Advertisement

ވޯލްޑް ބޭންކުން އަންގަނީ މުށް ބާރު ކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށް

8 އޮކްޓޯބަރު 2023 - 08:08 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭ ކޮމާޝަލް ހާބަރުގައި މުދާ ބޭލުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ: އިމްޕޯޓަށް ކުރަން ޖެހޭ ހަރަދު ބޮޑު ވުމާ ގުޅިގެން ވެސް މާލީ ފިއްތުންތައް އެބަ ހުރި --- ފޮޓޯ/މުހައްމަދު ޝާބިން


ވޯލްޑް ބޭންކުން އަންގަނީ މުށް ބާރު ކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށް

8 އޮކްޓޯބަރު 2023 - 08:08 0

ޓޫރިޒަމް ސިނާއަތުގެ ހަލުވި ދުވެލީގައި އިގުތިސާދު ފުޅާވެ ކުރިއަރަމުން ދިޔަ ކަމުގައި ވިޔަސް ހަރަދުތައް ކުޑަކޮށްގެން މެނުވީ ދެމެހެއްޓެނެވި ގޮތެއްގައި ދައުލަތުގެ ހަރަދުތައް ނުކުރެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތުގެ މައްޗަށް އަލިއަޅުވާލާ ވޯލްޑް ބޭންކުން ކޮންމެ ކުއާޓަރެއްގައި ނެރޭ ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހި އިގުތިސާދަށް މި ވަގުތާއި ކުރު ރާސްތާގައި ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ބޮޑުވުމެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން ނަގާފައިވާ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނީގެ އަގު ހުރީ 107.8 ބިލިއަން ރުފިޔާގަ އެވެ. މިއީ ކޮވިޑު ބަލިމަޑުކަން ލައިގަތް ފަހުން ޗާޕުކުރި ދިވެހި ފައިސާ ނުހިމަނާ ދައުލަތުގެ ދަރަނި ހުރި މިންވަރެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ދަރަނީގެ ހާލަތު އިތުރަށް ގޯސްވަމުންދިޔުމުގެ ފަހަތުގައި ވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑު ވަމުން ދިޔުމާއި އިންފްލޭޝަން ކޮންޓްރޯލް ކުރަން ސަރުކާރުން ސަބްސިޑީ ދިނުމުގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު އެތެރެކުރަން ކުރަން ޖެހޭ ހަރަދު ބޮޑުވުމެވެ.

މިކަންކަމުގެ އަލީގައި ވޯލްޑް ބޭންކުގެ އިލްތިމާސަކީ އެންމެނަށް ލިބޭ ސަބްސިޑީ ސިޔާސަތުތައް އުވާލަން ސަރުކާރުން ފެށި މަސައްކަތް އަވަހަށް ތަންފީޒުކުރުމެވެ.

އޭގެ އިތުރުން ލިބޭ އާމްދަނީން ކުރާ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ ކުރުމާއި އާސަންދައިގައި ހުރި މައްސަލަތައް ހައްލުކުރުމާއި ސަރުކާރު މަޝްރޫއުތައް ހިންގަން އެސްއޯއީތަކަށް ބަރޯސާވުން ކުޑަކުރުމަށާއި އުމްރާނީ މަޝްރޫއުތަކުގެ ހަރަދު ކުޑަކުރެވޭނެ ގޮތް ތަކެއް ހޯދައި، އަވަހަށް ތަންފީޒުކުރަން ވެސް އެ ބޭންކުން އިލްތިމާސްކޮށްފައި ވެ އެވެ.

ދައުލަތުގެ މާލިއްޔަތަށް ސަރުކާރު ކުންފުނިތަކުގެ ދޯހަޅި ހިންގުމުގެ ބުރަ ބޮޑު ކަމުގެ މައްސަލައަކީ މީގެ ކުރިން ވެސް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަމެކެވެ.

މިފަހަރުގެ ރިޕޯޓުގައި ވެސް މިކަމަށް ތަކުރާރުކޮށް އަލިއަޅުވާލާފައިވާ އިރު މަޝްރޫއުތަކުގެ ހަރަދު ބޮޑު ވުމާއި ހިދުމަތްތަކުގެ ހަރަދު ބޮޑު ވުމުގެ ފަހަތުގައި މި ކުންފުނިތައް، ހާއްސަކޮށް ސަބްސިޑީ ލިބޭ ސަރުކާރު ކުންފުނިތަކުން، އަދާކުރާ ދައުރު ބޮޑު ކަމަށް ބަޔާންކޮށްފައިވެ އެވެ.