑީ ދެވެން ނެތީ މިހެންވެ އެވެ.