Advertisement

މިލާން އެއް ވަނަ އަށް، ސަލާމަތްކޮށްދިނީ ގޯލަށް އެރި ޖިރޫ

8 އޮކްޓޯބަރު 2023 - 12:16 0


މިލާން އެއް ވަނަ އަށް، ސަލާމަތްކޮށްދިނީ ގޯލަށް އެރި ޖިރޫ

8 އޮކްޓޯބަރު 2023 - 12:16 0

މިލާން (އޮކްޓޫބަރު 8) - އިޓާލިއަން ލީގުގައި ރޭ ޖެނޯއާ އަތުން 1-0 އިން މޮޅުވެ ޢޭސީ މިލާން ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، މި މެޗުގައި މިލާންގެ ބަތަަލަކަށްވީ މެޗުގެ ފަހުކޮޅު އެ ޓީމުގެ ގޯލު ބެލެހެއްޓުމަށް އެރި ފޯވަޑް އޮލިވިއޭ ޖިރޫ އެވެ.

ޖެނޯއާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށްވެފައި ވަނިކޮށް، މިލާނަށް ލަނޑު ޖަހައިދިނީ އެމެރިކާގެ ފޯވަޑް ކްރިސްޓިއަން ޕުލިސިޗް އެވެ.

ޕުލިސިޗްގެ ލަނޑާއެކު މެޗުން މޮޅުވެ، މިލާން ތާވަލްގެ އެއް ވަނަ އަށް ޖެހިލީ 21 ޕޮއިންޓާ އެކު އެވެ. މިއީ މިލާން ލީގުގައި ޖެހިޖެހިގެން މޮޅުވި ހަތަރު ވަނަ މެޗެވެ.

މެޗުގެ ބާކީ އޮތް ބައިގައި ޖެނޯއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މިލާންގެ ފަހަތަށް ބާރުބޮޑުކުރި ދަނޑިވަޅުގައި، މިލާންގެ ގޯލްކީޕަރު މައިކް މެއިގްނަން އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. މިލާނަށް އިތުރު ބަދަލެއް ކުރެވެން ނެތުމުން، އެ ޓީމުގެ ގޯލަށް އެރީ ފްރާންސްގެ ފޯވަޑް ޖިރޫ އެވެ.

ޖިރޫ ވަނީ ޖެނޮއާގެ ދެ ހަމަލާއެއް ހުއްޓުވުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އަދި މެޗުގެ ބާކީ އޮތް ބައިގައި ޖެނޮއާ އަށް ލިބުނު ކޯނަރަކަށް އެރި ޖެނޮއާގެ ގޯލްކީޕަރު ޖޯސެޕް މާޓިނޭޒް އަށް ވެސް ވަނީ ފައުލެއްކޮށްގެން ރަތްކާޑު ދައްކައިފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ މިލާން ގޯލަށް ފުރަތަމަ އަރަން ބޭނުންވީ ޕުލިސިޗް ކަމަށެވެ. އެކަމަކު ޖިރޫ ގޯލަށް އެރީ އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.

"ޕުލިސިޗް ފުރަތަމަ ގޯލަށް އަރަން ބޭނުންވީ. އެކަމަކު އަހަރެން ބުނީ ޕުލިިސިޗް އިސްކޮޅުން މާ ކުޑައޭ. ޖިރޫ މާ ރަނގަޅުވާނެއޭ،" ޕިއޯލީ ބުންޏެވެ،

އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޮލޯންޔާއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، އިންޓަ މިލާން ފުއްދާލީ ޕޮއިންޓަކުންނެވެ. އެ ޓީމުގެ ފްރަންޗެސްކޯ އަޗޭބީ އާއި ލައުޓާރޯ މާޓިނޭޒް ޖެހި ދެ ލަނޑާއެކު މެޗުގެ ފުރަތަމަ 13 މިނިޓުގައި ދެ ލަނޑުގެ ލީޑެއް އިންޓަ އިން ނެގިއެވެ. އެކަމަކު ބޮލޯންޔާ އިން ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އިޓާލިއަން ލީގުގައި ރޭ ވާދަވެރި ޓޮރީނޯ އަތުން ތާވަލްގެ ތިން ވަނައިގައި އޮތް ޔުވެންޓަސް މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ޔުވެންޓަސް އަށް ލަނޑު ޖަހައިދިނީ ފެޑެރީކޯ ގާޓީ އާއި އަރްކަޑިއުޒް މިލިޗްއެވެ. -- އޭއެފްޕީ