Advertisement

ފެނަކައަށް ބޭނުންވާ 19 ވެހިކަލެއް ހޯދަން އިއުލާންކޮށްފި

8 މޭ 2024 - 11:17 0

އަމަން ހަލީމް

އަމަން ހަލީމް

ގދ. ތިނަދޫ ފެނަކަ ބްރާންޗުގެ އޮފީސް: ފެނަކައިން 150 ރަށެއްގައި ހިދުމަތްދޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފެނަކައަށް ބޭނުންވާ 19 ވެހިކަލެއް ހޯދަން އިއުލާންކޮށްފި

8 މޭ 2024 - 11:17 0

އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރު ކުންފުނި، ފެނަކައަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.

ފެނަކައިން ވަކިވަކިން ކުރި އިއުލާންތަކުގައި އެ ކުންފުނީގެ ބޭނުންމަށް ޕިކަޕާއި ބައުޒަރާއި ވޯޓާ ސަކްޝަން އެންޑް ޖެޓިން ޓްރަކުތައް ހިމެނޭހެން 19 ވެހިިކަލެއް ސަޕްލައިކުރަން ހުޅުވާލާފައިވެ އެވެ.

މި ވެހިކަލްތައް ހޯދާ ސަބަބާ ގުޅޭ މައުލޫމާތު ދެމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ، އޭގެ ތެރޭގައި މިހާރު ކުއްޔަށް ނަގައިގެން ބޭނުންކުރާ ބައެއް ވެހިކަލްތަކުގެ ބަދަލުގައި އަމިއްލަ ވެހިކަލް ބޭނުންކުރަން ފެށުމާއި ހަލާކުވެފައި ހުރި ބައެއް ވެހިކަލްތައް އާ ކުރުން ކަމަށެވެ.

"މިހާރު ބޭނުންކުރާ ބައެއް ޖެޓިން މެޝިންތަކާއި ބައުޒަރުތައް ހުންނަނީ ކުއްޔަށް ނަގާފައި. ދެން ބައެއް ރަށްރަށުގައި ހުރި ވެހިކަލްތައް ހުރީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި." އޭނާ ވިދާޅުވި އެވެ.

ފެނަކައަށް ހޯދާ ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ:

  • 1.5 ޓަނުގެ ފަސް ޕިކަޕު
  • 5،000 ލީޓަރުގެ ދެ ބައުޒަރު
  • 10،000 ލީޓަރުގެ ދެ ބައުޒަރު
  • 20،000 ލީޓަރުގެ ބައުޒަރެއް
  • ބޮޑު ސައިޒުގެ ހަ ވޯޓާ ޖެޓިން ޓްރަކު
  • ކުދި ސައިޒުގެ ތިން ވޯޓާ ޖެޓިން ޓްރަކު

ވެހިކަލްތަކުގެ އިތުރުން ވެސް ފެނަކައިގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ސަޕްލައި ދޯންޏަކާއި ލޭންޑިން ކްރާފްޓެއް ވެސް ހޯދަން އިއުލާންކޮށްފަ އެވެ.

މިހާރު އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ގިނައިން ބޭނުންކުރަނީ ރަށްރަށުން ކުއްޔަށް ނަގައިގެން އުޅޭ އެއްގަމާއި ކަނޑުގެ އުޅަނދުތަކެވެ. މީގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވާން މެދުވެރިވެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ފެނަކައިގެ 2021 ގެ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުނީގެ ރައުސުލްމާލުގައި ހުރި އެ އަހަރުގެ ނިޔަލަށް ހުރި އިންޖީނު އެޅި އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަގަކީ 7.9 މިލިއަން ރުފިޔާ އެވެ. މިއީ އެވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގާ ކުންފުންޏަކާ ބަލާ ވަރަށް ކުޑަ އަދަދެކެވެ.

ފެނަކައަކީ ސައްތައިންސައްތަ ދިވެހި ސަރުކާރުން ހިއްސާވާ ކުންފުންޏެކެވެ.