8 އޮކްޓޯބަރު 2023 - 13:40 0
މަރިޔަމް އަފާ ނިޒާމް
އެކި ގޮތްގޮތުން އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނާތީ ބީއެމްއެލުން ސަމާލުވާން އެދިއްޖެ
8 އޮކްޓޯބަރު 2023 - 13:40 0
ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުން އަންނާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ ހެކްކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް އެ އެކައުންޓުގެ "ފްރެންޑްސް ލިސްޓް"ގައި ތިބޭ މީހުންނަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދަމުން އަންނަ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ މި ގޮތަށް ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެ މީހަކަށް ގުޅައި އެކަން ޔަގީން ކުރުން،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީކޮން ފަރާތަކަށް ޔަގީން ކުރުން ކަމުގައި ބީއެމްއެލްއިން ބުނެ އެވެ. ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ބީއެމްއެލްއިން ވަނީ އެދިފަ އެވެ.
ބީއެމްއެލްގެ ނަމުގައި އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދި، ފޭކް ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވައިގެން ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫސަނޭމާއި ޕާސްވޯޑްގެ އިތުރުން އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއް ވެސް ލިބެމުން އަންނަކަމަށް ބީއެމްއެލްއިން ބުނެ އެވެ.
"ބީއެމްއެލް އިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ. މި ގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަން. އަދި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާ ނުކުރުމަށް ތަކުރާރުކޮށް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން، އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށް ފަހު މުދާ އަދި ފައިސާ ވެސް އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެ ކަމުގެ ޝަކުވާ ވެސް ބޭންކަށް ހުށަހަޅާފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment