Advertisement

ދެ އަހަރެއްހާ ދުވަސް ފަހުން ހަމެލްސް ޖަރުމަނު ޓީމަށް

7 އޮކްޓޯބަރު 2023 - 11:09 0


ދެ އަހަރެއްހާ ދުވަސް ފަހުން ހަމެލްސް ޖަރުމަނު ޓީމަށް

7 އޮކްޓޯބަރު 2023 - 11:09 0

މިއުނިކް (އޮކްޓޫބަރު 7) - ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަމާ ހޫލިއަން ނާގަލްސްމަން ހަވާލުވި ފަހުން ނެގި ފުރަތަމަ ސްކޮޑުގައި ތަޖުރިބާކާރު ޑިފެންޑަރު، މެޓްޒް ހަމެލްސް ހިމަނައިފި އެވެ.

މިއީ، ދެ އަހަރެއްހާ ދުވަސްތެރޭ ހަމެލްސް ޖަރުމަނު ސްކޮޑަކަށް ނެގި ފުރަތަމަ ފަހަރެވެ.

ހަމެލްސް، 34، އެންމެ ފަހުން ޖަރުމަނު ގައުމީ ޓީމަށް މެޗެއް ކުޅެދީފައިވަނީ 2021 ވަނަ އަހަރު އެވެ. ހަމެލްސްގެ އިތުރުން ނާގަލްސްމަން ނެގި ސްކޮޑުން ވަނީ ތަޖުރިބާކާރު ފޯވާޑް، ތޯމަސް މުލާ އަށް ވެސް ފުރުސަތު ދީފަ އެވެ. އެ ގޮތުން، މުލާ، ދެ އަހަރެއް ތެރޭ ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ މިދިޔަ މަހުގެ ގައުމީ ޓީމުގެ މެޗުތަކުގަ އެވެ.

މި ފަހަރު މުލާ އަށް ފުރުސަތު ދިން އެންމެ ބޮޑު ސަބަބަކީ އަނިޔާއާ ހެދި ޖަމާލް މުސިއާލާ މި ވަގުތު ޓީމާ ދުރުގައި ހުންނަން ޖެހުމެވެ.

މި މަހު، އެމެރިކާގައި ޖަރުމަނު ޓީމުން ޖަހާ ޓުއާ އަށް ނެގި ސްކޮޑުން ނާގަލްސްމަން ވަނީ ޖަރުމަނު ގައުމީ ޓީމުގެ ފުރުސަތު މުޅިން އަލަށް ތިން ކުޅުންތެރިއަކަށް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫނިއަން ބާލިން އަށް ކުޅޭ 32 އަހަރުގެ ފޯވާޑް، ކެވިން ބެރެންސް އާއި ސްޓުޓްގާޓްގެ ކްރިސް ފުއެރީޗް އަދި ބަޔާ ލެވަކޫސަންގެ ރޮބާޓް އެންޑްރިޗް އެވެ.

ނާގަލްސްމަން ފުރަތަމަ މެޗުތަކަށް ނެގި މި ސްކޮޑުން ލެއޮން ގޮރެޓްޒްކާ އަށް އަލުން ފުރުސަތު ދިންއިރު، އަނިޔާގެ ސަބަބުން ބަޔާންގެ ސާޖް ގްނާބްރީ އާއި އާރްބީ ލައިޕްޒިގުގެ ބެންޖަމިން ހެންރިޗްސް އަށް ޓީމުން ޖާގައެއް ނެތެވެ.

ކުރިން ޖަރުމަނު ޓީމުން ފުރުސަތު ލިބުނު ނަމަވެސް މި ފަހަރު ޓީމުގައި ނުހިމެނޭ ކުޅުންތެރިންގެ ތެރެއިން ޑޯޓްމަންޑްގެ އެމްރޭ ޗާން އާއި ނިކޯ ޝްލޮޓާބެކް ފާހަގަކޮށްލެވެ އެވެ.

ޖަރުމަނުން މި މަހު 14 ވަނަ ދުވަހު އެމެެރިކާއާ ކުޅުމަށް ފަހު އޭގެ ހަތަރު ދުވަސް ފަހުން މެކްސިކޯއާ ދެކޮޅަށް ކުޅޭނެ އެވެ. ނާގަލްސްމަން ޓީމު ތައްޔާރުކުރަނީ އަންނަ އަހަރު އެ ގައުމުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ. މި ވަގުތަށް ބަލާއިރު، ނާގަލްސްމަންގެ ކޮންޓްރެކްޓް އޮތީ ވެސް އަންނަ އަހަރުގެ ޔޫރޯގެ ނިޔަލަށެވެ.